ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 14:09
ނިއު ރޭޑިއަންޓުގެ ޚިދުމަތްތެރިޔާ ޖަލީލް
ނިއު ރޭޑިއަންޓުގެ ޚިދުމަތްތެރިޔާ ޖަލީލް
ޓްވިޓަރ
ނިއު ރޭޑިއަންޓް
ނިއު ރޭޑިއަންޓުގެ ޚިދުމަތްތެރިޔާ ޖަލީލް ނިޔާވެއްޖެ
ޖަލީލް ވަނީ ނިއު ރޭޑިއަންޓުގެ މެޑިކަލްގެ ގޮތުގައި މަސައްކަތް ކޮށްފައި.

ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކުލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޚިދުމަތްތެރިޔާ ޖަލީލް އަޙުމަދު ނިޔާވެއްޖެ އެވެ.

ޖަލީލް އަކީ އެކި އަހަރުތަކުގެ މަތިން ނިއު ރޭޑިއަންޓުގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. އެގޮތުން، ޖަލީލް ވަނީ ނިއު ރޭޑިއަންޓުގެ މެޑިކަލްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ޖަލީލް ނިޔާވުމާ ގުޅިގެން ނިއު ރޭޑިއަންޓުގެ ކުރީގެ ޗެއާމަން އަދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފުރަތަމަ އިންތިޚާބީ ރައީސް އަލީ އާޒިމް ވިދާޅުވީ، ޖަލީލް އަކީ ވަރަށް ރަނގަޅު އެކުވެރިއެއް ކަމަށެވެ. އަދި މަޖާ، މުރާލި، ހީވާގި މީހެއް ކަމަށާއި، އެއީ ކުޅިވަރަށް ބޮޑު ޝައުޤުވެރިކަމެއް ހުންނަ އެކުވެރިޔެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވެފައި ވަނީ ޖަލީލް އަކީ ނިއު ރޭޑިއަންޓަށް އެތަކެއް ކުޅިވަރުތަކެއްގައި ކުޅެ، އަދި ޚިދުމަތްކޮށްދީފައިވާ ޝަޚުސިއްޔަތެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ނިއު ރޭޑިއަންޓަށް ފުޓުބޯޅައިގައި ޖަލީލް މަސައްކަތް ކޮށްދީފައިވާކަން އާޒިމް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އިތުރަށް އާޒިމް ވިދާޅުވީ ޖަލީލް ނިޔާވި ޚަބަރު އެހީ ކުއްލި ހައިރާންކަމާއެކު ކަމަށެވެ. އަދި އާޒިމް ވަނީ ޖަލީލް އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވައި، އާއިލާ އަށް ކެތްތެރިކަން ދެއްވުމަށް ވެސް އެދިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް