ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 08:43
ސެވިއްޔާގެ ކޯޗަކަށް ހަމަޖެއްސި ޕިމިއެންޓާ
ސެވިއްޔާގެ ކޯޗަކަށް ހަމަޖެއްސި ޕިމިއެންޓާ
ރޮއިޓާސް
ސެވިއްޔާ
ސެވިއްޔާގެ ކޯޗަކަށް ޕިމިއެންޓާ ހަމަޖައްސައިފި
ޕިމިއެންޓާ އަކީ، ސްޕެއިންގެ ބާސެލޯނާގައި މަސައްކަތް ކޮށްފައިވާ މީހެއް

ސްޕެއިންގެ ސެވިއްޔާގެ ކޯޗަކަށް ގާސިއާ ޕިމިއެންޓާ ހަމަޖައްސައިފި އެވެ.

ސެވިއްޔާގެ ކޯޗުކަމުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި ކީކޭ ސަންޗޭޒް މަގާމުން ވަކިވުމުންނެވެ. ސެވިއްޔާގެ ކޯޗަކަށް ސަންޗޭޒް ހަމަޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް ސެވިއްޔާގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން، އޭނާ ވަނީ ނިމުނު ސީޒަނަށްފަހު ސެވިއްޔާގެ ކޯޗުކަން ދޫކޮށްލަން ނިންމައިފަ އެވެ.

އަންނަ ސީޒަނަށް ސެވިއްޔާ އަށް އައު ކޯޗަކަށް ހަމަޖެއްސި އުމުރުން 49 އަހަރުގެ ޕިމިއެންޓާ އަކީ، ސްޕެއިންގެ ބާސެލޯނާގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. 2006 ވަނަ އަހަރު އޭނާ ކޯޗިން ކެރިއަރު ފެށީ ބާސެލޯނާގެ ޔޫތު ޓީމުންނެވެ. އޭގެ ފަހުން ބާސެލޯނާގެ ބީ ޓީމުގެ އެސިސްޓެންޓު ކޯޗުގެ ގޮތުގައި މަސައްކަތް ކޮށްފައިވާއިރު، އެ ޓީމުގެ ކޯޗަކަށް ވެސް އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.

އޭގެ ފަހުން 2022 ވަނަ އަހަރު ޕިމިއެންޓާ ވަނީ ސްޕެއިންގެ ލަސް ޕަލްމާސްގެ ކޯޗުކަމާ ހަވާލުވެފަ އެވެ. އެ ކުލަބުގެ ކޯޗުކަން އޭނާ ދޫކޮށްލީ ސެވިއްޔާއާ ހަވާލުވުމަށެވެ. ސެވިއްޔާ އާއެކު ޕިމިއެންޓާ ސޮއި ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ކުލަބަށް އިރުޝާދު ދޭނެ އެވެ.

ޕިމިއެންޓާގެ އިރުޝާދުގެ ދަށުން ލަސް ޕަލްމާސް އިން ވަނީ 105 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 41 މެޗުންނެވެ. 30 މެޗުން ބަލިވެފައިވާއިރު، 34 މެޗު ނިމުނީ އެއްވަރުވެގެންނެވެ. ބާސެލޯނާގެ ޔޫތު ޓީމާ އެކު ޕިމިއެންޓާ ވަނީ ޔުއެފާ ޔޫތު ލީގު ކާމިޔާބު ކޮށްފަ އެވެ. އަނެއްކޮޅުން ސެވިއްޔާ އިން ޕިމިއެންޓާއާ ހަވާލުކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ އެ ކުލަބުގެ ނަތީޖާތައް ރަނގަޅު ކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް