ކޮންމެ އަހަރަކު އެއް ފަހަރު ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލު ކުރާ އާދައިގެ މަތިން ހިޖުރީ އައު އަހަރު ފެށުނު އާދީއްތަ ދުވަހު ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ހޯމަ ދުވަހުގެ ރޭ އިޝާ ނަމާދުގެ ފަހުން ފެށުނު މި ރަސްމިއްޔާތު ހިނގަމުން ދިޔައިރު އުރަކޮޅު ބަދަލު ކުރުމުގެ ހަރަކާތްތައް ޝައުގުވެރި ކަމާއެކު ބަލަން ގިނަ ބަޔަކު ތިބިކަން ފާހަގަ ކުރެވެއެވެ.
ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުވެފައި އޮންނަނީ ކިންގް އަބްދުލް އަޒީޒް ކޮމްޕްލެކްސްގައި ގެފުޅުގެ އުރަކޮޅަށް ޚާއްސަ ކުރެވިފައިވާ އޮފީހުންނެވެ.
އުރަކޮޅު ބަދަލު ކުރުމުގެ މަސައްކަތުގައި 159 ފަންނުވެރިން ބައިވެރިވެފައިވާ ކަމަށް ސައުދީ ޕްރެސް އޭޖެންސީން ބުނެފައި ވެއެވެ.
ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރަނީ އެކަމަށްޓަކައި ގާއިމް ކޮށްފައިވާ އިދާރާ ކިންގް އަބްދުލް އަޒީޒް ކޮމްޕްލެކްސް ފޯ ހޯލީ ކައުބާ ކިސްވާ ގައެވެ. އުރަކޮޅު ތައްޔާރު ކުރުމުގައި 200 ށް ވުރެ ގިނަ ފަންނުވެރިން ބައިވެރިވާ ކަމަށް ސައުދީ އަރަބިއްޔާގެ މީޑިއާ އިން ބުނެފައިވެއެވެ.
އުރަކޮޅު ތައްޔާރު ކުރުމަށް ގާއިމް ކޮށްފައިވާ ކޮމްޕްލެކްސްގައި ކުލަ ޖެއްސުމާއި، ފެހުމާއި، ޕްލޭޓް ކުރުމާއި، އެސެމްބްލް ކުރުން ފަދަ މަސައްކަތްތައް ކުރަނީ އެކަން ކަމަށް ޚާއްސަ ޑިޕާޓްމަންޓް ތަކުގައެވެ.
އުރަކޮޅު ފެހުމުގެ މަސައްކަތައް ޚާއްސަ، ކޮމްޕިއުޓަރުން އޮޕަރޭޓް ކުރާ، ދިގު މިނުގައި 16 މީޓަރު ހުންނަ މެޝިނަކީ ދުނިޔޭގެ އެންމެ ބޮޑު ފަހާ މެޝިން ކަމަށް ސައުދީ އޮފިޝަލުން ބުނެއެވެ.
ދިގު މިނުގައި 14 މީޓަރު ހުންނަ އުރަކޮޅުގެ ބަރުދަނުގައި 1350 ކިލޯ ހުރެއެވެ. ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރެވިފައި ހުންނަނީ އުރައިގެ ބައިތައް ހަތަރު ބިތައް ވަކިވަކިންނެވެ. އަދި ގެފުޅުގެ ދޮރުކޮޅަށް ވަކި ފަރުދާ އެއް ތައްޔާރު ކޮށްފައި އޮވެއެވެ.
ކިސްވާ ތައްޔާރު ކުރުމުގައި ކަޅު ކުލަ ޖައްސާފައިވާ 1000 ކިލޯގެ ގުދުރަތީ ފަށުތްވާއި، 120 ކިލޯގެ ރަން ބަރަންޏާއި، 100ގެ ކިލޯ ރިހި ބަރަނި ބޭނުން ކޮށްގެން ކަމަށް ސައުދީ އަރަބިއްޔާގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.