ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 09:36
ރެއާލުން ފީފާ ކުލަބު ވޯލްޑް ކަޕްގެ ތަށި އުފުލާލަނީ
ރެއާލުން ފީފާ ކުލަބު ވޯލްޑް ކަޕްގެ ތަށި އުފުލާލަނީ
ރޮއިޓާރސް
ރެއާލް މެޑްރިޑު
ރެއާލުން ކުލަބު ވޯލްޑް ކަޕްގައި ވާދަ ކުރާނެ
24 ޓީމު ވާދަކުރާ އައު ފޯމެޓުގެ މުބާރާތް އޮންނާނީ އަންނަ އަހަރު

ސްޕެެއިންގެ ރެއާލް މެޑްރިޑުން ފީފާ ކުލަބު ވޯލްޑް ކަޕްގައި ވާދަކުރާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

ރެއާލުން މިހެން ބުނެފައި ވަނީ، އަންނަ އަހަރު އޮންނަ ކުލަަބު ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ދައުވަތު ރެއާލުން ޤަބޫލު ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފައި ވަނިކޮށެވެ. އަންޗެލޮޓީ ބުނީ، ރެއާލުން ވޯލްޑް ކަޕްގެ ދައުވަތު ޤަބޫލު ނުކުރާނެ ކަަމަށާއި، އެއީ އެ ޓީމުގެ އެންމެހާ ކުޅުންތެރިންގެ ހައްގުގައި ނިންމި ނިންމުމެއް ކަމަށެވެ.

ނަމަވެސް ރެއާލުން ނެރުނު ބަޔާނެއްގައި އެ ކުލަބުން ބުނެފައި ވަނީ އެ ކުލަބުން އެ މުބާރާތުގައި ބައިވެރިވާނެ ކަމަށާއި، އެކަމާ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ރެއާލްގެ ސަޕޯޓަރުންނަށްޓަކައި މުބާރާތްތަކުގައި ވާދަކޮށް، ތަށި ކާމިޔާބު ކުރުމަކީ ލިބޭ ފަޚުރެއް ކަމަށް ވެސް އެ ކުލަބުން ވަނީ ބުނެފަ އެވެ.

ކޮންމެ ހަތަރު އަހަރުން އެއް އަހަރު ކުލަބު ވޯލްޑް ކަޕް ބާއްވަން ފީފާ އިން ވަނީ ނިންމައިފަ އެވެ. މުބާރާތުގެ ފޯމެޓު ފީފާ އިން ރާވާފައި ވަނީ މުބާރާތުގައި ޖުމުލަ 24 ޓީމު ވާދަކުރާ ގޮތަށެވެ. ފީފާ އިން އެން،މެ ފުރަތަމަ ނިންމީ 2021 ވަނަ އަހަރުގެ މުބާރާތް އެ ފޯމެޓުގައި ކުރިއަށް ގެންދާށެވެ.

ނަމަވެސް އެ އަހަރުގެ މުބާރާތް އެ ފޯމެޓުގައި ކުރިއަށް ނުގެންދެވުނީ މުޅި ދުނިޔެ އަށް ކުރިމަތިވި ކޯވިޑް 19ގެ ބަލި މަޑު ކަމުގެ ސަބަބުންނެވެ. އެހެންކަމުން، 24 ޓީމު ވާދަކުރާ އައު ފޯމެޓުގެ މުބާރާތް ދެން އޮންނާނީ އަންނަ އަހަރު އެވެ. އަންނަ އަހަރުގެ މުބާރާތް ބާއްވަން ފީފާ އިން ނިންމާފައި ވަނީ އެމެރިކާގަ އެވެ.

ރެއާލް އަކީ ފީފާ އިން އެކުލަވާލި އައު ފޯމެޓާ ދެކޮޅު ހަދާފައިވާ ކުލަބެކެވެ. އެންމެ ފުރަތަމަ އެ ނިންމުމާ ދެކޮޅަށް ވާހަކަ ދެއްކި އެއް ކުލަބަކީ ވެސް ރެއާލް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް