ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 12:53
ތ ގުރައިދޫގެ ކެޔޮޅު ފިޔާޒު
ތ ގުރައިދޫގެ ކެޔޮޅު ފިޔާޒު
ރާއްޖެއެމްވީ
މަސްވެރިންގެ ކަންބޮޑުވުންތައް
"މުއިއްޒު ވެރިކަމަށް ގެންނަން ނިދި ނަގާލާފައި މަސައްކަތް ކުރިން، މިއަދު އަސަރާއެކު ގޮވާލަން ބޭނުމީ އިސްތިއުފާ ދެއްވާށޭ"
މި ސަރުކާރު ވެރިކަމަށް ގެނައުމަށް ބުރަކޮށް މަސައްކަތް ކުރި މަސްވެރިން މިއަދު ތިބީ ނުހަނު މާޔޫސްވެ، ސަރުކާރު ދެކެ ފޫހިވެފައެވެ.

ރައީސް ޑރ މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ ޑޮލަރުން މަސްވެރިންނަށް ފައިސާދެއްވަން ކަމަށާއި ނަމަވެސް ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭ ކަމަށް ބުނެ މިއަދު މަސްވެރިން ތިބީ މާޔޫސްވެ، ސަރުކާރާމެދު ހިތްހަމަ ނުޖެހިފައެވެ. މަސްވެރިން މިއަދު ދަނީ އެ ހިތްހަމަ ނުޖެހުން އެކި ގޮތްގޮތުން ފާޅު ކުރަމުންނެވެ.

ތ ގުރައިދޫގެ ކެޔޮޅު ފިޔާޒުއަކީ ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ވަރުގަދައަށް ކެމްޕޭން ކޮށްދިން މީހެކެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން އޭނާ ބުނީ، މަސްވެރިންނަށް ފައިސާ ދެވެން ނުޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި، މަސްވެރިން އެދެމުންދަނީ މަސްވެރިން ކުރި މަސައްކަތަށް ޙައްޤުވާ އުޖޫރަ ދިނުމަށް ކަމަށެވެ.

އަޅުގަނޑުމެން ބުނަނީ އަޅުގަނޑުމެން ކިރުވާ މަހުގެ އުޖޫރަ ދޭށޭ އަޅުގަނޑުމެންނަށް.
ތ ގުރައިދޫގެ ކެޔޮޅު ފިޔާޒު

އޭނާ ބުނީ، ސަރުކާރުގައި އެތައް ޑެޕިއުޓީ މިނިސްޓަރުންނެއް އެބަ ތިއްބެވި ކަމަށާއި، އެންމެ ކުޑަ މިނުން ސިޔާސީ މަޤާމުތަކުގެ އަދަދުވެސް މިއަދު ސާފެއް ނޫން ކަމަށެވެ. ނަމަވެސް ދައުލަތުގެ މާލިއްޔަތުން ސިޔާސީ މަޤާމުތަކަށް މުސާރަ ދެމުންދާއިރު، މަސްވެރިންގެ ފައިސާ ނުދޭތީ އޭނާ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭގެ އިތުރުން، އާމްދަނީ ނުލިބި، ބިލުތައް ނުދެއްކުމުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވަމުންދާ ތަކުލީފުތަކަށްވެސް އޭނާ ވަނީ އަލިއަޅުވާލާފައެވެ.

ވަރަށް އަސަރާއެކު އަޅުގަނޑު މި ގޮވާލަނީ އަޅުގަނޑުމެންގެ ދަރިން ޖައްސާނެ ނެޕީއެއް އޮތީއެއް ނޫން، މަހުން މަހަށް ކަރަންޓު ބިލު ފެންބިލު އެބަ އާދޭ، މަހުން މަހަށް ގޭގައި ކަަރަންޓު އެބަ ކަނޑާލާ، އަޅުގަނޑުމެންގެ ދަރިން ބިކަވެއްޖެ، އަޅުގަނޑުމެން އޭސީ ޖައްސަމުން ދިޔަ މީހުން މިއަދު ފަންކާ ނައްޓާލާ ހިސާބުގައި މި ތިބީ، އެހިސާބަށް އަޅުގަނޑުމެންގެ ހާލަތު ގޮސްފި، އަތު ފަންކާ އަނބުރަން ޖެހޭ ޙާލަތުގައި މި އޮތީ.
ތ ގުރައިދޫގެ ކެޔޮޅު ފިޔާޒު

އޭނާ ވަނީ އެތައް އުއްމީދެއް ކޮށްގެން ގެނައި ސަރުކާރުގެ ބޭނުމަކީ މިއީތޯ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ކުރައްވާފައެވެ.

ހުދު އޭނާއަކީވެސް ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ރެޔާއި ދުވާލު ނިދި ނަގާލައިގެން މަސައްކަތް ކޮށްދިން މީހެއްކަމަށް ތ ގުރައިދޫއަށް ނިސްބަތްވާ މި މަސްވެރިޔާ ކިޔާދެއެވެ.

އަޅުގަނޑު ނިދާފަ އޮންނާނީ މުއިއްޒު ވެރިކަމަށް ގެންނަންވެގެން ރޭގަނޑު އެއް ގަޑިއިރު، ދެން އޮތް ވަގުތު ކުރީ މުއިއްޒު ހޮވުމުގެ މަސައްކަތް، އެ މަސައްކަތް ކޮށްގެން އަޅުގަނޑު އޮންނާނީ މުއިއްޒުއަށް މި ތ ގުރައިދޫން ރާއްޖޭގެ އެންމެ ބޮޑު އެއް މެޖޯރިޓީ ހޯދައިދީފައި.
ތ ގުރައިދޫގެ ކެޔޮޅު ފިޔާޒު

އޭނާ އިތުރަށް ބުނީ، މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައި ނުދެވޭނަމަ، މަޤާމުން އިސްތިއުފާ ދެއްވުމަށް އަސަރާ އެކު އެދޭ ކަމަށާއި، އެކަންކަން ކޮށްދެވޭނެ މީހަކާ ވެރިކަން ޙަވާލުކޮށްދެއްވުމަށް އެދޭ ކަމަށެވެ.

އަޅުގަނޑު މި ގޮވާލަނީ މިކަންކަން މަސްވެރިންނަށް ރަނގަޅު ނުވާނަަމަ މަނިކުފާނަށް މި ގޮވާލަނީ ވަރަށް އަސަރާއެކު ފައިބާ ވަޑައިގަންނަވާށޭ، ތިކަން ވާވަރުގެ ބޭފުޅަކާ ހަވާލު ކޮށްދެއްވާށޭ، ޤައުމެއް ނުހިންގޭނެ މި ގޮތަކަށް، މަސްވެރިންނަކީ މުޅި ރާއްޖޭގެ ތިންބައިކުޅަ ދެބައި މީހުންނޭ، މަނިކުފާނު ހީފުޅު ނުކުރައްވައްޗޭ ތިހެން ހުރެވޭނޭ، މިގޮތަށް މަޑުން އަބަދު މަސްވެރިން ތިބޭނޭ.
ތ ގުރައިދޫގެ ކެޔޮޅު ފިޔާޒު

އޭނާ ބުނީ، މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ އޭނާ މިހާރު ހިތާމަ ކުރާ ކަމަށާއި، ރައްޔިތުންގެ ކިބައިންވެސް އެކަމަށް މާފަށް އެދޭ ކަމަށެވެ.

މިއީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް ބުރަކޮށް މަސައްކަތް ކުރި މަސްވެރިންގެ މިއަދުގެ ޝުއޫރުތަކެވެ. މަސްވެރިން މިއަދު ތިބީ ނުހަނު މާޔޫސްވެ، ސަރުކާރު ދެކެ ފޫހިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް