ކ. މާލެ
|
5 ޖޫން 2024 | ބުދަ 06:05
ޕީއެސްޖީ ދޫކޮށް، ސްޕެއިންގެ ރެއާލަށް ބަދަލުވި އެމްބާޕޭ
ޕީއެސްޖީ ދޫކޮށް، ސްޕެއިންގެ ރެއާލަށް ބަދަލުވި އެމްބާޕޭ
ރޮއިޓާރސް
ރެއާލް މެޑްރިޑް
އެމްބާޕޭގެ ހުވަފެން ހަގީގަތަކަށް!
އެމްބާޕޭ ބުނީ، މިވަގުތު އޭނާ އަށް ކުރެވޭ އުފާވެރި އިޙުސާސް އެހެން އެއްވެސް މީހަކަށް ނޭނގޭނެ ކަމަށް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަކީ، އޭނާގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ބުނެފި އެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެެސްޖީ) ދޫކޮށްލުމަށްފަހު، އެމްބާޕޭ ރެއާލަށް ބަދަލުވެފައިވާކަން މިހާރު ވަނީ ރަސްމީކޮށް އިއުލާާން ކޮށްފަ އެވެ. ރެއާލަށް އެމްބާޕޭގެ ސޮއި ހޯދުނީ، އެކަމަށް މަސައްކަތް ކުރާތާ އެތައް ދުވަހެއް ފަހުންނެވެ. އެންމެ ފުރަތަމަ ރެއާލުން އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރި ފަހަރު، އޭނާ ނިންމީ ޕީއެސްޖީގައި މަޑު ކުރުމަށެެވެ. ނަމަވެސް، ޕީއެސްޖީ އާއެކު ފަހުން ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެމްބާޕޭ ނިންމީ އެއްބަސްވުން އައު ނުކޮށް އެ ކުލަބު ދޫކޮށްލުމަށެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ރެއާލަށް ބަދަލުވެފައިވާއިރު، އެމްބާޕޭ ވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓު ގައި ޕޯސްޓެއް ކޮށްފަ އެވެ. އެމްބާޕޭގެ އުމުރުން އޭނާ ވަރަށް ހަގުއިރު ރެއާލްގެ ޖާޒީ ގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް އެމްބާޕޭ ބުނީ، މިއީ އޭނާގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. އޭނާގެ އުންމީދީ ކުލަބު ކަމަށްވާ، ރެއާލަށް ބަދަލުވެވުމުން އެކަމާ ވަރަށް ފަޚުރުވެރިވާ ކަމަށާއި، އަދި އުފާވާ ކަމަށް ވެސް އެމްބާޕޭ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމްބާޕޭ ބުނީ، މިވަގުތު އޭނާ އަށް ކުރެވޭ އުފާވެރި އިޙުސާސް އެހެން އެއްވެސް މީހަކަށް ނޭނގޭނެ ކަމަށެވެ. އަދި މިހާރު އޭނާ ހުރީ ރެއާލްގެ ކުޅުންތެރިން އަދި ސަޕޯޓަރުންނާ ބައްދަލު ކުރުމަށް ކެތް މަދުވެފައި ކަމަށް ވެސް އެމްބާޕޭގެ ޕޯސްޓުގައި އޭނާ ވަނީ ބުނެފަ އެވެ. އެމްބާޕޭގެ އެ ޕޯސްޓުގައި ވަނީ ރެއާލަށް ކުރިން ކުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ޙިއްސާކޮށްފަ އެވެ.

އެމްބާޕޭ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އެމްބާޕޭ ވަނީ އޭނާ ޕީއެސްޖީ އަށް ކުޅެދިން 308 މެޗުން 256 ލަނޑު ޖަހައިފަ އެވެ. އެމްބާޕޭ އަކީ ޕީއެސްޖީގެ ތާރީޚުގައި ވެސް އެ ކުލަބަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އެމްބާޕޭ ޕީއެސްޖީ ދޫކޮށްލިއިރު، އެ ކުލަބުން އޭނާގެ އެއްބަސްވުން އައު ކުރުމަށް ވެސް މަސައްކަތް ކުރި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް