ކ. މާލެ
|
14 ޖޫން 2024 | ހުކުރު 18:26
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
ކިލޯއަކަށްވުރެ ގިނަ ކެނެބިސްއާއެކު ދެ ދިވެހިން ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި، 29 އަހަރުގެ ދިވެހި ފިރިހެނެއް

ކިލޯއަކަށްވުރެ ގިނަ ކެނެބިސްއާއެކު ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި، 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެމީހުންނަކީ ވެސް ތ. ތިމަރަފުއްޓަށް ނިސްބަތްވާ ދެމީހުންނެވެ.

މީގެ ތެރެއިން 30 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 5 ދުވަސް ދީފައެވެ. އަދި 29 އަހަރުގެ މީހާގެ ބަންދަށް ދީފައިވަނީ 15 ދުވަހެވެ. ދެމީހުންވެސް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

29 އަހަރުގެ މީހާގެ ބަންދު އަމުރުގައި ބުނެފައިވަނި ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މީހެއްގެ ނަންމަތީގައިވާ ޕެކޭޖެއް ނެގުމަށް މީނާ ގޮސްފައިވާއިރު، އެ ފޮށިގަނޑުގެ ތެރެއިން 1006 ގްރާމުގެ ކެނެބިސް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވެއެވެ. އަދި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާ، ފޮށިގަނޑު ބަލާ އެހެން މީހަކު ހާޒިރުކުރެވިފައިވާ ކަމަށެވެ. އަދި އެއީ މީހަކު ބުނެގެން އޭނާ ކުރިކަމެއް ކަމަށް ބަންދު މަޖިލީހުގައި 29 އަހަރުގެ މީހާ ވަނީ ބުނެފައެވެ.

މީގެ އިތުރުން 30 އަހަރުގެ މީހާގެ ބަންދު އަމުރުގައި ބުނެފައިވަނީ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ޕޯސްޓް މެދުވެރިކޮށް އައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން ހިންގުނު އޮޕަރޭޝަނެއްގައި، އެ ފޮށިގަނޑު ބަލައި އައި ފަރާތުގެ ހާޒިރުގައި ކަނޑައި ބެލި އިރު، ކެނެބިސްކަމަށް ޗައްކުކުރެވޭ 1006 ގްރާމުގެ ތަކެތި ވަނީ ފެނިފައެވެ. އަދި ބަލާ އައި ފަރާތުގެ އެހީތެރިކަމާއެކު ހިންގުނު ކޮންޓްރޯލް ޑެލިވަރީގައި ފޮށިގަނޑާއި ހަވާލުވާން އައީ މީނާ ކަމަށެވެ. އަދި މީނާ އެވަގުތު ދުއްވަން އިން ސައިކަލުގެ މަޑިދަށުން މަސްތުވާއެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ. އަދި މި މީހާގެ ކުޑަކަމުދާތަކެތި ޓީއެޗްސީއަށް ޕޮޒިޓިވްކަމަށް އަމުރުގައި ބުނެފައިވެއެވެ.

މި ދެމީހުން ބަންދުގައި ބަހައްޓަންޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށެވެ. އަދި އެ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް