މިހާރު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕްގައި ޔުނައިޓެޑު ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އީގަލަސް މޮޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އީގަލްސް އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އަޙުމަދު އަފްލާޒް އެވެ. އެއީ އީގަލްސް އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަސް މިނެޓު ފަހުން އީގަލްސްގެ ދެ ވަނަ ލަނޑު ޖެހީ މުޙައްމަދު އައިމަން ޙަސަން އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އައިމަން ވަނީ އީގަލްސްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ޔުނައިޓެޑް ވިކްޓަރީގެ ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި ޖެހީ ޝަނާން ރަޝީދު އެވެ. މެޗުގައި އީގަލްސްގެ ފަހު ލަނޑު ޖެހީ 87 ވަނަ މިނެޓުގައި އަލީ ރިލްވާން އެވެ.
މުބާރާތުގެ ކުޅުން ދެން އޮންނާނީ ބުދަ ދުވަހު އެވެ. ބުދަ ދުވަހުގެ ހަވީރު އޮންނަ މެޗުގައި ބައްދަލު ކުރާނީ އޮޑި ސްޕޯޓްސް ކުލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ބުދަ ދުވަހުގެ ރޭ އޮންނަ މެޗުގައި ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބެވެ.