މިސަރުކާރަށް ހަމަވެސް ވެގެން ދިޔައިރު ވެސް ވަޒީފާތަކަށް މީހުން ނެގުން ފިޔަވައި އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި ވަރަށް ބާރަށް ކަންކަން ފައްޓާވާ ކަމަށާއި، އެއްވެސް ރަނގަޅު ނަތީޖާއެއް ނުނިކުންނަ ކަމަށެވެ. ފެއްޓި ބައެއް ކަމަށް އަލިއަޅުއްވާލައްވާ މެންބަރު ޒިޔާދު ވިދާޅުވީ ކަނޑު ހޯދުމާއި، ފުށިދިއްގަރުފަޅުގެ މަޝްރޫއު ފެއްޓުން ފަދަ ކަންކަން ހިމެނޭ ކަަމަށެވެ. ބައެއް ކުރީ ސަރުކާރުގައި ނިންމާފައިވާ ބައެއް މަސައްކަތްތަކާއި، މަޝްރޫއުތައް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުތައް ބާއްވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް-1 އަދި ފޭސް-2 ގެ ބްރިޖު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު މެންބަރު ޒިޔާދު ފާހަގަކުރެއްވިއެވެ.
ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ ކަންބޮޑުވުންފާޅުކޮށް މެންބަރު ޒިޔާދު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ކުރުމަށް ނިންމާފައިވާ ހުރިހާ މަޝްރޫއެއް ވެސް ފަށާނެ ކަމަށް ސަރުކާރުން ބުނަމުންދަނީ ހަތަރުވަނަ ކުއާޓަރުގައި ކަމަށެވެ. އެއީ މިއަހަރު ނިމޭ ހިސާބު ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދިޔަ ނަމަވެސް މިސަރުކާރުގައި ސިޔާސީ މަގާމުތަކަށް މީހުން ނެގުމާއި ވަކިކުރުން ކުރިއަށް ގެންދާ ކަމަށެވެ. ސަރުކާރަށް ހަމަސް ވެގެން ދިޔައިރު ވަޒީފާތަކަށް މީހުން ނެގުން މަދުނުވާ ކަމަށާއި، އެމަސައްކަތް ކުރިއަށް ގެންދަނީ ދައުލަތުގައި ވަރަށް ރުފިޔާ ހުރުމުން ކަމަށެވެ.
މިސަރުކާރުން ވަރަށް ބާރަށް ވަރަށް ގިނަ ކަންކަން ފައްޓަވައިފި. ކަނޑު ހޯއްދަން ފައްޓަވައިފި. ފުށިދިއްގަރުފަޅު ފައްޓަވައިފި. ވަރަށް ގިނަ ކަންކަން ފައްޓަވައިފި. ބައެއް ތަންތަން ހުޅުވައިފި ފޭސް-1 އާއި ފޭސް-2ގެ ދޭތެރޭގައި އިން ބްރިޖު ވެސް ހުޅުވައިފި. ފަރިތަކޮށް ބްރިޖުން ދަތުރުކޮށް އުޅޭތާ އެތައް އަހަރެއް ވެއްޖެ. ހުޅުވުމުގެ ކަންކަން ކުރިއަށްދޭ. އައު ޕްރޮޖެކްޓެއް އަދި ނުފެށިގެންދޭ. އެންމެ ބޮޑު ކަންބޮޑުވުމަކީ އަލަށް ބަޖެޓުގައި މިހުރި ވަޒީރު ސުވާލު ކުރަން ދާއިިރާއަށް މިވެނި މަޝްރޫއެއް ކޮން އިރަކުތޯ. ހަތަރު ވަނަ ކުއާޓާގައި. އެއީ މިއަހަރު ނިމޭ ހިސާބު. ހަަތަރު ވަނަ ކުއާޓަރުގައި ހުރިހާ މަސައްކަތެއް ކުރަނީ ކަމަށްވަނީނަމަ މިއަހަރުގެ ބަޖެޓުން އެއްވެސް ކަމެއް ނުވެތާ ދާނީ. ވަޒީފާއަށް މީހުން ނެގުމާއި ސިޔާސީ މަގާމުތަކަށް މީހުން ނެގުމަށް ކުންފުނިތަކަށް މީހުން ނެގުން މަދެއް ނުވޭ. ދައުލަތުގައި ރުފިޔާ އެބަހުރި. ރުފިޔާ ހުރެގެން ވަޒީފާ ދެނީ.ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
މެންބަރު ޒިޔާދު ވިދާޅުވީ އަތޮޅުތެރޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި މިސަރުކާރު އުޒުރު ދައްކަމުންދާ ކަމަށެވެ. ނަމަވެސް މިސަރުކާރަށް ބަޖެޓާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ޒިޔާދު ވިދާޅުވީ މީގެކުރިން މަޖިލީހުގެ ސަބަބުން މަސައްކަތް ނުކުރޭ ކަމަށް ސަރުކާރުގެ ބޭފުޅުން ތުހުމަތު ކުރި ކަމަށެވެ. އަދި މިއަދު ބަޖެޓު ނެތް ކަމަށް އެބޭފުޅުން ވިދާޅުވި ނަމަވެސް އެކަން ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ. އެއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ރަށްރަށުގެ ފެނަކަ އޮފީސްތަކާއި، އަދިވެސް ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުން ޖާގަ ނެތް ނަމަވެސް ގިނަ ބަޔަކަށް ވަޒީފާ ދިފައިވާތީ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ވަޒީފާ ދިނުން ގޯސްނޫން ކަމަށާއި، ގޯސްވަނީ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ ކަމަށެވެ.