ކ. މާލެ
|
24 ޖޫން 2024 | ހޯމަ 20:00
މަސްވެރިންގެ އާއިލާތަކުން ވަނީ މުޒާހަރާގައި ބައިވެރިވެ އަޑު އުފުލާފަ
މަސްވެރިންގެ އާއިލާތަކުން ވަނީ މުޒާހަރާގައި ބައިވެރިވެ އަޑު އުފުލާފަ
ރާއްޖެއެމްވީ
މަސްވެރިންގެ މުޒާހަރާ
މަސްވެރިންގެ އާއިލާގެ އަޑު އިއްވައިފި - "ކިހާ ވަރަކަށް އަޅުގަނޑުމެން ނިކަމެތިވީމަތޯ ސަރުކާރަށް އަޑު އިވޭނީ"
މަސްވެރިންގެ އާއިލާތަކުން ވަނީ ސަރުކާރަށް ފާޑުކިޔާ، މަސްވެރިންގެ ލާރި ދިނުމަށް އެދި ގޮވާލާފަ

އައްޑޫގެ މަސްވެރިން މުޒާހަރާ ކުރާތާ 4 ދުވަސްވީއެވެ. މިއީ އެ މަސްވެރިން މުޒާހަރާކުރާތާ 4 ވަނަ ދުވަހެވެ. ސަރުކާރަށް 7 މަސް ދުވަސް ވީ އިރު މަސްވެރިން 3 މުޒާހަރާކޮށްފިއެވެ. އައްޑޫގައި މަސްވެރިން ކުރާ މުޒާހަރާ އަށް ހަތަރު ދުވަސް ވީ އިރު ސަރުކާރުން ދެނީ ބީރު ކަންފަތެކެވެ. އެ އަޑު އަހާނެ މީހަކު ސަރުކާރަކު ނެތް ކަހަލައެވެ. ސަރުކާރަށް އަޑު އިއްވަން އެންމެ ފަހުން މަސްވެރިންގެ އާއިލާތައް ވެސް އެތިބީ ނުކުމެ މުޒާހަރާކުރާށެވެ.

އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ބަނޑުފުރާނަ މުއްތިކުރުމަށް އާއިލާތަކުގެ ބެލެނިވެރި ފަރާތުން ކުރާ މަސައްކަތަށް ހުރަސް އެޅުމުން މި ނޫން ގޮތެއް އޮންނާނެ ހެއްޔެވެ. އެންމެ ފުރަތަމަ ހޯމަ ދުވަހު މަސްވެރިންގެ އާއިލާތަކުން މުޒާހަރާ ކުރީ މަރަދޫގައެވެ. ދެން އޭގެ ފަހުން ހުޅުދު އަށް ގޮސް ހުޅުދޫ މީދޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސް އަށް ބަނދަރުކޮށް، އަޑު އުފުލިއެވެ. މުޒާހަރާގެ ތެރެއިން އެއް އަޑަކަށް އިވެނީ "ޗައިކޮއި އިސްތިޢުފާ"ގެ އަޑެވެ. މިއީ މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމަށް ނިސްބަތްކޮށް ގޮވާލަމުން އައި ގޮވާލުމެކެވެ. އެހެނީ ކުރިން ވަޒީރުކަމުގައި އެހެން ބޭފުޅަކު ހުންނެވި އިރު މަޖިލިސް މެމްބަރަކަށް ހުންނަވާ ޝިޔާމް ވަނީ ނިމިދިޔަ ސަރުކާރުން މަސްވެރިން ނިކަމެތި ކުރައްވާ ކަމަށް ބުނެ އަޑު އުފުއްލަވާފައެވެ. "ޗަ ހައްދަވަނީ ކިހިނެތްތޯ"، "ޝަ ހައްދަވަނީ ކޯޗެއްތޯ" އެ ދުވަހު ޝިޔާމް ސުވާލުކުރެއްވިއެވެ.

މިއަދު މަސްވެރި އާއިލާތަކުގެ ސުވާލަކީ އެއީއެވެ. "ޗަ ހައްދަވަނީ ކިހިނެތްތޯ"، "ޝަ ހައްދަވަނީ ކޯޗެއްތޯ" އެ އާއިލާތަކުން އެދަނީ ސުވާލުކުރަމުންނެވެ.

މަސްވެރިންގެ އާއިލާތަކުން މުޒާހަރާކުރަން އޮޑިދޯނި ފަހަރުގައި ފިޝަރީޒް ކޮމްޕްލެކްސް ކައިރީގައި ހަރަކާތްތެރިވަނީ - ރާއްޖެއެމްވީ

އެއްވެފައިވާ ބައެއް މަސްވެރިންގެ އާއިލާތަކުން ވަނީ އެ މީހުންގެ ޝުއޫރުތައް އަޑު އިއްވާފައެވެ. އެންމެންގެ ވެސް އެންމެ ބޮޑު ކަންބޮޑުވަމަކީ ސަރުކާރުން މަސްވެރިންގެ އަޑު ނޭހުމެވެ. އެތަނަށް އެއްވެފައި ތިބި ބައެއް އަންހެން ވެރިން ބުނީ މިއީ ހަޔާތުގައި ވެސް މަސް ދޯންޏަކަށް އެރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެ ހިސާބަށް ކަންކަން ދާން މަޖުބޫރު ވީ މަސްވެރިންގެ އާއިލާތަކުގެ އަޑު ނާހާ ސަރުކާރުން މަސްވެރިން ނިކަމެތި ކުރާތީ ކަމަށް އޭނާ ވަނީ ބުނެފައެވެ. ކުޑަ ކުދިން ވެސް ގޮވައިގެން މުޒާހަރާ ކުރަމުން ދިޔަ އާއްމުން ވަނީ މަސްވެރިންގެ މުޒާހަރާތަށް ގަބޫލު ނުކުރާ ކަމަށް ސަރުކާރުން ބުނާތީ އެ ވާހަކަތަކާއި މެދު ނުރުހުން ފާޅުކޮށްފައެވެ. އަދި އެއީ މަސްވެރިންނަށް ދޭ ނިކަމެތިކަމެއް ކަމަށް އެ އާންމުން ދަނީ ބުނަމުންނެވެ. އަދި މަސްވެރިންގެ އަޑު އަހާނީ ކިހާ ވަރަކަށް އިތުރަށް މަސްވެރިން ނިމަތި ކުރުމަށް ފަހުގައިތޯ އެ މަސްވެރިން އެބަ ސުވާލުކުރެއެވެ.

ކިހާ ވަރަކަށް އަޅުގަނޑުމެން ނިކަމެތިވީމަތޯ ސަރުކާރަށް އަޑު އިވޭނީ. އަޅުގަނޑުމެންނަކީ ވެސް ބިދޭސީންތޯ؟ ސަރުކާރުން ދެންވެސް ބުނާނީ މުޒާހަރާކުރަނީ ބިދޭސީންނޭތޯ؟ ކަރަންޓޫ ބިލެއް ނުދެއްކޭ. ބިލުތަކެއް ނުދެއްކޭ.
މަސްވެރިއެއްގެ އާއިލާ މެމްބަރެއް
މަސްވެރިންގެ އާއިލާތަކުން މުޒާހަރާގެ އަމަން ބަލަހައްޓަން ފުލުހުން ހަރަކާތްތެރި ވަނީ - ރާއްޖެއެމްވީ

މަސްވެރިން ބުނާ ގޮތުން މަސްވެރިންނަށް ފައިސާ ނުދިން ތަނުގައި އެ މަސްވެރިންނާ ބައްދަލުކުރަން ނައިސް ފިލާ ތިބެން ސަރުކާރުގެ އިސް މީހުން ލަދުގަންނަން ޖެހޭނެއެވެ. އަދި މަސްވެރިންގެ އާއިލާތަކުން ބުނަނީ ފައިސާ ދޭނެ ވަގުތެއް ނުބުނާ ނަމަ މުޒާހަރާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށެވެ. މުޒާހަރާގައި މަސްވެރިންގެ އާއިލާތަކުން ވާހަކަދެއްކީ ވަރަށް ޖޯށުގައެވެ. ސަރުކާރަށް އެތައް ސުވާލެއް ބަންޑުންކޮށްލިއެވެ. އަދި ސަރުކާރަށް މަސްވެރިންގެ ހާލާއި އާއިލާގެ ހާލު ނުފެންނަނީތޯ ވެސް އެ އާއިލާތަކުން އައީ ސުވާލުކުރަމުންނެވެ.

އަހަރެން މިތަނަށް އައި މިއީ ރައްޔިތުންނާ ގުޅޭ ކަމަކަށް ވާތީ. މިތާތިބީ އަހަރެންގެ އާއިލާ މީހުން. މި ހޮޅި ސަރުކާރަށް މޮ ގޮވާލަނީ މަސްވެރިންގެ ހަގީގީ ހައްގު ވަގުތުން ވަގުތަށް ހޯދާދޭށޭ. ބުންނަ ބޭނުމީ ގެއަށް ވަންނަން ބޭނުމީ ލާރި ދިނީމައޭ. ލާރި ނުހޯދާ ނުދާށޭ. ކައްކައިގެން މިތަނަށް ގެންނަން ޖެހިއްޖެއްޔާ ގެންނާނަން.
މަސްވެރި އެއްގެ އާއިލާ މީހެއް
މަސްވެރިންގެ އާއިލާތަކުން މުޒާހަރާކުރުން - ރާއްޖެއެމްވީ

މަސްވެރިން އައްޑޫގައި މުޒާހަރާ ކުރަން ފެށީ ހުކުރު ދުވަހުއެވެ. އައްޑޫގެ މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ލާރި ނުދޭތީ ހުކުރު ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާ ހުއްޓާ ނުލައި ކުރިއަށް ގެންދަން ނިންމީ އާދިއްތަ ދުވަހުއެވެ. އަދިވެސް ސަރުކާރުން ތިބީ ގޮތްދޫ ކުރާގޮތަކަށް ނޫނެވެ. މަސްވެރިންގެ އަޑު އެހުމުގެ ބަދަލުގައި މިފްކޯ އިން ވަނީ މަސްވެރިން މުޒާހަރާ ކުރަމުންދާ ސަރަހައްދުގައި ހުރި ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތައް ހުރަސް އަޅާނަމަ އެކަމުގައި ބައިވެރިވާ އޮޑިފަހަރުން މަސް ގަތުން ތިން މަސް ދުވަހުގެ މުއްދަތަށް ހުއްޓާލާނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ. މިއީ މަސްވެރިން ވިއްކައިގެން، މަސްވެރިންނަށް ވީ ވައުދުތައް ވިއްކައިގެން ވެރިކަމަށް އައި ސަރުކާރުގެ ހާލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް