ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް އިރުޝާދު ދެމުން އަންނަ އިޓަލީގެ ސްޓެފާނޯ ޕިއޯލީ، އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.
އުމުރުން 59 އަހަރުގެ ޕިއޯލީ، އަލް ނަޞްރުގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ލުއިސް ކަސްޓްރޯ ވަކި ކުރުމަށް ފަހު އެވެ. އަލް ނަޞްރުގެ ކޯޗުކަަމާ ޕިއޯލީ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު 2026 ގައި ހަމަވާއިރު، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި އޭނާ ވަނީ އަލް ނަޞްރު ދޫކޮށްލަން ނިންމައިފަ އެވެ.
އަލް ނަޞްރުގެ ކޯޗުކަން ޕިއޯލީ ދޫކޮށްލަނީ، އޭނާގެ ކުރީގެ ކުލަބު ފިއޮރެންޓީނާގެ ކޯޗުކަމާ ހަވާލުވުމަށެވެ. މީގެ ކުރިން ޕިއޯލީ ވަނީ، 2017 ވަނަ އަހަރުން، 2019 ވަނަ އަހަރަށް ފިއޮރެންޓީނާ އަށް އިރުޝާދު ދީފަ އެވެ. އެ ކުލަބުން އަނެއްކާ ވެސް ބޭނުން ވަނީ، ޕިއޯލީ އެ ކުލަބަށް ގެނައުމަށެވެ. އޭގެ އިރުޝާދުގެ ދަށުން އޭރު ފިއޮރެންޓީނާ އިން ވަނީ 74 މެޗު ކުޅެފަ އެވެ.
ޕިއޯލީގެ އިރުޝާދުގެ ދަށުން އަލް ނަޞްރުން ވަނީ 43 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 27 މެޗުންނެވެ. ހަތް މެޗު އެއްވަރުވެފައިވާއިރު، ނުވަ މެޗަކުން ވަނީ ބަލިވެފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން އަލް ނަޞްރުން މިދިޔަ ސީޒަން ނިންމާލީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ.
ޕިއޯލީ އޭނާގެ ކޯޗިން ކެރިއަރު ފެށީ 1999 ވަނަ އަހަރު ބޮލޮގްނާގެ ޒުވާން ޓީމުންނެވެ. އޭގެ ފަހުން އޭނާ ވަނީ ލާޒިއޯގެ އިތުރުން އިންޓަރ މިލާން އަދި އޭސީ މިލާނަށް ވެސް އިރުޝާދު ދީފަ އެވެ. ޕިއޯލީގެ އިރުޝާދުގެ ދަށުން އޭސީ މިލާނުން ވަނީ 22-2021 ވަނަ ސީޒަންގެ އިޓާލިއަން ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.