ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 15:53
އިންޑިއާ އައުޓް ކެމްޕެއިން
އިންޑިއާ އައުޓް ކެމްޕެއިން
ސިމާހާ ނަސީމް
އިންޑިއާ އައުޓް ގަރާރު
އިންޑިއާ އައުޓް ގަރާރު ބާތިލުކުރަން ހުށަހެޅި މައްސަލައިގެ ހުކުމާ ހަމައަށް
ގަރާރު ނެރުނީ 21 އެޕްރީލް 2022 ގައި
ހުކުމް ކުރާނެ ތާރީހެއް ގާޒީ ވިދާޅުނުވޭ
މައްސަލައިގެ ހުލާސާ ބަޔާން ވަނީ އިއްވާފައި

އިތުރުކަމެއް ސާފުކުރަން ދެން ނެތް ނަމަ އޮންނާނީ އިންޑިއާ އައުޓް ގަރާރު ބާތިލުކުރަން ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ.

މީގެ 2 އަހަރުކުރިން ހުށަހެޅި މި މައްސަލައަކީ އިންޑިއާ އައުޓް ހުއްޓުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނެރުއްވި ގަރާރު ބާތިލް ކުރުމަށް އިދިކޮޅުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެއީ 27 އެޕްރީލް 2022 ގައެވެ.

ގަރާރު ނެރުނީ 21 އެޕްރީލް 2022 ގައެވެ.

ރައީސްގެ ޤަރާރުގައި ބަޔާން ކޮށްފައިވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ޤައުމަކާއި ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ޤައުމީ ސަލާމަތާ ގުޅުންހުރި، އަދި ނުރައްކާ އޮތް ކަމެއްކަމަށާއި، ވަކިވަކި ޤައުމުތަކާއި ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް މަޖިލީހުން ނިންމައިފައިވާ ކަމަށެވެ.

ވުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، މި ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މިގޮތުގެ މަތީން ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ޤަރާރު އެކަށައެޅުއްވީކަން ވަނީ ބަޔާން ކުރައްވާފައެވެ.

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ޙަރަކާތަކީ ރާއްޖޭގެ ޤާނޫނުތަކާއި އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި ޚިލާފު ހަރަކާތެއް ކަމަށް ކަނޑައަޅުއްވައި އޭޕްރިލް މަހުގެ 21ގައި ނެރުއްވި ޤަރާރުގައި ޤާނޫނު އަސާސީއާ ޚިލާފު އަދި އެއްވެސް މީހެއްގެ ހައްޤު ގެއްލޭ ކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދާއިރު، އާދީއްތަ ދުވަހުގެ އަޑުއެހުމުގައި އޮތީ މައްސަލަ ހުށަހެޅުއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނާއި، މައްސަލަ ރައްދުވާ ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ. އަދި މައްސަލަ ބައްލަވާ ގާޒީ ވަނީ މި މައްސަލައިގައި އިތުރުކަމެއް ފާހަގަކުރަން ނެތްނަމަ ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް އިއްވާނެ ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް ވިދާޅުނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް