ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ގެ އިސްތިއުފާ އަށް ގޮވާ ކެންޔާގެ މަގުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.
ދައުލަތުގެ ދަރަނިތައް ފޫބެއްދުމަށް ކަމަށް ބުނެ ޓެކްސް ބޮޑު ކުރުމަށް ގާނޫނު ހަދާ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލްގެ ސަބަބުން ޖޫން މަހުގެ މެދުތެރެއިން ފެށިގެން ކެންޔާގެ މަސްރަހު ވަނީ ގޯސްވެފައެވެ.
އަންގާރަ ދުވަހު އެތައް ސަތޭކަ ބަޔަކު ސަރުކާރާ ދެކޮޅަށް ވެރިރަށް ނައިރޯބީގެ މަގުތަކަށް ނުކުތް އިރު، ކެންޔާގެ އެހެން ބޮޑެތި ސިޓީ ތަކުގައިވެސް އާންމު ވަނީ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މުޒާހަރާ ކުރާ މީހުން ރޫޅާލުމަށް ވެރިރަށް ނައިރޯބީގައި ފުލުހުން ގެންދިޔައީ މުޅި ދުވަހު ކަހަލަ ގޮތަކަށް ޕެޕަރ ސްޕްރޭ ޖަހަމުންނެވެ. އޭގެ އިތުރުން މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ފެން ބަޑި ޖެހިކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ނިޓެންގަލާގައި މުޒާހަރާ ކުރި މީހުން ވަނީ މަގުމަތީގައި ޓަޔަރު ރޯކޮށް ރޫޓޯގެ އިސްތިއުފާ އަށް ގޮވާފައެވެ. ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި މި ޓައުންގައި އޮތް މުޒާހަރާގައި އެކަކު ވަނީ މަރުވެފައެވެ.
ކެންޔާގެ އާންމު ރައްޔިތުން ކެންޔާ ސަރުކާރުގެ 2.7 ބިލިއަން ޑޮލަރުގެ ޓެކްސް ޕްލޭނަށް ރުޅި ގަދަ ވުމުން އެ ޕްލޭން ކުރިއަށް ނުގެންދަވަން ކެންޔާގެ ރައީސް ނިންމެވި ނަމަވެސް އަންގާރަ ދުވަހު މުޒާހަރާ އަށް ނުކުތް މީހުން ބޭނުންވަނީ އޭނާ އިސްތިއުފާ ދެއްވުމަށެވެ.
ކެންޔާގެ އިގްތިސާދު ހީނަރުވެ، ތަކެތީގެ އަގު ބޮޑުވެ ސަރުކާރުގެ ކަރަޕްޝަނާ މެދު ރައްޔިތުން ތިބީ ފޫހިވެފައި ކަމަށް މުޒާހަރާ ކުރާ މީހުން ވަނީ ބުނެފައެވެ.
ސަރުކާރާ މެދު ހިތްހަމަ ނުޖެހި އާންމުން މުޒާހަރާ ކުރަން ފެށީ ހުސްވި މަހުގައެވެ. ސުލްހަވެރިކަމާ އެކު ފެށިގެން އައި މުޒާހަރާތައް ފަހުން ހޫނުވެ، ކެންޔާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް އާންމު ވަދެ އިމާރާތުގައި ވަނީ ހުޅު ޖަހާ، މުޒާހަރާ ކޮންޓްރޯލް ކުރަން ފުލުހުން ވަނީ އާންމުންގެ ގަޔަށް ބަޑި ޖަހާފައެވެ.
ޖޫން މަހުގެ މުޒާހަރާތަކުގައި ފުލުހުން ބަޑި ޖެހުމުގެ ސަބަބުން 50 މީހުން މަރުވި ކަމަށް ކެންޔާގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފައެވެ. އޭގެ އިތުރުން 59 މީހުން ގެއްލި 628 މީހުން ފުލުހުން ހައްޔަރު ކުރި ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މުޒާހަރާތައް މައިތިރި ކުރެވޭތޯ ކެންޔާގެ ރައީސް ވަނީ ޓެކްސް ޕްލޭން ކެންސަލް ކުރެއްވުމުގެ އިތުރުން އޭނާގެ ކެބިނެޓް ގައި ހިމެނޭ ގިނަ ވަޒީރުންވެސް މަގާމުން ވަކި ކުރައްވާފައެވެ. އަދި ފުޅާ ދާއިރާ އެއްގައި ރައްޔިތުންގެ ހިތްހަމަ ނުޖެހުންތަކާ މެދު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް، ވާހަކަ ދެއްކުމަށް ކެންޔާގެ ރައީސް ދެއްވި ދައުވަތު ގަބޫލު ނުކުރާނެ ކަމަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.