މޭޔަރކަމާއި ހަވާލުވި އިރު ވިލިމާލެ އޮތީ އެކިތަންތަނުގައި ޓިނު ޖަހާ ބަންދު ކޮށްފައި ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް އެފަދައިން ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެހެންނަމަވެސް ބަންދުކޮށްފައި ހުރި ތަންތަން ހުޅުވާ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް މަޤާމަށް ވަޑައިގެން މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އިންޑަސްޓްރިއަލް ޒޯނު މިހާރުވެސް އޮތީ ވަރަށް ގޮނޑުކޮށް ކަމަށާއި އެތަން ސާފުކުރުމަށް ވެމްކޯ އާއި ވާހަކަދެކެވިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ ޒޯނުންވެސް އިތުރު ޕްލޮޓް ދެވޭނެތޯ ބަލާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ވިލިމާލޭގެ މަޝްރޫޢުތަކާއި ގުޅުން ހުރި އެންމެ ރަނގަޅު މައުލޫމާތުތައް ލިބިވަޑައިނުގަންނަވާކަން ފާހަގަކުރައްވާ އާޒިމް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. މޭޔަރުކަމާއި ހަވާލުވިތަނާ ގިނަ މަޝްރޫޢުތަކެއް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހޯދުމަށް ދަތިވި ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހޯދަމް މަސައްކަތްކުރަމުންދާ ކަމަށާއި އޮގަސްޓް 22ގެ ފަހުން އެ މައުލޫމާތު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަަމަށް އާޒިމް ވިދާޅުވިއެވެ.
އެކި ކަހަލަ ޕްރޮޖެކްޓްތައް އައިސްފަ އެބަހުރި. ކައުންސިލްގަ ހުރި ކޮންޓްރެކްޓް ވަރަށް ގިނަ އެއްޗެހި ނުފެނޭ. އެ އެއްޗެހި ހޯދައިގެން ކުރަން މިޖެހެނީ މަސައްކަތް. ކޮންޓްރެކްޓް ލިބޭ ވަރަކުން އާކުރާނަން. ހާމަކުރާނަން ކަންކަން.މާލޭގެ މޭޔަރ އާދަމް އާޒިމް
އާޒިމް ވަނީ އޮޑިވެރިންނާއި ގުޅުން ހުރި ކަންކަމާއި މެދުގަ ވެސް ވާހަކަދައްކަވާފައެވެ. އެކި އޮޑިވެރިންނާއި ވަކިވަކިން މީގެ ކުރިން ބައްދަލުވެފައިވާ ކަމަށާއި އޮޑިވެރިންގެ ހުރި ކަންކަން ކޮންމެވެސް ވަރަކަށް އެނގިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް ހުރިހާ އޮޑިވެރިން ބޭނުންވާ ކަންކަން ބެލުމަށް އެންމެން އެކުގައި ބައްދަލުވެގެން މަޝްވަރާކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ޤަބޫލުކުރެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. ވިލިނގިލީގައި އެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ވިލިމާލޭގައި ޔޮޓް މެރީނާ އެއް ހެދުމުގެ ވާހަކަ ދެކެވެމުންދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަން އުޅޭ ތަނަކީ އެއީ އޮޑިވެރިން އޮޑި އެހެލުމަށް އޮތް ހަމައެކަނި ތަން ކަމަށާއި އެތަނަށް ގޮތެއް ވުމަކީ އޮޑިވެރިންނަށް އެކަމުގެ ސީދާ އަސަރުކުރާނެ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ އޭނާ މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ކަންކަން ކައިރިން ބެއްލެވުމަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ގިނަގިނައިން ވިލިމާލެ އަށް ވެސް ގޮސް އެ ތަނުގެ ހާލަތު ބެލުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.