ގެފުޅުގެ ބެލެހެއްޓުމާއި، ގެފުޅުގެ ތަޅުދަނޑިކޮޅުގެ ވެރިއެއްގެ ގޮތުގައި ހުންނެވި ޝެއިޚް ސާލިހް އަލް ޝައިބީ ހޮނިހިރު ދުވަހު ނިޔާވެއްޖެ އެވެ.
އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވުނީ މަސްޖިދުލް ހަރާމް ގައެވެ. ވަޅުލީ މައްކާގެ އަލް މުއައްލާ ގަބުރުސްތާނުގައެވެ.
ޝެއިޚް ޝައިބީ އަކީ ކީރިތި ރަސޫލާގެ އަތްޕުޅުން ގެފުޅުގެ ތަޅުދަނޑިކޮޅު ހަވާލު ކުރެއްވި ސަހާބީ އުސްމާން ބިން ތަލްހާގެ ދަރިފަސް ކޮޅުން 77 ވަނަ އަށް ގެފުޅު ބެލެހެއްޓުމާއި ހަވާލު ވި ފަރާތެވެ.
ޝެއިޚް ޝައިބީ އަށް ގެފުޅުގެ ތަޅުދަނޑިކޮޅާ ހަވާލު ކުރީ 2013 ވަނަ އަހަރުއެވެ.
ގެފުޅުގެ ތަޅުދަނޑިކޮޅު ހަވާލު ކުރެވޭ ފަރާތަކީ ގެފުޅުގެ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ. މިގޮތުން ގެފުޅު ދޮވުމާއި، ސާފުކުރުމާއި، އުރަކޮޅު ބަދަލު ކުރުމާއި، ގެފުޅަށް ޒިޔާރަތް ކުރަން އަންނަ މެހުމާނުންނަށް މަރުހަބާ ކިޔުން ފަދަ ކަންކަން ކުރުމުގެ އެންމެ އިސް ފަރާތަކީ ގެފުޅުގެ ތަޅުދަނޑިކޮޅު އޮންނަ ފަރާތެވެ.
އިސްލާމީ ތާރީޚް ބުނާ ގޮތުގައި އުސްމާން ބިން ތަލްހާ އަށް މައްކާގެ ތަޅުދަނޑިކޮޅު ކީރިތި ރަސޫލާ ހަވާލު ކުރެއްވުމަށް ފަހު މިއަދާ ހަމައަށް ވެސް ގެފުޅުގެ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި އިސްކުރެވެނީ އެ އާއިލާ އަށް ނިސްބަތްވާ ފަރާތެކެވެ.
ގެފުޅުގެ ތަޅުދަނޑިކޮޅު ދެން ހަވާލު ކުރާނީވެސް އަލް ޝައިބީގެ އާއިލާގެ މެމްބަރަކަށް ކަމަށް 'އިންސައިޑް ދަ ހަރަމައިން' އެކްސް ގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
އަލް ޝައިބީ އަކީ ގެފުޅުގެ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ވެރިޔާގެ އިތުރުން އިސްލާމީ ތާރީޚްގެ ރޮނގުން ޕީއެޗްޑީ ހާސިލް ކުރައްވާ ޔުނިވަރސިޓީގައި ކިޔަވައިދެއްވި ލެކްޗަރަރ އެކެވެ.