ގަވާއިދުން ބިލްދައްކާފައިވަނިކޮށް ވެސް ގޭގެ ވެރިފަރާތުން އެދިގެން ފެން ކުންފުނިންނާއި، ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅުއަޅުވާ މައްސަލަތަކެއް ހިއުމަންރައިޓްސް ކޮމިޝަނަށް ލިބިފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އެޗްއާރުސީއެމުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގެ ދަށުން ކަނޑައަޅާފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމަކީ މި ގާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މައްދާގައި ބަޔާންކޮށްފައިވާފަދައިން، އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ހައްގެއްކަމާއި، މިއިން އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނޫނުއަސާސީގައި ބަޔާންކުރާފަދައިން ފާސްކުރެވޭ ގާނޫނަކުންނެވެ.
އެގޮތުން، ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސާފު ފެން ފުދޭ މިންވަރަށް ލިބުމުގެ ހައްގަކީ ގާނޫނު އަސާސީގެ 21 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ދިރިހުރުމުގެ ހައްގާ ގުޅުންހުރި ހައްގެއްކަމުން، މިއީ އެއްވެސް މިންވަރަކަށް ނިގުޅައިގަނެވޭނެ ހައްގެއް ނޫން ކަމުގައި ކޮމިޝަނުން ދެކޭ ކަމަށެވެ.
އެހެންނަމަވެސް، މި ފަހަކަށް އައިސް އެ ކޮމިޝަނަށް ގާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނު) ގެ ދަށުން ހުށަހަޅާފައިވާ އެކި މައްސަލަތަކަށް ބަލާއިރު، ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދާ އިދާރާއަށް ނުވަތަ ކުންފުންޏަށް ގާވާއިދުން ބިލް ދައްކަމުންދަނިކޮށް، ގޭގެ ވެރިފަރާތުގެ އެދުމުގެމަތިން ފެން މީޓަރުގައި ތަޅު އެޅުވުމުގެ މައްސަލައާއި، ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދާ އިދާރާ ނުވަތަ ކުންފުނީގެ އެނގުމަކައި ނުލައި ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި، ފެނުގެ ހިދުމަތް މެދުކަނޑާލުމުގެ މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅެމުންދާކަމަށެވެ.
މި މައްސަލަތައް މިކޮމިޝަނުން ތަހުގީގުކުރަމުންދާ ކަމަށް ވެސް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ. އަދި ކޮމިޝަނަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގައި މައްސަލައިގައި ޝާމިލްވާ ފަރާތްތަކާއި އަދި ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށްގެން ބައެއް މައްސަލަތަކުގައި ހައްލު ހޯދައި ދެވިފައިވާ އިރު، މިފަދަ އަމަލުތައް ހިންގާފައިވާ ފަރާތްތައް މިފަދައިން އަމަލުކުރަމުންދަނީ އެކި ފަރުދުންގެ މެދުގައި ދިމާވާ އެކި މައްސަލަތަކާއި ގުޅިގެން، އަވަސް ހައްލެއް ގެނައުމުގެ ގޮތުންކަމަށް ވެސް ކޮމިޝަނުން ބުނެފައިވެއެވެ.
ނަމަވެސް ސާފު ފެން ފުދޭ މިންވަރަށް ލިބުމުގެ ހައްގަކީ ކޮންމެ ރައްޔިތަކަށްމެ ލިބިފައިވާ އަސާސީ ހައްގަކަށްވެފައި، ފެނުގެ ހިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން، އެ ގެއެއްގައި ނުވަތަ ގޭބިސީގައި ދިރިއުޅެމުންދާ އެންމެހާ ފަރާތްތަކަށް މިކަމުގެ އަސަރުކުރާނެކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މިއީ އެ ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެކަމު އެޗްއާރުސީއެމުން ބުނެފައިވެއެވެ. އަދި އާންމުފަރުދުންގެ މެދުގައާއި، އާންމުފަރުދުންނާއި އިދާރާތަކާ ދެމެދުގައި ދިމާވާ މައްސަލަތަކުގައި، ކަނޑައަޅާފައިވާ ގޮތުގެމަތިން ގުޅުންހުރި އިދާރާއަކަށް އެ މައްސަލައެއް ހުށަހެޅުމަށާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އިލްތިމާސްކޮށްފައިވެއެވެ.