ކ. މާލެ
|
10 ޖޫން 2025 | އަންގާރަ 12:39
ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ކުޅެމުން އަންނަ ރޮނާލްޑޯ
ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ކުޅެމުން އަންނަ ރޮނާލްޑޯ
ރޮއިޓަރސް
އަލް ނަޞްރު
ރޮނާލްޑޯ އަލް ނަޞްރުގައި މަޑު ކުރަނީ
ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް މެޗަށް ފަހު، މުސްތަޤުބަލާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ބުނީ އޭނާގެ މުސްތަޤުބަލާ މެދު އެއްވެސް ކަމެއް ބަދަލު ނުވާނެ ކަމަަށެވެ.

ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ކުލަބުގައި މަޑު ކުރަން ނިންމާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށް، އޭނާ އަލް ނަޞްރަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ ނިޔަލަށެވެ.

ނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އައު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ބަދަލުގައި ރޮނާލްޑޯ އަލް ނަޞްރު ދޫކޮށްލާނެ ކަމުގެ އަޑުތައް މި ދޭތެރެއިން ވަނީ ގަދަވެފަ އެވެ. ނަމަވެސް، ރޮނާލްޑޯގެ އެއްބަސްވުން އައު ކުރަން ބޭނުންވާ ކަމަށް އަލް ނަޞްރުން އޮތީ ހާމަކޮށްފަ އެވެ.

ދާދި ފަހުން ނިމުނު ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް މެޗަށް ފަހު، މުސްތަޤުބަލާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ބުނީ އޭނާގެ މުސްތަޤުބަލާ މެދު އެއްވެސް ކަމެއް ބަދަލު ނުވާނެ ކަމަަށެވެ. އެހެންކަމުން އޭނާ ހުންނާނީ އަލް ނަޞްރުގައި ކަމަށާއި، އެހެން ކުލަބަކަށް ބަދަލު ނުވާނެ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، މިހާރު އޭނާ ގުނަމުން ދަނީ ފުޓުބޯޅަ ކެރިއަރުގެ ފަހު ދުވަސްތައް ކަމަށެވެ. އެހެންކަމުން، ކެރިއަރުގެ އެންމެ ކުރީ ކޮޅު ވިސްނި ވިސްނުން، މިހާރު ނުގެންގުޅެވޭނެ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ. ރޮނާލްޑޯ އަދި ވެސް އޭނާ ބޭނުން ވަނީ ލިބިފައި އޮތް ވަގުތުގެ ބޭނުން ހިފައިގެން ކުރިއަށް ދާން ކަމަށެވެ.

އަލް ނަޞްރަށް ބަދަލުވި ފަހުން ރޮނާލްޑޯ އަންނަނީ އެ ކުލަބުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް އަލް ނަޞްރާ އެކު ތިން ސީޒަން ހޭދަކޮށްފަ އެވެ. އޭނާ ވަނީ މި ތިން ސީޒަންގެ ތެރޭގައި އަލް ނަޞްރަށް ކުޅެދިން 111 މެޗުގައި 99 ލަނޑު ޖަހައިފަ އެވެ. އަލް ނަޞްރާ އެކު ރޮނާލްޑޯ ވަނީ 2023 ވަނަ އަހަރުގެ އަރަބް ކުލަބު ޗެމްޕިއަންސް ކަޕް ކާމިޔާބު ކޮށްފަ އެވެ.

މި ނިމުނު ސީޒަންގެ ސައުދީ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވެސް ރޮނާލްޑޯ އެވެ. އޭނާ ވަނީ ސައުދީ ލީގުގައި އަލް ނަޞްރަށް ކުޅެދިން 30 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އޭގެ ކުރީ ސީޒަންގެ ސައުދީ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ވެސް ހޮވުނީ ރޮނާލްޑޯ އެވެ.

- ކޮމެންޓް