ކެންޔާގެ ކުރީގެ ބޮޑު ވަޒީރު ރައިލާ އޮޑިންގާގެ ޖަނާޒާގެ ތެރެއިން ފަސް މީހަކު މަރުވުމާ ގުޅުގެން، އޮޑިންގާގެ ހަށިކޮޅަށް ޒިޔާރާތް ކުރުމުގެ އެންމެ ފަހު މަރުޙަލާގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފި އެވެ.
ހޮނިހިރު ދުވަހު ކިސުމޫގެ ފުޓުބޯޅަ ދަނޑުގައި ބޭއްވި އިވެންޓުގައި އަސްކަރީ އޮފިސަރުންނާއި، ފުލުހުންނާއި އަދި ވައިގެ މަގުން ވެސް ޓީމުތައް ވަނީ ސަލާމަތީ ކަންކަން ބަލަހައްޓައިފަ އެވެ. އެތައް ހާސް ބަޔަކު ވަނީ އެ ދަނޑަަށް ވަދެ، އޮޑިންގާގެ ހަށިކޮޅަށް ޒިޔާރާތް ކޮށްފަ އެވެ.
އުމުރުފުޅުން 80 އަހަރުގައި އޮޑިންގާ އަވަހާރަވެފައި ވަނީ މިދިޔަ ބުދަ ދުވަހު އިންޑިއާގަ އެވެ. އޮޑިންގާ އަކީ ކެންޔާގެ ޑިމޮކްރަސީ އަށް ވަރުގަދަ މަސައްކަތެއް ކުރެއްވި ބޭފުޅެކެވެ. އޭނާގެ މަސައްކަތް ފާހަގަ ކުރައްވައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ފަދަ ބޭފުޅުން ވަނީ ތައުރީފު ވެސް ކުރައްވައިފަ އެވެ. އޮޑިންގާ ވަޅުލުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ބޮންޑޯގަ އެވެ.
އޮޑިންގާގެ ހަށިކޮޅު ޤައުމަށް ގެނައުމާ އެކު، އޭނާ އަށް ތާއީދު ކުރާ އެތައް ހާސް ބަޔަކު ވަނީ އެއްވެފަ އެވެ. ބުރާސްފަތި ދުވަހު އޮޑިންގާގެ ހަށިކޮޅަށް ޒިޔާރާތް ކުރުމުގެ ފުރަތަމަ ޙަރަކާތް ކުރިއަށް ގެންގޮސްފައިވާއިރު، އެ އެއްވުމުގައި ވަނީ ތިން މީހަކު މަރުވެފަ އެވެ. އަދި ހުކުރު ދުވަހު ދައުލަތުގެ ރަސްމީ އިއްޒަތުގެ ރަސްމިއްޔާތަށް ފަހު، އެއްވުމުގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. އޭގެ އިތުރުން 163 މީހަކަށް ވަނީ އަނިޔާވެފަ އެވެ.
އޮޑިންގާ ވަނީ 30 އަހަރުގެ ތެރޭގައި ފަސް ފަހަރު ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވައިފަ އެވެ. އެ އިންތިޚާބު ތަކުގައި އޮޑިންގާ އަށް ނާކާމިޔާބާ ކުރިމަތިލައްވަން ޖެހުނު ނަމަވެސް، ކެންޔާގައި ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއް ތައާރަފު ކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ. އޭނާގެ ހަށިކޮޅު ވަނީ ކެންޔާގެ ޤާނޫނު ހަދާ މަޖިލީހުގައި ވެސް ބާއްވަވައިފަ އެވެ. މިއީ އެ ޤައުމުގައި ހަމައެކަނި ރައީސުންނާއި، ކުރީގެ ރައީސުންނަށް ދެވޭ ޝަރަފެކެވެ.
ކެންޔާގެ ރައީސް ވިލިއަމް ރުޓޯ ވަނީ، އޮޑިންގާ އަކީ ޤައުމަށް އިޚުލާސްތެރި އަދި ވަފާތެރި ލީޑަރެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. ރުޓޯ ވަނީ، 2007 ވަނަ އަހަރުގެ ވާދަވެރި ރިޔާސީ އިންތިޚާބުގައި އޮޑިންގާ އަށް ތާއީދު ވެސް ކުރައްވައިފަ އެވެ. ނަމަވެސް، އޭގެ ފަހުން ރުޓޯ އާއި އޮޑިންގާ އަކީ ސިޔާސީ ދެ ވާދަވެރިންނެވެ.