ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 10:29
ސަރުކާރުގެ ޚަރަދުތައް އިންތިހާ އަށް މަތިވެފައިވާއިރު، އެކަމުގެ އުނދަގޫ އާންމު ރައްޔިތުންނަށް ޖެހޭތީ ރައްޔިތުން ކަންބޮޑުވޭ
ސަރުކާރުގެ ޚަރަދުތައް އިންތިހާ އަށް މަތިވެފައިވާއިރު، އެކަމުގެ އުނދަގޫ އާންމު ރައްޔިތުންނަށް ޖެހޭތީ ރައްޔިތުން ކަންބޮޑުވޭ
ރާއްޖެ އެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު
ޚަރަދު ކުޑަ ކުރަން ފުރަތަމަ ޖެއްސެވީ، ނިކަމެތި ރައްޔިތު މީހާގެ ކަރުގައި ގޮށް!
ސިޔާސީ މަގާމުތައް އިންތިހާ އަށް ގިނަވެ، ސަރުކާރު ހިންގުމުގެ ޚަރަދު ބޮޑުވެ، ރަށް ރަށުގައި ހިންގަމުން ދިޔަ ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައި އޮތްއިރު، އަދި ވެސް ސަރުކާރުން ރައްޔިތުންގެ ކަރުގައި ގޮށް ޖަހަން މަސައްކަތް ކުރާ ކަމަށް ގިނަ އާންމުން ދަނީ ބުނަމުންނެވެ.

މި ސަރުކާރު އުފެދިގެން އައީ، ޚަރަދު ކުޑަ ކުރުމުގެ ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުންނަށް އެންމެ ބޮޑަށް ވިއްކި އެކައްޗަކީ ވެސް އެއީ އެވެ. ކުރީ ސަރުކާރުގެ މަތި ބަރު ވާހަކަ އާއި، ޚަރަދު ބޮޑު ވާހަކަ އެވެ. ރައްޔިތުންނަށް ފައިދާ ވާނެ ކަންކަން އޭރުގެ ސަރުކާރުން ކުރަމުން ނުދާ ކަމަށާއި، ތިމަންނާ މީހުން ކުރާނީ މުޅިން ވެސް ރައްޔިތުންނަށް ފައިދާ ވާނެ ކަންކަން ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އުފެދުނު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ހަތް މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެގެންދާއިރު، ފެންނަމުން ދަނީ މުޅިން އެހެން މަންޒަރެކެވެ. ވެރިކަަމަށް އައުމަށްޓަކައި ދެއްކެވި ވާހަކަަތަކާއި، ވެރިކަމަށް ވަޑައިގެން ޢަމަލު ކުރައްވަމުން ގެންދަވާ ގޮތް ތަފާތެވެ. މިހާތަނަށް އައިއިރު، މި ސަރުކާރަށް ރައްޔިތަކަށް ފައިދާވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.

ސަރުކާރުގެ ޚަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާކަން އެ ހުރީ ސާފުކޮށް ފެންނާށެވެ. އިންތިހާ އަށް ސިޔާސީ މަޤާމުތަކަށް މީހުން އައްޔަން ކުރުމުގެ ނަތީޖާ އަކީ، ސަރުކާރު ހިންގުމުގެ ޚަރަދު ބޮޑުތަނުން މަތިވެގެން ދިޔުމެވެ. 700 އަށް ވުރެ ސިޔާސީ މަޤާމުތަކުގެ އަދަދު މަތި ނުވާނެ ކަމަށް ވައުދުވެފައި އޮތް ނަމަވެސް، މިހާތަނަށް އެނގެން އޮތް ގޮތުގައި އެ އަދަދު ހުރީ 2000 އަަށް ވުރެ މަތީގަ އެވެ. ސިޔާސީ މަގާމުތަކަށް މުސާރަ ދިނުމާއި، ދައުލަތް ހިންގުމަށް ކުރާ ޚަރަދު ވަނީ މިލިއަނުން މަތިވެފަ އެވެ.

ދެން ފެންނަން އޮތް ޙަގީގަތަކީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ނުދާ ކެމެވެ. ރަށް ރަށުގައި ކުރިން ފަށާފައިވާ އުމުރުރާނީ ތަރައްޤީގެ މަޝްރޫއުތައް ވެސް މިހާރު އެ ހުރީ ހުއްޓިފަ އެވެ. ރަށް ރަށުގައި މަސައްކަތް ކުރަން ގެންގޮސްފައިވާ ހައިމާކުގެ ދަތް ގަނޑު ގުޑުވާލާނެ ހިތްވަރު ވެސް މި ސަރުކާރުގައި ނެތެވެ. އެ ވާހަކަ ދައްކަނީ ވެސް މި ސަރުކާރު ގެންނަން މަސައްކަތް ކުރި މީހުންނާއި، ރަށް ރަށުގެ އާންމު ރައްޔިތުންނެވެ.

ސަރުކާރުގެ ޚަރަދުތައް އިންތިހާ އަށް މައްޗަށް ދިޔުމުން، ދައުލަތް ނުހިންގޭނެ ކަމުގެ ރަނގަ ބީލު ޖަހަން ފެށުމުން، ސަރުކާރުން ދެއްކީ ޚަރަދު ކުޑަ ކުރަން އުޅޭ ވާހަކަ އެވެ. ނަމަވެސް، އެކަމުގައި ސަރުކާރު ހިންގުމަށް ކުރަމުން އައި ޚަރަދުތައް ކުޑަ ކުރުމުގެ ބަދަލުގައި، އިސް ނެގީ އާންމު ރައްޔިތުންނަށް އެކަމުގެ ދުއްތުރާ ޖެއްސުމަށެވެ. ހުރިހާ ބާރެއް ނުވަތަ ބުރައް ޖެހެނީ ވެސް ނިކަމެތި އާންމު ރައްޔިތު މީހާ އަށެވެ.

ޓެކްސް ބޮޑު ނުކުރާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ވިދާޅުވި ނަމަވެސް، ވެރިކަަމަށް އައިސް ނިންމީ ޓެކްސް ބޮޑު ކުރުމަށެވެ. އެގޮތުން ގްރީން ޓެކްސް ރޭޓު ބޮޑު ކުރުމާއި، ޖީއެސްޓީ ނަގާ މުދާ އިތުރު ކުރުމާއި، އިމްޕޯޓު ޑިއުޓީގެ ރޭޓުތައް ބޮޑު ކުރުމުގެ އިތުރުން، ޓެލެކޮމް ޚިދުމަތް ދެމުން އަންނަ ފަރާތްތަކުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކްސް ބޮޑު ކުރަން ވެސް ސަރުކާރުންް އޮތީ ނިންމައިފަ އެވެ. މިކަންކަމުގެ ސަބަބުން، އާންމު ރައްޔިތުންގެ އަތުން ކުރަން ޖެހޭ ޚަރަދުތައް ވެސް އިތުރު ވެގެން ދާނެ އެވެ.

މުދަލުގެ އަގު އުފުލިގެންދާއިރު، އާންމު ޚިދުމަތްތަކުގެ އަގު ވެސް އުފުލިގެން ދާނެ އެވެ. ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާ އަށް ގިނަވެ، ސަރުކާރު ހިންގުމުގެ ޚަރަދު ބޮޑުވެ، ރަށް ރަށުގައި ހިންގަމުން ދިޔަ ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައި އޮތްއިރު، އަދި ވެސް ސަރުކާރުން ރައްޔިތުންގެ ކަރުގައި ގޮށް ޖަހަން މަސައްކަތް ކުރާ ކަމަށް ގިނަ އާންމުން ދަނީ ބުނަމުންނެވެ. އެކަމުގެ ހުރިހާ ތަކުލީފަކާއި އުނދަގުލެއް އުފުލަން ޖެހޭނީ އާންމު ރައްޔިތު މީހާ އަށް ވުމުގެ ކަންބޮޑުވުން ގިނަ މީހުން ދަނީ ފާޅު ކުރަމުންނެވެ.

އޭގެ ބަދަލުގައި ސަރުކާރުން ކުރަންވީ ކަމަކީ، ސަރުކާރުގެ ޚަރަދު ކުޑަ ކުރުމެވެ. ސިޔާސީ މަގާމުތަކެ އަދަދު ދަށް ކުރުމެވެ. އެކި އެކި ދަތުރުތައް ކުރެއްވުމަށް މިލިއަނުން ޚަރަދު ކުރަމުންދާއިރު، އެކަން ވެސް މަދު ކުރަންވީ އެވެ. މިހާތަނަށް ރައީސުޖުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު ކުރެއްވި އެއްވެސް ދަތުރުފުޅަކުން، ރާއްޖެ އަށް އެއްވެސް ފައިދާއެއް ނުވާ ކަމަށް ގިނަ މީހުން ދެކެ އެވެ. އެންމެ ކުޑަމިނުން ބަޖެޓު ސަޕޯޓު ގަނޑެއްގެ މިންވަރު ނުލިބުނުއިރު، ޑޮލަރެއްގެ ހިސާބު ވެސް ލިބިފައި ނުވާ ކަމަށް ގިނަ ތަޖުރިބާކާރުން ވެސް ދަނީ ބުނަމުންނެވެ.

ރައްޔިތަކަށް ކަމެއް ކޮށްނުދެވުނު ތަނުގައި، ރައްޔިތުންގެ ކަރުގައި ގޮށް ނުޖެހުމަށް ގިނަ އާންމު ރައްޔިތުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ކޮމެންޓް