Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2025 | އަންގާރަ 16:54
ނޭޕާލުގެ ޕާލިމެންޓް އިމާރާތުގައި ރޯކޮށްލާފައި
ނޭޕާލުގެ ޕާލިމެންޓް އިމާރާތުގައި ރޯކޮށްލާފައި
އެކްސް
ނޭޕާލް
ނޭޕާލުގެ ރައްޔިތުން މަޖިލިސް ކުރާ ގޭގައި ހުޅު ޖަހައިފި
ސޯޝަލް މީޑިއާ މަނާކުރުމާއި ކަރަޕްޝަންގެ ސަބަބުން ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވެ، ޕާލިމަންޓް އިމާރާތާއި އިސްވެރިންގެ ގެތަކުގައި އަލިފާން ރޯކޮށްފި. އެތައް ހާސް ޒުވާނުން ބައިވެރިވި މި އިހުތިޖާޖުގެ ސަބަބުން ބޮޑުވަޒީރު އިސްތިއުފާ ދީފި.

ނޭޕާލުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ޒުވާނުން އެ ގައުމުގެ ރައްޔިތުންގެ މަޖިލިސް ކުރާ ގެއަށް ވަދެގަނެ އިމާރާތުގައި އަލިފާން ރޯކޮށްލައިފިއެވެ.

މީގެ ކުރިން އިހުތިޖާޖުކުރާ ފަރާތްތަކުން ނޭޕާލުގެ އެތައް އިސް ލީޑަރުންގެ ގެތަކުގައި އަލިފާން ރޯކޮށްފައިވެއެވެ. މީގެ ތެރޭގައި މިހާރުގެ ކުރީގެ ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޯލީގެ ބަކްތަޕޫރުގައި ހުރި އޭނާގެ އަމިއްލަ ގެވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި ރޯކޮށްލީ ނޭޕާލުގެ ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޯލީ އޭނާގެ މަޤާމުން އިސްތިއުފާ ދިނުމުގެ މިނެޓުތަކެއް ކުރިންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ޖެން ޒީ އިން ޕާލިމަންޓް އިމާރާތުގެ ގޯތި ތެރެއަށް ވަދެ ގަނެ، އެތަނުގައި ހުރި އިމާރާތްތަކުގެ ތެރެއިން އެއް އިމާރާތުގައި ރޯކޮށްލިއެވެ.

ނޭޕާލުގައި އިހުތިޖާޖުތައް ހޫނުވީ ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ކުރުމާއި ސަރުކާރުގެ ތެރޭގައި ކަރަޕްޝަން އިންތިހާއަށް އިތުރުވުމާއި، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިހްތިޖާޖުތައް ނުރައްކާތެރި ހާލަތަކަށް ދިއުމުން ސޯޝަލް މީޑިއާ މަނާ ކުރުމަށް ނިންމި ނިންމުން ސަރުކާރުން ވަނީ އަނބުރާ ގެނެސްފައެވެ.

މަންޒަރުތަކުން ފެންނަ ގޮތުގައި އެތައް ހާސް މީހުން ޕާލިމަންޓަށް ވަދެފައިވެއެވެ. އަދި އިމާރާތުގައި ރޯކޮށްލުމުގެ ސަބަބުން މުޅި ސަރަހައްދުގައި ބޯ ދުންތައް އޮތީ ފެތުރިފައެވެ.

ނޭޕާލުގެ ހަމަނުޖެހުންތަކުގައި މަދުވެގެން 22 މީހުން މަރުވެ، ސަތޭކަ އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ޖެން ޒީ އިން ފެށި އިހުތިޖާޖުތައް ނޭޕާލުގެ ބޮޑެތި ހުރިހާ ސިޓީ ތަކަށް ވަނީ ފެތުރިފައެވެ.

މަސްދަރު: ހިންދުސްތާން ޓައިމްސް
- ކޮމެންޓް