އިރާގުގެ އަންބާރު ޕްރޮވިންސްގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް އަކަށް އަންގާރަ ދުވަހު ޑްރޯން ހަމަލާތަކެއް ދީފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަސްކަރީ ބޭސް އަށް ދެ ޑްރޯން ހަމަލާ ވަނީ އަމާޒުވެފައެވެ. އެހެން ނަމަވެސް މީހަކަށް އަދި އެއްޗަކަށް ވެސް މި ހަމަލާ އިން ގެއްލުމެއް ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ މިއަހަރުގެ ފެބްރުއަރީ މަހު އިރާގުގައި ހުންނަ އެމެރިކާގެ ބޭސްގެ ހަރަކާތްތައް ހުއްޓާލި ކަމަށް އިއުލާން ކުރިފަހުން ދިން ދެވަނަ ހަމަލާއެވެ.
އޭޕްރީމް މަހު ވެސް ވަނީ އިރާގުގެ އައިން އަލް-އަސަދު ބޭސް އަށް ދެ ޑްރޯން ހަމަލާ ދީފައެވެ. އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުގައި ވަނީ އެ ދެ ޑްރޯން އެމެރިކާގެ އަސްކަރިއްޔާ އިން ވައްޓާލި ކަމަށެވެ.
އަންގާރަ ދުވަހު ދިން މި ޑްރޯން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
އާންމު ގޮތެއްގައި މިފަދަ ހަމަލާތައް އިރާގުގައި ދެމުން އައިސްފައިވަނީ އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓްންސް އިންނެވެ.
އަންގާރަ ދުވަހު މި ހަމަލާ ދީފައިވާއިރު، އަންނަ ހަފްތާގައި، އިރާގުގައި ހަރަކާތްތެރި ވަމުން އައި އެމެރިކާ އާއި އަދި ގުޅިފައިވާ ލަޝްކަރުގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޖެނުއަރީ މަހުގެ ތެރޭގައި އިރާގް ގެ އޮފިޝަލުންނާއި އެމެރިކާގެ އޮފިޝަލުން އެއްބަސްވެފައިވަނީ އިރާގުން އެމެރިކާ ސިފައިން ފޭބުމުގެ ތާވަލެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކޮމިޓީއެއް އެކުލަވާލުމަށެވެ.