ކެންޔާގެ ނައިބު ރައީސް ރިގަތި ގަޗަގުއާ ބުރާސްފަތި ދުވަހުގެ ރޭ ޤައުމުގެ ސެނެޓުގައި ނެގުނު ތާރީޚީ ވޯޓަކުން އިމްޕީޗްކޮށް މަޤާމުން ވަކިކޮށްފިއެވެ.
މިއީ 2010 ވަނަ އަހަރު އެ ގައުމުގެ ޤާނޫނު އަސާސީއަށް އިމްޕީޗްމަންޓް ތަޢާރަފުކުރެވުނު ފަހުން މިގޮތަށް މަޤާމުން ވަކިކުރެވުނު ފުރަތަމަ ނައިބު ރައީސްއެވެ.
މަގާމުން ވަކިކުރި ނައިބު ރައީސް އުމުރުން 59 އަހަރުގެ ގަޗަގުއާއަކީ ރައީސް ވިލިއަމް ރޫޓޯގެ ގާތް އެކުވެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ފަރާތެކެވެ.
އިތުބާރު ނެތްކަމަށް އޭނާ ގެ މައްޗަށް ހުށަހެޅުނު އޭނާއާ ދެކޮޅަށް 11 ކުށެއްގެ ތުހުމަތު ހުށަހެޅުނެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ނުކިޔަމަންތެރިވުމާއި، ނަސްލީ ހަމަނުޖެހުން އުފެއްދުމާއި، ކޮރަޕްޝަނާއި، ސަރުކާރު ބަލިކަށިކުރުމާއި، ކަޅު ފައިސާ ދޮވުން ފަދަ މައްސަލަތައް ހިމެނެއެވެ.
ގަޗަގުއާ ވަނީ އޭނާއާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކަކީ ސިޔާސީ މަޤްޞަދެއްގައި ކުރެވުނު ތުހުމަތެއް ކަމަށް ބުނެ އެ ކުއްތަކަށް ދެކޮޅުހަދާފައެވެ. ނަމަވެސް ކެންޔާގެ ގާނޫނު އަސާސީ އޮންނަ ގޮތުން އެންމެ ކުށެއް ސާބިތުވިޔަސް އެ ގައުމުގެ ސެނެޓަށް އޭނާ މަޤާމުން ވަކިކުރެވޭ ގޮތައް އޮތް އިރު، ގަޗަގުއާއާ ދެކޮޅަށް ކުރެވުނު 11 ކުށުގެ ތުހުމަތުގެ ތެރެއިން 5 ކުށެއް ސާބިތުވާކަމަށް ސެނެޓެން ނިންމިއެވެ.
ބުރާސްފަތި ދުވަހުގެ ވޯޓު ނެގުނީ ދެ ދުވަހުގެ މުއްދަތަށް ސެނެޓުގައި ކުރިއަށް ގެންދެވުނު އަޑުއެހުންތަކަށް ފަހުގައެވެ.
ކުރީގައި ގާނޫނު ހަދާ މަޖިލިހުގެ މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި ގަޗަގުއާ އޮގަސްޓު 2022 ގައި ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސްގެ ރަނިންމޭޓުގެ ގޮތުގައި ބުރަ މަސައްކަތްތަކެއް ކޮށް އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ.
ނަމަވެސް އިންތިޚާބުގެ ފަހުން މި ދިޔަ ދެ އަހަރުގެ ތެރޭގައި ދެފަރާތުގެ ގުޅުން ވަނީ ހީނަރުވަމުން ގޮސްފައެވެ. އަނެއްކޮޅުން ރައީސް ރޫޓޯ ވަނީ އިންތިޚާބުގައި އޭނާ އާ އެންމެ ބޮޑަށް ވާދަކުރެއްވި ކެންޑިޑޭޓް އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާއާ ގުޅުން ބަދަހި ކުރައްވާފައެވެ.
ނައިބު ރައީސް އާއި ރައީސްގެ ގުޅުން ގޯސްވެ، ނައިބު ރައީސް ވިދާޅުވަމުން ގޮސްފައިވަނީ އޭނާ މުހިންމު ހުރިހާ ކަމަކުން އެއްފަރާތްކޮށް އެއްވެސް ކަމަކާ ނުބައްސާ ކަމުގައެވެ. ރައީސް ރުޓޯ ތުހުމަތު ކުރައްވާ ގޮތުގައި ދާދި ފަހުން ކެންޔާގައި ހިނގި ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް ހިތްވަރު ދެއްވާ ނައިބު ރައީސް ވަނީ ފަނޑުވެސް ކުރައްވާފައެވެ.
ބުރާސްފަތި ދުވަހު ގަޗަގުއާ ސެނެޓަށް ޖަވާބުދާރީވާން ހާޒިރުވާނެ ކަމަށް އުންމީދުކުރި ނަމަވެސް އޭނާ ހާޒިރުވެފައެއް ނުވެއެވެ. އޭނާގެ ވަކީލުން ބުނި ގޮތުގައި "ވަރަށް ބޮޑަށް މެޔަށް ތަދުވާތީ" ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ހާޒިރުނުވި ނަމަވެސް، ސެނެޓަރުން ވޯޓުދިނީ އިމްޕީޗްމަންޓް އަޑުއެހުން ކުރިއަށް ގެންދިއުމަށެވެ.
މިއާއެކު ނައިބު ރައީސްގެ ވަކީލުން އެ މައްސަލައިން ތަނާޒުލުވިއެވެ.
ރޭގަނޑުގެ ނިޔަލަށް ކުރިއަށް ދިޔަ ބަހުސް އަށް ފަހު އެންމެ ފަހުން، ސެނެޓަރުން ނިންމީ އޭނާ ފަސް ކަމަކުން ޤާނޫނުއަސާސީ "ޚިލާފްވެފައިވާ" ކަމަށެވެ.
ނަމަވެސް، ކޮރަޕްޝަންގެ ތުހުމަތު ހިމެނޭ ގޮތަށް 6 ތުހުމަތަކުން އޭނާގެ ކުށެއް ނެތްކަމަށް ނިންމުނެވެ.
ފާއިތުވި ހަފްތާގައި، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމުގައިވާ ނެޝަނަލް އެސެމްބްލީން ވަނީ 282-44 ވޯޓުން ނައިބު ރައީސް އިތުބާރު ނެތްކަމަށް ފާސްކޮށްފައެވެ. އެއާއެކު މައްސަލަ ދެން ފޮނުވުނީ ސެނެޓަށެވެ. ގަޗަގުއާ މަޤާމުން ވަކިކުރުމަށް ސެނެޓުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވިއިރު، 67 ސެނެޓަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުން ވެސް އޭނާ ވަކިކުރުމުގެ ހުށަހެޅުމަށް ތާއީދުކުރިއެވެ.
ކެންޔާގެ ޤާނޫނު އަސާސީގެ ދަށުން، ދެ މަޖިލީހުން ފާސްކުރުމުން އެ ހިސާބުން މަޤާމުން ވަކިވީއެވެ. ނަމަވެސް، ގަޗަގުއާއަށް ކޯޓުގައި އިމްޕީޗްމަންޓް އިސްތިއުނާފް ކުރެވޭނެއެވެ. ގައުޗާ ވިދާޅުވެފައިވަނީ އޭނާ އެކަން ކުރައްވާނެ ކަމަށެވެ.
އިމްޕީޗްމަންޓް އިސްތިއުނާފް މައްސަލަތައް އަޑުއެހުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް މިހާރުވެސް ވަނީ ކަނޑައަޅާފައެވެ.
ކެންޔާގެ ޤާނޫނުތަކުގެ ދަށުން، ނައިބު ރައީސްގެ މަޤާމަށް އައު ބޭފުޅަކު ހުށަހެޅުމަށް ރައީސަށް 14 ދުވަސް ލިބެއެވެ. ނަމަވެސް، ހުކުރު ދުވަހުގެ ކުރީކޮޅު، ރައީސް ރުޓޯ ވަނީ ދާޚިލީ ވަޒީރު ކިތުރެ ކިންދިކީ ނައިބު ރައީސްގެ މަޤާމަށް ހުށަހަޅުއްވާފައެވެ.