ގައުމީ ގުރުއާން މުބާރާތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކާ މުބާރާތުގެ ބައިވެރިންގެ އަދަދު މަދުވާނެ ގޮތަކަށް ކަންކަން ތަރުތީބުކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލި ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް އެފަދައިން ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ކޮންމެ އަހަރަކު ވެސް އެ މުބާރާތުގައި ހާހަކަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއީ މުބާރާތް ހިނގަން އެންމެ ރަނގަޅު ގޮތްތޯ މަޝްވަރާކުރެވެން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގައުމީ މުބާރާތުގައި ބައިވެރިވާން ޖެހޭނީ އަތޮޅުތަކުގެ ފެންވަރުގައި ބާއްވާ މުބާރާތްތަކުން އެންމެ މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. މީގެ 36 އަހަރު ކުރިން ފެށި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ވަރަށް ވަރުގަދަ މަދަރުސާއެއްކަމަށެވެ. އަދި އެ މަދަރުސާއިން ތަމްރީންވެފައިވާ އެތައް ދަރިވަރުންތަކެއް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަފާތު އެކި ޤުރުއާން މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ޤައުމީ ޤުރުއާން މުބާރާތަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމުގެ އިހުސާސް ކުރެވޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މި މުބާރާތަކީ ސިޓީތަކާއި އަތޮޅުތަކުގައި ބާއްވާ މުބާރާތްތަކުން ހޮވިގެން އަންނަ ކުދިން ބައިވެރިވާ ޝަރަފުވެރި މުބާރާތަކަށް ހަދަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރ ވަނީ މީގެ 36 އަހަރު ކުރިން ފެށި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ވަރަށް ވަރުގަދަ މަދަރުސާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޝަހީމް ވިދާޅުވީ އެ މަދަރުސާއިން ތަމްރީންވެފައިވާ އެތައް ދަރިވަރުންތަކެއް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ޤުރުއާން މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރަމުންދާކަމަށެވެ.
މިނިސްޓަރ ވަނީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު މިހާރު ހިންގަމުންދާ ތަނަކީ އެކަމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ވިދާޅުވެފައެވެ. ކީރިތި ގުރުއާނާއި ބެހޭ މަރުކަޒު މިހާރު ހިނގަމުން ދަނީ ކިންގް ސަލްމާން މިސްކިތުގައެވެ. އެހެންނަމަވެސް މި ވެރިކަން ނިމުމުގެ ކުރިން ކީރިތި ޤުރުއާނާބެހޭ މަރުކަޒު ހިންގެވުމަށް ހާއްސަ ބިނާއެއް ގާއިމް ކުރައްވާނެކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެކަމާއި މެދު ކުރަން ޖެހޭ މަޝްވަރާތައް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.