Advertisement
ކ. މާލެ
|
27 ޖުލައި 2024 | ހޮނިހިރު 11:59
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
ޕާޓީތައް ލޭބަލް ކުރުން
ޕާޓީތައް ވަކި ގޮތަކަށް ލޭބަލް ކުރުމުން އެއިން އުފެދޭ ނަފްރަތަކީ މުޅި ޤައުމަށް އޮތް ނުރައްކަލެއް: ޝާހިދު
ރާއްޖެއިން އިސްލާމް ދީން ފޮހެވޭނެ ވާހަކަ ސިޔާސީ ވާހަކައެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދައްކާ
ކާބަފައިން ގެނެސްދިން މިނިވަންކަމާއި، އިސްލާމް ދީން މި ޖީލުގައިވެސް ދަމަހައްޓާނެ
ޝާހިދު ވަނީ ނަފްރަތު އުފައްދައި، މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ހުއްޓާލުމަށް ގޮވާލައްވާފައި
ޚަބަރުގެ އޯޑިއޯ

ނަފްރަތު އުފެއްދުމަށް ސިޔާސީ ޕާޓީތައް ވަކި ގޮތަކަށް ލޭބަލް ކުރުން ހުއްޓާލުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މިނިވަން ދުވަހު ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ރާއްޖެއިން އިސްލާމް ދީން ފޮހެވޭނެ ވާހަކަ ސިޔާސީ ވާހަކައެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދައްކާ ކަމަށާއި، ނަމަވެސް ދުވަހެއް ދުވަހަކަށް ރާއްޖޭގައި އިސްލާމް ދީނަށް ދޭ އިސްކަން ދާނީ އިތުރުވަމުން ކަމަށެވެ.

Advertisement

ޝާހިދު ވިދާޅުވީ، ކާބަފައިން ގެނެސްދިން މިނިވަންކަމާއި، އިސްލާމް ދީން މި ޖީލުގައިވެސް ދަމަހައްޓާނެ ކަމަށެވެ. އެހެންކަމުން އެކަމުގައި ޖެހިލުންވާން ޖެހޭ އަދި ބިރުވެރިކަން އުފައްދަން ޖެހޭ ސަބަބެއްވެސް ނެތްކަމަށް ޝާހިދު ވިދާޅުވިއެވެ.

އިސްލާމް ދީނުގެ ހިދާޔަތުގައި ތިބޭއިރު، މިއަދު ދިވެހިން ފަޚުރުވެރިވާން ޖެހޭކަންވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެން ފަޚުރުވެރިވާން ޖެހޭ މި އިންޑިއާ ކަނޑުގައި އޮތް އިސްލާމީ ކިއްލާއެއްކަން ރާއްޖެއަކީ، މި ދިވެހިރާއްޖޭގައި ވިހުރެމުންދާ ދިދައަކީ ފަޚުރުވެރި އިސްލާމީ ކިއްލާއެއްގައި ވިހުރެމުންދާ ދިދައެކޭ، ފަޚުރުވެރިވާން ވީ ނޫންތޯ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ޝާހިދު އިތުރަށް ވިދާޅުވީ، މިނިވަންކަމަކީ ބައިބައިވެގެން ހިފެހެއްޓޭނެ އެއްޗެއް ނޫން ކަމަށެވެ. އެއީ އެންމެން އެކަތިގަނޑަކަށް ވެގެން ހިފެހެއްޓޭނެ އެއްޗެއްކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، ވަކި ފިކުރަކަށްވީތީ ދީނާ ދެކޮޅު، ޤައުމުގެ މިނިވަންކަމާ ދެކޮޅު ބައެއްގެ ގޮތުގައި ލޭބަލް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެއީ ދިވެހިން ދެކޭ މިނިވަން ދައުލަތެއްގައި ކަން ހިނގަން ޖެހޭ ގޮތެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ނަފްރަތު އުފައްދައި، މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. 

އެއްބަސްވެވޭ ނޫންތޯ އަޅުގަނޑުމެން އެންމެންނަކީ ދިވެހިންކަން، އޭގައި ޚިލާފެއް އުފައްދައިގެން ނުވާނެ، އެއްބަސްވެވޭ ނޫންތޯ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަދެވެން ނޯންނާނެކަން، ދީގެންނުވާނެކަން، އެއްވެސް ޕާޓީއަކުން އެކަންކަމަށް ވަކާލާތެއް ނުކުރޭ، އެއްވެސް ޕާޓީއަކުން އެކަމަށް ޝައުޤުވެރިކަމެއްވެސް ނެތް، އެއިން އުފެދޭ ނަފްރަތު އެއީ އަޅުގަނޑުމެންގެ މިނިވަންކަމަށް އޮތް ނުރައްކަލަކީ، ޗެލެންޖަކީ ބައިބައިކޮށްލުން.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ޝާހިދު އިތުރަށް ވިދާޅުވީ، ބައިބައިވުން އުފެދޭ ގޮތަށް ވާހަކަ ދެއްކުމާ އެންމެންވެސް ދެކޮޅުވާން ޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް