ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 11:05
އިޓަލީ އަށް ނިސްބަތްވާ ސާރީ
އިޓަލީ އަށް ނިސްބަތްވާ ސާރީ
ރޮއިޓާރސް
ސެވިއްޔާ
ސެވިއްޔާ އާއެކު މަޝްވަރާ ކުރިން: ސާރީ
ސެވިއްޔާގެ ވިސްނުމާއި، އޭނާގެ ވިސްނުމާ ތަފާތުވުމުން، ވަކި ހިސާބަކުން މަޝްވަރާތައް ނިމުމަކަށް އައި

ސްޕެއިންގެ ސެވިއްޔާ ކޯޗުކަމާ ހަވާލުވުމަށް އޭނާ އަށް ހުށަހެޅުމެއް ލިބުނު ކަމަށް، އިޓަލީގެ މައުރީޒިއޯ ސާރީ ބުނެފި އެވެ.

ސާރީ އެންމެ ފަހުން ހުރީ ލާޒިއޯގެ ކޯޗަކަށެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ 2021 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އެ ކުލަބާއެކު އޭނާ ސޮއި ކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެން ނަމަވެސް ފަހުން ވަނީ އޭނާގެ އެއްބަސްވުން ދެ އަހަރަށް އިތުރު ކޮށްފަ އެވެ. އައު އެއްބަސްވުމުގެ މުއްދަތު 2025 ވަނަ އަހަރު ހަމަވާން އޮތް ނަމަވެސް، މިއަހަރުގެ މާޗު މަހު ސާރީ ވަނީ އަމިއްލަ އަށް މަގާމުން އިސްތިއުފާ ދީފަ އެވެ.

ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސާރީ ބުނީ، އޭނާ އަށް ސެވިއްޔާގެ ފަރާތުން ހުށަހެޅުމެއް ލިބުނު ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެ މެދުގައި މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށް ވެސް ސާރީ ބުންޏެވެ. އެހެން ނަމަވެސް، ސެވިއްޔާގެ ވިސްނުމާއި، އޭނާގެ ވިސްނުމާ ތަފާތުވުމުން، ވަކި ހިސާބަކުން މަޝްވަރާތައް ނިމުމަކަށް އައި ކަމަަށް ވެސް ސާރީ ވަނީ ބުނެފަ އެވެ.

އިތުރަށް ސާރީ ބުނީ އަދި ވެސް އޭނާ ބޭނުން ވަނީ ކޯޗިންގައި މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތުން ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ކޯޗިންގެ މަސައްކަތަށް އެނބުރި އަންނަން ބޭނުންވާ ކަމުގައި ވެސް އޭނާ ވަނީ ބުނެފަ އެވެ. ސާރީ ބުނީ އިޓަލީ ނޫން އެހެން ޤައުމުތަކުން އޭނާ އަށް ހުށަހެޅުންތަކެއް ލިބެމުން އަންނަ ކަމަށާއި، ނަމަވެސް އެންމެ ބޭނުން ވަނީ އިޓަލީގައި ކުލަބަކަށް އިރުޝާދު ދޭން ކަމަށެވެ.

ސެވިއްޔާގެ ކޯޗުކަމުގައި ހުރި ކީކޭ ސަންޗޭޒް މަގާމުން ވަކިކޮށް، އެ ކުލަބުން ވަނީ އައު ކޯޗެއް ހަމަޖައްސައިފަ އެވެ. ގިނަ ކޯޗުންނާއެކު މަޝްވަރާތައް އެ ކުލަބުން ކުރި އެވެ. ސެވިއްޔާގެ ކޯޗަކަށް މިހާރު ހަމަޖައްސާފައި ވަނީ، ސްޕެއިންގެ ބާސެލޯނާގައި މަސައްކަތް ކޮށްފައިވާ އުމުރުން 49 އަހަރުގެ ގާސިއާ ޕިމިއެންޓާ އެވެ.

ސްޓިއާ އިން 1990 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި އުމުރުން 65 އަހަރުގެ ސާރީ ވަނީ ގިނަ ކުލަބުތަކެއްގައި މަސައްކަތް ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް