ކ. މާލެ
|
28 ޖޫން 2025 | ހޮނިހިރު 20:49
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިން ފޯ ޑިވެލޮޕްމަންޓް (އެފްއެފްޑީ4) ގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވަނީ - 27 ޖޫން 2025
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިން ފޯ ޑިވެލޮޕްމަންޓް (އެފްއެފްޑީ4) ގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވަނީ - 27 ޖޫން 2025
ރައީސް އޮފީސް
ތަރައްޤީއަށް ފައިނޭންސް ކުރުން
ދިވެހިރާއްޖެ އަށް އެހީ ދިނުމަށް ގޮވާލެއްވުމަށް ނައިބު ރައީސް އަނެއްކާ އަނެއް ދަތުރުފުޅު ފައްޓަވައިފި
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވަނީ ގިނަ އަދަދަކަށް ބޭރުގެ ދަތުރުތައް ކުރައްވާފައެވެ. އެ ދަތުރުޅުތަކުން ނިކުތް އެދެވޭ ނަތީޖާ އެއް ފެންނަން ނެތް އިރު ގިނަ ބަޔަކު ދަނީ އެ ދަތުރުފުޅުތަކުގެ މަގްސަދާ ބެހޭ ގޮތުން ސުވާލު އުފައްދަމުން

ދިވެހި ރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މާލީ އެހީތެރިކަމަށް އެދި ގޮވާލެއްވުމަށް ނައިބު ރައީސް މުހައްމަދު ހުސެއިން ލަތީފް ސްޕެއިން އަށް ހުކުރު ދުވަހު ފުރާ ވަޑައިގެންފިއެވެ.

ނައިބު ރައީސް ގެ މަގާމުގައި ހުންނަވާ ނިސްބަތުން ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ބޭރުގެ ދަތުރުފުޅުތައް ކުރެއްވި ރެކޯޑް ހައްދަވާފައިވާ ހުސެއިން މުހައްމަދު ލަތީފް ސްޕެއިނަށް ވަޑައިގަތީ 30 ޖޫން އިން 3 ޖުލައި 2025 އަށް ސެވީލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަރައްޤީ އަށް ފައިނޭންސް ކުރުމާބެހޭ ހަތަރު ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް (އެފްއެފްޑީ4) ގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި ކޮންފަރެންސް އަކީ މާލީ އިސްލާހާމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް، ސަރުކާރުތަކާއި، ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުވައްސަސާތަކާއި، ވިޔަފާރިތަކާއި، މަދަނީ ޖަމާޢަތްތަކާއި، އދގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު މަންސަ އެއް ކަމަށާއި، މާލީ ދާއިރާ އިސްލާހް ކުރުމާއި ދަރަނީގެ މައްސަލަތަކާއި ތަރައްޤީއާ ގުޅޭ މުހިންމު މައްސަލަތަކާމެދު މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއީ 2015 ވަނަ އަހަރު އެޑިސް އަބާބާގައި ބޭއްވުނު ކޮންފަރެންސަށް ފަހު މި އިވެންޓް ބޭއްވޭ ފުރަތަމަ ފަހަރު ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކޮންފަރެންސްގެ ފެށުމުގެ ބައިގައި، ނައިބު ރައީސް ވާހަކަފުޅު ދައްކަވާ ގޮތައް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވެރިކަމަށް ވަޑައިގަންނަވަމުން ރާއްޖެ އަށް ބޭނުންވާ ހުރިހާ އެހީ އެއް އޮތީ ހަމަ ޖެހިފައި ކަމަށާއި، ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ސަރުކާރަށް ދޮޅު އަހަރު ވެގެން ދިޔަ އިރު އެ ވިދާޅުވި އެހީ ހަމަ ޖެހުނު ކަމެއް ކަމާ ބެހޭ އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ. މިފަހަރު ނައިބު ރައީސް މި ކުރައްވާ ދަތުރުފުޅުގައި ވެސް ރާއްޖެއަށް އެހީ ބޭނުންވާ ކަން ފާހަގަ ކުރައްވާ ވާހަކަފުޅު ދައްކަވާނެ ކަމަށް ވެއެވެ. އެނގިފައިވާ ގޮތުގައި ކޮންފަރެންސްގެ ހަވާސާ ގައި ދިވެހިރާއްޖެއިން ބާއްވާ އިވެންޓްތަކުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް ދިވެހިރާއްޖެ އިން ގޮވާލާ ގޮވާލުމަށް ބާރު އަޅުއްވާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ނައިބު ރައީސް އާ އެކު ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ހަތަރު ދުވަހުގެ މި ކޮންފަރެންސް ގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވަނީ ގިނަ އަދަދަކަށް ބޭރުގެ ދަތުރުތައް ކުރައްވާފައެވެ. އެ ދަތުރުޅުތަކުން ނިކުތް އެދެވޭ ނަތީޖާ އެއް ފެންނަން ނެތް އިރު ގިނަ ބަޔަކު ދަނީ އެ ދަތުރުފުޅުތަކުގެ މަގްސަދާ ބެހޭ ގޮތުން ސުވާލު އުފައްދަމުންނެވެ.

މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ނައިބު ރައީސް ވަނީ ޗައިނާ، ސުވިޒަލޭންޑް، ފްރާންސް، އީރާން، އެމެރިކާ، އަދި ތަޖަކިސްތާނަށް ދަތުރުފުޅު ކުރައްވާފައެވެ.

މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ނައިބު ރައީސް ކުރައްވާފައިވާ ރަސްމީ ދަތުރުފުޅުތައް:

ޗައިނާ (ޑިސެމްބަރު 2023)

ސުވިޒަލޭންޑް (ޑިސެމްބަރު 2023)

ޕެރިސް، ފްރާންސް (ޖުލައި 2024 - އޮލިމްޕިކްސް ހުޅުވުން)

އީރާނަށް (އޯގަސްޓް 2024 - ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު)

ހަވާއީ، އެމެރިކާ (މެއި 2025 - މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފެލޯޝިޕް)

ތަޖިކިސްތާން (މެއި 2025 - ގްލޭޝިއަރ ކޮންފަރެންސް)

- ކޮމެންޓް