ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗުކަން ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންއާ ހަވާލުކޮށް، ރާއްޖޭގައި އެފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ އިތުރުން، ޤައުމީ ޓީމުގެ ފޯވާޑު އަލީ ފާޞިރު (ސެންޓޭ) އަދި ބައެއް އެހެން ކުޅުންތެރިން އެ ކުލަބަށް ސޮއިކޮށްފި އެވެ.
މި ކުޅުންތެރިން ނިއު ރޭޑިއަންޓަށް ސޮއި ކޮށްފައި ވަނީ، އެކަމަށްޓަކައި އަންގާރަ ދުވަހުގެ ރޭ ނިއު ރޭޑިއަންޓް އިން ބޭއްވި ޚާއްސަ ޙަފްލާގަ އެވެ. އެ ޙަފްލާގައި ދަގަނޑޭ އާއި ސެންޓޭގެ އިތުރުން ދެން ނިއު ރޭޑިއަންޓަށް ސޮއި ކޮށްފައިވާ ކުޅުންތެރިންނަކީ، މުޙައްމަދު އިރުފާން، އަޙުނަފު ރަޝީދު، މުޙައްމަދު ނިޒާމްގެ އިތުރުން ޙަސަން ރާއިފް އެވެ.
މީގެ ކުރިން ވެސް އަޝްފާގު ވަނީ ނިއު ރޭޑިއަންޓަށް ކުޅެ، އެ ކުލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ދަގަނޑޭ ނިއު ރޭޑިންޓަށް ބަދަލުވެފައިވާއިރު، މިއީ ދަގަނޑޭގެ ކެރިއަރުގައި އޭނާ ނިއު ރޭޑިންޓަށް ކުޅޭނެ ހަތަރު ވަނަ ފަހަރެވެ. ހަމަ އެހެންމެ، ސެންޓޭގެ ކެރިއަރުގައި މިއީ އޭނާގެ ނިއު ރޭޑިއަންޓަށް ކުޅޭނެ ހަތަރު ވަނަ ފަހަރެވެ.
ދަގަނޑޭ އާއި ސެންޓޭ ރަސްމީކޮށް ނިއު ރޭޑިއަންޓަށް ސޮއި ކުރުމުގެ ކުރިން ވެސް، އެ ދެ ކުޅުންތެރިން އެ ކުލަބަށް ބަދަލުވާކަން އޮތީ ހާމަކޮށްފަ އެވެ. މީގެ އިތުރުން އެންމެ ފަހުން ޤައުމީ ޓީމަށް އިރުޝާދު ދިން ސުޒޭން ވެސް ނިއު ރޭޑިއަންޓާ ހަވާލުވާކަން އޮތީ އިއުލާން ކޮށްފަ އެވެ.
ގިނަ ކުޅުންތެރިން ތަކެއްގެ ސޮއި ނިއު ރޭޑިއަންޓް އިން ހޯދާފައިވާއިރު، އެ ކުލަބުގެ މިހާރުގެ މެނޭޖުމަންޓުން އަންނަނީ ކުލަބު ވަރުގަދަ ކުރުމަށް ވަރަށް ބޮޑަށް މަސައްްކަތް ކުރަމުންނެވެ. އެގޮތުން މި ފަހުން ނިއު ރޭޑިއަންޓާ ހަވާލުވި މެނޭޖުމަންޓުގައި ސަރުކާރުގެ އިސްވެރިންގެ އިތުރުން، ބައެއް މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ.
އެގޮތުން ނިއު ރޭޑިއަންޓްގެ ޗެއާމަން ކަމަށް ހަމަޖެއްސި އަޙުމަދު މުބީން އަކީ، މި ސަރުކާރުގެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ބޭފުޅެކެވެ. ނިއުއާ ހަވާލުވުމަށް ފަހު، އެ ކުންފުނި އުވާލާތީ މުބީން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
މީގެ އިތުރުން ނިއު ރޭޑިއަންޓުގެ މެނޭޖުމަންޓުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްއާން އާއި، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ އަލީ އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވާރު ހުޅަނގު ދާއިރާގެ މެމްބަރު އަލީ އިބްރާހީމް (ކައްޕި) ހިމެނެ އެވެ. ހަމަ އެހެންމެ، މޯލްޑިވްސް ޙައްޖު ކޯޕަޜޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވެސް ނިއު ރޭޑިއަންޓުގެ މެނޭޖުމަންޓުގައި ހިމެނެ އެވެ.
ނިއު ރޭޑިއަންޓް އިން ގިނަ ކުޅުންތެރިން ގެނެސްފައިވާއިރު، އަލުން އެ ކުލަބު ފުރަތަމަ ޑިވިޝަން އަށް އަންނަ ވާހަކަ ވެސް ވަނީ ފެތުރިފަ އެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގައި ކުޅެމުން އައި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަން އިން ވަކިވެފައިވާއިރު، އެ ޖާގަ އަށް ނިއު ރޭޑިއަންޓް ފުރަތަމަ ޑިވިޝަން އަށް އަންނަ ވާހަކަ ދަނީ ދެކެވެމުންނެވެ.