ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 12:45
ޖޯޖިއާގެ ކޯޗު ވިލީ ސަންޔޯލް
ޖޯޖިއާގެ ކޯޗު ވިލީ ސަންޔޯލް
ރޮއިޓާސް
ޔޫރޯ 2024
ސަންޔޯލް ހަމަޖެހިފައި، ހާސް ކަމެއް ނެތް
މިވަގުތު ޖޯޖިއާގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ހަމަޖެހިގެން ކަމަށާއި، އެންމެނަށް ވެސް ކުރެވެނީ އުފާވެރި އިޙުސާސެއް ކަމަށް ސަންޔޯލް ފާހަގަ ކުރި އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ މެޗަށް ނިކުންނައިރު، ހަމަޖެހިގެން ހުރި ކަަމަށާއި ހާސް ކަމެއް ނެތް ކަމަށް، ޖޯޖިއާގެ ކޯޗި ވިލީ ސަންޔޯލް ބުނެފި އެވެ.

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ މުބާރާތުގެ ގަދަ 16 ވަނަަ ބުރުގައި ޖޯޖިއާ ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖޯޖިއާ ޖާގަ ހޯދީ، އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ތިން ވަނަ ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. ޖޯޖިއާ އިން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލްގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ.

ސްޕެއިން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގަައި ވާހަކަ ދައްކަމުން ސަންޔޯލް ބުނީ، މުބާރާތުގެ ގަދަ 16 އަށް ދިޔުމަކީ ކުރިން އެމީހުން އުންމީދު ކުރި ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ގަދަ 16 އަށް ދެވުމަކީ ވަރަށް އުފާވެރި އިޙުސާސެއް ކުރެވޭ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން މިވަގުތު ޖޯޖިއާގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ހަމަޖެހިގެން ކަމަށާއި، އެންމެނަށް ވެސް ކުރެވެނީ އުފާވެރި އިޙުސާސެއް ކަމަށް ސަންޔޯލް ފާހަގަ ކުރި އެވެ.

ގަދަ 16 ވަނަ ބުރުގެ މެޗުގެ ކުރިން ސްޕެއިން އަށް ރިކަވަރީ އަށް ގިނަ ވަގުތު ލިބުނުކަން ފާހަގަކޮށް ސަންޔޯލް ބުނީ، އެކަމާ ޝަކުވާ ކުރަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް، އޭނާގެ ކުޅުންތެރިން ވެސް ތިބީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށާއި، ރިކަވަރީގެ ކަންކަން ވެސް ދިޔައީ ހިތްހަމަ ޖެހޭ ގޮތަށް ކަމަށް އޭނާ ބުންޏެވެ.

ސްޕެއިން އަކީ މުބާރާތުގައި އޮތް އެންމެ އެއް ޓީމު ކަމަށާއި، ނަމަވެސް ކާމިޔާބު ނުހޯދޭނެ ކަމަށް ޤަބޫލު ކޮށްގެން ނުވާނެ ކަމަށް ސަންޔޯލް ވަނީ ބުނެފަ އެވެ. ނަމަވެސް ހަމައެކަނި ޑިފެންސް ކޮށްގެން ކުޅެން ވިސްނައިފި ނަމަ، މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އިދިކޮޅު ޓީމާއި ޔޫރަޕަށް ދައްކައި ދޭން ބޭނުން ވަނީ، ޖޯޖިއާ އަކީ ހަމައެކަނި ޑިފެންސް ކުރުމަށް ރަނގަޅު ޓީމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ޕޯޗުގަލާ ދެކޮޅަށް ދެއްކި ފަދަ ކުޅުމެއް ދެއްކޭނެކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޖޯޖިއާ އިން ސްޕެއިންއާ ދެކޮޅަށް ނިކުންނާނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް