ކައުންސިލުތަކުގެ ދައުރުގެ ފަހު އަހަރުގެ ތެރޭގައި ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭ ގޮތައް ހެދުމުގެ އިތުރުން، ބިމާއި ފަޅު ކުއްޔަށް ނުދެވޭ ގޮތް ހަދަން ގާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހަށް ހުށަހަޅައިފިއެވެ.
ގާނޫނު ނަންބަރު 7/2010 - ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ޕީއެންސީގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިންއެވެ. މި ބިލުގެ ފުރަތަމަ ކިއުން ވަނީ ހޯމަ ދުވަހު އިއްވާފައެވެ.
މި ބިލުގައިވާ އިސްލާހުތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަންމަންޓް އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް ނޫނީ، ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭނެ ކަމަށާއި، ކައުންސިލްގެ އިހްތިސާސް ގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫނުކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން ކައުންސިލްތަކުން އެކަށަ އަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އައު ތަރައްގީގެ މަޝްރޫއެއް ވެސް ނުފެށޭނެ ކަމަށް، ވެރިކަން ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު، ސަރުކާރުގެ ފަރާތުން ހުށަހަޅާ މި އިސްލާހް ގައި ވެއެވެ.
އިސްލާހުގައި ވަނީ މި ގާނޫނުގެ އެހެން މާއްދާ އެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި އޮތް ނަމަވެސް ލޯކަލް ކައުންސިލުތަކުގެ އުުމުރު ގާނޫނު އަސާސީ ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ، 365 ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް ނަމަ މި ނޫން ގޮތަކަށް މިކަންކަން ނިންމައިގެން ނުވާނެ ކަމަށެވެ.
މި އިސްލާހު ހުށަހެޅި އިރު މިހާރު ހިނގަމުންދާ ކައުންސިލުތަކުގެ އުމުރު ހަމަ ވުމަށް ބާކީ އޮތީ 365 ދުވަހަށް ވުރެ ކުރު މުއްދަތެއް ކަމަށް ވުމާއި އެކު، މި އިސްލާހު ފާސްވެ ގެޒެޓް ކުރުމާއެކު، ދައުރުގެ ބާކީ އޮތް މުއްދަތުގައި ކައުންސިލުތަކަށް މުވައްޒަފުން ނެގުމުގަ އާއި، ތަންތަން ކުއްޔަށް ދިނުމުގަ އާއި، ތަރައްގީގެ އައު މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކުގެ އަމިއްލަ ބާރު ކެނޑޭނެއެވެ.
ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ކައުންސިލްތަކަށް ސަރުކާރުން އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތައް ދައްކަން ޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަށްވާ ފައިސާ އާއި، އާންމު ޚިދުމަތްތަކަށް ކައުންސިލްތަކުން ދައްކަން ޖެހޭ ފައިސާ އެއް ނުދައްކާތާ 6 މަހަށް ވުރެ ގިނަ ދުވަސް ވެފައި ވާ ނަމަ އެ ފައިސާ އެއް އުނިކުރުމަށް ފަހު ބާކީވާ އަދަދު ކަމަށް ހެދުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
މިގެންނަ ބަދަލު ތަކުގެ ތެރޭގައި، ފިނޭންސް މިނިސްޓްރީން އެދިއްޖެ ނަމަ ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓް ތަކުގެ ސްޓޭޓްމަންޓްތައް ވެސް އެ ވުޒާރާ އަށް ފޯރުކޮށްދޭން ޖެހޭނެއެވެ.
މި އިސްލާހާއި ގުޅިގެން އިދިކޮޅު މައިޕާޓީ އެމްޑީޕީ އިން ވަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ބަލައިނުގަނެ އެ ބަދަލުތަކާ ދެކޮޅަށް ތެދުވުމަށް ކައުންސިލަރުންނަށް އެމްޑީޕީ އިން ގޮވާލާފައެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވާލައި، ލާމަރުކަޒީ ނިޒާމު ވުޖޫދުން ފޮހެލުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
އެމްޑީޕީ އިން ބުނެފައިވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކުރިން ރާއްޖޭގެ ކައުންސިލްތައް ނެތިކޮށްލުމަށް ޕީއެންސީގެ ސަރުކާރުން ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ކުރަމުންދާ ކަންކަން އެމްޑީޕީ އިން ކުށްވެރި ކުރާ ކަމަށް ބަޔާނުގައި ވެއެވެ. ރަށްރަށުގެ މައްޗަށް ބާރުފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ގަބޫލުކުރާ ކަމަށެވެ.