Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2025 | އަންގާރަ 15:22
ނޭޕާލްގެ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވި އޮލީ
ނޭޕާލްގެ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވި އޮލީ
ރޮއިޓަރސް
ނޭޕާލް
ކޮރަޕްޝަނުގެ މުޒާހަރާތަކާ ގުޅިގެން ނޭޕާލުގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި
އޯލީ ސޮއި ކުރައްވައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިހާރު ނޭޕާލް އަށް ކުރިމަތިވެފައިވާ ހަމަ ނުޖެހުން، ޤާނޫނީ ގޮތުން ހައްލު ކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް ނޭޕާލްގައި ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން، ނޭޕާލްގެ ބޮޑު ވަޒީރު ކޭޕީ ޝަރްމާ އޯލީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ނޭޕާލްގެ ވެރި ރަށް ކަތަމަންޑޫގައި ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެ، އެ ޤައުމުގެ ސަރުކާރު ވަނީ ޕްރެޝަރަށް ވެއްޓިފަ އެވެ. މުޒާހަރާތައް ހޫނުވެފައި ވަނިކޮށް، އަންގާރަ ދުވަހުގެ މެންދުރު ބޮޑު ވަޒީރު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އޯލީ ސޮއި ކުރައްވައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިހާރު ނޭޕާލް އަށް ކުރިމަތިވެފައިވާ ހަމަ ނުޖެހުން، ޤާނޫނީ ގޮތުން ހައްލު ކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށެވެ.

އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ނޭޕާލްގައި ކުރިއަށް ގެންދަމުން އައި މުޒާހަރާ ތަކުގައި ވަނީ ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުންގެ ގެތަކަށް ހަމަލާދީ، ގެއްލުން ދީފަ އެވެ. އޭގެ ތެރޭގައި ބޮޑު ވަޒީރު އޯލީގެ ގެކޮޅާއި، ކުރީގެ ބޮޑު ވަޒީރު ޝޭރް ބަހާދުރު ދެއުބާގެ ގެކޮޅު ވެސް ހިމެނެ އެވެ. މީގެ އިތުރުން ސިޔާސީ ޕާާޓީ ތަކުގެ އޮފީސް ތަކަށް ވެސް ވަނީ ހަމަލާ ދީފަ އެވެ.

މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން އަންގާރަ ދުވަހު ކުރިއަށް ދިޔަ މުޒާހަރާ ތަކުގައި ވެސް ވަނީ ދެ މީހަކު މަރުވެފަ އެވެ. އޭގެ އިތުރުން، އިތުރު 90 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

މުޒާހަރާތައް ފެށިފައި ވަނީ ސަރުކާރުގެ އިސް މަޤާމު ތަކަށް ވަކި ބައެއްގެ ދަރިންނާއި ގާތް ތިމާގެ މީހުން އައްޔަން ކުރަމުންދާ ކަމަށް ބުނެ، ކޮރަޕްޝަނާ ދެކޮޅަށެވެ. މި މުޒާހަރާ ތަކުގައި ޒުވާނުންގެ ބައިވެރިވުން އިންތިހާ އަށް ބޮޑު ވެފައިވާ ކަމަށް ރިޕޯޓު ތަކުން ދައްކަ އެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް