ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 07:24
އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ރޮއިޓާސް
އަލް ނަޞްރު
އަންނަ ސީޒަންގައި ވެސް ރޮނާލްޑޯ ހުންނާނީ އަލް ނަޞްރުގައި!
އަލް ނަޞްރާ އެކު ރޮނާލްޑޯ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަށް

ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އަންނަ ސީޒަނުގައި ވެސް ހުންނާނީ އެ ކުލަބުގައި ކަމަށް، އަލް ނަޞްރުގެ ސީއީއޯ ގުއިޑޯ ފިއެންގާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ކުޅުނު ކިންގް ކަޕް އޮފް ޗެމްޕިއަންސްގެ ފައިނަލް މެޗަށްފަހު އެވެ. ވާދަވެރި އަލް ޙިލާލާ ދެކޮޅަށް ކުޅުނު އެ މެޗުން އަލް ނަޞްރު ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މެޗުން އަލް ނަޞްރު ބަލިވުމުން، ރޮނާލްޑޯ އަށް ހުރީ ވަރަށް އަސަރު ކޮށްފަ އެވެ.

ފިއެންގާ ވިދާޅުވީ، އަންނަ ސީޒަންގައި ވެސް ރޮނާލްޑޯ ހުންނާނީ އަލް ނަޞްރުގައި ކަމަށެވެ. އަދި އެ ކުލަބުގައި ރޮނާލްޑޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުން ކަމަށާއި، ރޮނާލްޑޯގެ ކުޅުމާމެދު ޓީމުގެ ކޯޗު އަދި އިސްވެރިން ވެސް ނުހަނު ހިތްހަމަ ޖެހޭ ކަމަށެވެ. އެހެންކަމުން، ރޮނާލްޑޯ އެ ކުލަބު ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑޯ އެވޯޑު ވެސް ފަސް ފަހަރު ހޯދާފައިވާ، އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ އަލް ނަޞްރަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލުމަށްފަހު ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އަލް ނަޞްރާ އެކު ރޮނާލްޑޯ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަށެވެ. ނަމަވެސް، އަލް ނަޞްރުން ރޮނާލްޑޯގެ އެއްްބަސްވުން އައު ކުރަން ބޭނުންވާކަމަށް މީޑިއާ ތަކުން ވަނީ މީގެ ކުރިން ވެސް ރިޕޯޓުކޮށްފަ އެވެ. އެކަމާ ގުޅުން ހުރި މަޝްވަރާތައް އެ ކުލަބުން ރޮނާލްޑޯ އާއެކު ފަށާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަލް ނަޞްރަށް ބަދަލުވި ފުރަތަމަ ސީޒަންގައި ރޮނާލްޑޯ ވަނީ އެ ކުލަބަށް ކުޅެދިން 19 މެޗުން 14 ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ސީޒަންގައި ރޮނާލްޑޯ ވަނީ 51 މެޗުން 50 ލަނޑު ޖަހައިފަ އެވެ. މި ސީޒަންގެ ސައުދީ ލީގުގައި އަލް ނަޞްރަށް ރޮނާލްޑޯ ޖެހި 35 ލަނޑާއެކު، އޭނާ ވެގެން ގޮސްފައި ވަނީ އެއް ސީޒަނެއްގައި ސައުދީ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް