ނޭޕާލްގެ ކަތަމަންޑޫ އެއަރޕޯޓުގައި ބޯޓެއް ވެއްޓި، ރޯވެ 18 މީހުން މަރުވެއްޖެއެވެ.
ބުދަ ދުވަހު ހިނގި މިހާދިސާގައި ސަލާމަތްވީ ހަމަ އެކަނި ޕައިލެޓް ކަމަށް ރިޕޯތްތައް ބުނެއެވެ.
ޙާދިސާ ދިމާވީ ސައުރުޔާ އެއަރލައިންގެ ޓެސްޓް ފްލައިޓަކަށެވެ.
ބޯޓުގައި ތިބީ 19 މީހުން ކަމަށާއި، އެއީ ޓެކްނިކަލް މުވައްޒަފުންނާއި، ދެ ކްރޫންނާއި، އެއަރލައިންގެ މުވައްޒަފުން ކަމަށް ނޭޕާލް މީޑިއާ އިން ބުނެފައިވެއެވެ. ބޯޓު ދަތުރުކުރީ ޓްރިބުއާން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ.
ބޯޓު ދަތުރު ކުރީ ފަތުރުވެރިކަމުގައި މަގްބޫލު މަންޒިލެއް ކަމަށްވާ ނޭޕާލްގެ ޕޮޚާރާ އަށް ކަމަށާއި ހާދިސާ ހިނގީ ނޭޕާލް ގަޑިން ހެދުނު 11:11 ހާއިރު ކަމަށް ނޭޕާލް ސަރުކާރުން ހާދިސާ އާ ބެހޭ ގޮތުން ހާމަ ކުރި ރަސްމީ ބަޔާނުގައި ބުނެފައިވެއެވެ.

ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބޯޓު ޓޭކް އޮފް ކުރިތާ ކުޑައިރު ކޮޅެއްގެ ތެރޭގައި ކަނާތްފަރާތައް އަނބުރާލުމާއެކު ރަންވޭގެ އިރުމަތީ ފަރާތައް ބޯޓު ކުއްލިއަކަށް ވެއްޓުނީ ކަމުގައެވެ.
ޙާދިސާގެ މަންޒަރު ފެންނަ ވީޑިއޯ އިން މުޅި ބޯޓުގައި ރޯވެ، ބޯ ދުން އަރަމުންދާ މަންޒަރު ފެނެއެވެ.
ސަރަހައްދުގައި ވަގުތުން އަލިފާން ނިއްވާ މީހުންނާއި އެމްބިއުލާންސް ހަރަކާތްތެރި ވަމުން ދިޔައެވެ.
މަރުވެފައިވާ 18 މީހުންގެ ހަށިތައް ބޯޓުން ނަގާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ޒަޚަމް ތަކާއެކު ޕައިލެޓް ވެސް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ސިވިލް އޭވިއޭޝަންގެ ބަޔާނުގައި ވެއެވެ.

ނޭޕާލް އަކީ ވައިގެ ދަތުރުފަތުރުގެ ރައްކައުތެރި ކަމުގައި މައްސަލަ ބޮޑު ގައުމެއްގެ ގޮތުގައި ފާޑު ކިޔުން އަމާޒުވެފައިވާ ގައުމެކެވެ. 2023 ވަނަ އަހަރު ޔެޓީ އެއަރލައިންގެ ބޯޓެއް ވެއްޓި 72 މީހުން މަރުވި ހާދިސާ ތަހުގީގު ކުރިއިރު، ބޯޓު ވެއްޓުނީ ޕައިލެޓަށް އޮޅިގެން ބޯޓުން ކަރަންޓު ކަނޑާލެވިގެން ކަމަށް ވެއެވެ.
ސައުރުޔާ އެއަރލައިން އަކީ ނޭޕާލްގެ އެތެރޭގެ ފަސް މަންޒިލަކަށް، އެ އެއަރލައިންގެ ތިން ބޯޓު ދަތުރު ކުރާ އެއަރލައިނެއް ކަމަށް އެ އެއަރލައިންގެ ވެބްސައިޓް ގައި ވެއެވެ.