ކ. މާލެ
|
29 މެއި 2024 | ބުދަ 16:24
ށ ފުނަދޫ
ށ ފުނަދޫ
ރާއްޖެއެމްވީ
ސިހުރު ހެދި މައްސަލައެއް
ފުނަދޫގައި ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި
އެމީހާއާ ދެކޮޅަށް އެރަށުގައި މުޒާހަރާވެސް ކޮށްފައިވޭ
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް

ށ.އަތޮޅު ފުނަދޫގައި ސިހުރު ހެދި ކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 3 މެއި 2024 ވީ ހުކުރު ދުވަހުއެވެ. ފުރަތަމަ އެމީހާގެ ބަންދަށް 15 ދުވަސް ޖެހިއެވެ. އަދި އޭގެފަހުން 10 ދުވަސް އިތުރުކޮށްފައިވެއެވެ. އަދި އެ 10 ދުވަސް އަންގާރަ ދުވަހަށް ވަނީ ހަމަވެފައެވެ.

ފުލުހުން ބުނީ އެމީހާގެ ބަންދުގެ މުއްދަތު ހަމަވުމާއި ގުޅިގެން އަންގާރަ ދުވަހު ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު ފަސް ދުވަސް ދީފައިވާ ކަމަށެވެ.

ފުނަދޫގައި ސިހުރު ހެދި ކަމުގެ ކުށުގެ ތުހުމަތުގައި އެމީހާއާ ދެކޮޅަށް އެރަށުގައި މުޒާހަރާވެސް ކޮށްފައިވެއެވެ.

އެ ރަށުން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި މައްސަލަ އުފެދިގެން ދިޔައީ އެ ދާއިރާގެ މެންބަރަށް ގެއްލުން ދިނުމަށް ސިހުރު ހެދި މައްސަލައެއްގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް