ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 11:47
ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ
ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ
ރާއްޖެއެމްވީ
މޫސަގެ މަރުގެ މައްސަލަ
މޫސަގެ މަރު: ސައްމާހު ބަންދު ނުކުރުމަށް ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފި
ދައުލަތުން އެދުނީ އިސްތިއުނާފު ނިމެންދެން ސައްމާހު ބަންދު ކޮށްދިނުމަށް
ފަނޑިޔާރު ސުއޫދުގެ ރައުޔަށް ދެން ތިއްބެވި 2 ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފައި

ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ ބަންދުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މޫސާ އަހުމަދު މަރާލި މައްސަލައިގައި ސައްމާހުގެ މައްޗަށް ކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ދައުލަތުން ވަނީ އިސްތިއުނާފު ނިމެންދެން ސައްމާހު ބަންދު ކޮށްދިނުމަށް އެދިފައެވެ.

ނަމަވެސް ހައިކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަންޖެހޭ ސަބަބެއް ނެތްކަަމަށް ބުނެފައެވެ. އެހެންކަމުން ދައުލަތުން އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅީއެވެ.

ސުޕްރީމް ކޯޓުގައި ދައުލަތުން ވަނީ އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ އަލުން ތަހުވީލު ކުރުމަށް އެދިފައެވެ.

މި މައްސަލައިގައި ރައުޔު އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ކުށުގެ ތުހުމަތު ކުރެވޭ މީހަކު ޝަރީއަތުގެ މުއްދަތުގައި ބަންދުގައި ބަހައްޓަން ޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ އިހުތިޔާރުގައި އޮންނަ ކަމެއް ކަމަށާއި، އެ އިހުތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަން ޖެހޭކަމަށް ބެލެވޭ އިސްތިސްނާ ޙާލަތެެއް މި މައްސަލައިގައި އޮތްކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

އެހެންކަމުން ހައިކޯޓުގެ ނިންމުމަށް ތާއީދު ކުރައްވާކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ. އެ ރައުޔަށް ދެން ތިއްބެވި 2 ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ.  

ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް