ހައްޖުކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ މަސައްކަތުން ކަމަށް ބުނެ ދޮގުހެދިކަން ހާމަވެއްޖެއެވެ.
އާއްމުކޮށް ރާއްޖެއަށް ސައޫދީ ސަރުކާރުން ދޫކުރަނީ 1000 ކޯޓާއެވެ. ސައޫދީ ސަރުކާރުން ކޯޓާ ދޫކުރަނީ ގައުމެއްގައި ދިރިއުޅޭ މުސްލިމުންގެ އާބާދީއަށް ބެލުމަށްފަހުއެވެ. ނަމަވެސް މިއަހަރުގެ ހައްޖު ކޯޓާ ވަނީ ސައުދީ ސަރުކާރުން 150 ކޯޓާ އިތުރަށް ދީފައެވެ. އެއާއެކު މިސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ މިއަހަރުގެ ހައްޖުކޯޓާ އިތުރުވެފައިވަނީ މިސަރުކާރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅު ފުއްދުމުގެ ގޮތުން ކޯޓާ އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިސަރުކާރުގެ މަސައްކަތުން 150 މީހުންގެ ޖާގަ ދިން އިތުރުކޮށްދިން ކަމަށް ބުނެ ދައްކަމުންދާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި، ކޮންމެ އަހަރަކު ވެސް ޖާގަ އޮތް މިންވަރަކުން ސައުދީ ސަރުކާރުން އެކި ގައުމުތަކަށް އެކި މިންވަރަށް ޖާގަ ދޭ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ވެސް 150 ކޯޓާ އިތުރަށް ދިން ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
އެމީހުންގެ މަސައްކަތުން 150 މީހުންގެ ޖާގަ ދިން ކަމަށް އެބަބުނޭ، އެއީ ރަނގަޅު ވާހަކައެއް ނޫން. އެއީ މިދިޔަ އަހަރު ވެސް އިތުރަށް 150 ދިން. އެއީ ކޮންމެ އަހަރަކު ވެސް އިތުރަށް އަދަދެއް ދެވެންޏާ އެއަދަދު ދޭ. މީގެ ކުރީގައި އަޅުގަނޑުމެންނަށް ދީފައި އެބަހުރި 1000 ކޯޓާ އިތުރަށް. ރަސްމީ 1000 ކޯޓާގެ އިތުރަށް އަޅުގަނޑުމެންނަށް އިތުރަށް ދީފައި އެބަހުރި 1000 ކޯޓާ ދީފައި އެބަހުރި. އެހެންވީމަ އިތުރަށް ޖާގައެއް ހުރެއްޖެއްޔާ ކޮންމެ އަހަރަކު ވެސް ދޭނެ. އިތުރު މަސައްކަތްތަކެއް ކޮށްދޭ އެއްޗެހި ނޫން އެއީ.ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ
ހައްޖު ކޯޕްރޭޝަންގެ ހަވާލުގައި ހައްޖަށް މީހުން ގެންގޮސްފައިވާ ގޮތަށް ބަލާއިރު، 2015 ވަނަ އަހަރު 1290، 2016 ވަނަ އަހަރު 1000، 2017 ވަނަ އަހަރު 1025، 2018 ވަނަ އަހަރު 950، 2019 ވަނަ އަހަރު 1051، 2022 ވަނަ އަހަރު 458، 2023 ވަނަ އަހަރު 880 އަދި 2024 ވަނަ އަހަރު 1150 ހައްޖާޖީން ގެންގޮސްފައިވެއެވެ.
މިތަފާސްހިސާބުތަކަށް ބަލާއިރު، ހައްޖަށް އެންމެ ގިނަ މީހުން ގެންގޮސްފައިވަނީ މިއަހަރު ނޫންކަން ވެސް ހާމަވަގެންދެއެވެ.