ކ. މާލެ
|
31 މެއި 2024 | ހުކުރު 13:20
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ހުކުުރު ޚުތުބާ - ސިހުރުގެ ނުބައިކަން
ސިހުރު މުޅި މުޖުތަމައަށް ވަނީ އާއްމުވެފައި، ސިހުރުން ރައްކާތެރިވުމަށް އެދި ދުއާ ކުރޭ: ޚުތުބާ
ސިހުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް، އެއީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ އަމަލެއް
މީހުން މޮޔަކޮށްލާ ސިހުރާއި، ބަލިކޮށްލާ ސިހުރާއި، މަރާލާ ސިހުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިހުރު ހިމެނޭ
ސިހުރުގެ ސަބަބުން އާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ހަޔާތް ބަރުބާދުވޭ

ސިހުރު މުޅި މުޖުތަމައަށް އާންމުވެފައިވާ ކަމަށާއި، ސިހުރުން ރައްކާތެރިވުމަށް އެދި ދުއާ ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ސިހުރުގެ ނުބައިކަން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މިއަދު އަހަރެމެންގެ ތެރޭގައި ފެތުރިފައިވާ ކުށްތަކުގެ ތެރޭގައި، އެ ކުށްތަކަކަށް އަރައިގަތުމުން، ދީނުން ބޭރުވާ ފަދަ ކުށްތައްވާ ކަމަށެވެ.

އޭގެ ތެރެއިން އެއްކަމަކީ ސިހުރު ކަމަށާއި، ސިހުރުގެ ސަބަބުން އާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ހަޔާތް ބަރުބާދުވާ ކަމަށެވެ. ރަހްމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި، އަދާވާތްތެރިކަން އުފެދޭ ކަމަށާއި، ދަރިވަރުންގެ ތައުލީމަށް ހުރަސްއެޅި، ސިއްހަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި، ވޭން ތަހައްމަލުކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެފަދަ އަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޚުތުބާގައި ބުނީ މިނުބައި ފާސިދު އަމަލު މިއަދު ވަނީ މުޅި މުޖުތަމައަށް އާންމުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ މި ސުންޕާ އަމަލުގެ ސަބަބުން، ގިނަ ޒުވާނުންތަކެއްގެ ހިޔާތް ވިއްސިވިހާލިވެ ބަރުބާދުވެގެންދާ ކަމަށާއި، ބަލިވެ އެތައް އަޚުންނާއި އުޚުތުން ދުނިޔެ ދޫކުރަމުންދާކަން ފާހަގަކޮށްފައެވެ. އަދި އަދާވާތްތެރިކަމާއި، ނަފުރަތު އުފެދި، މުޅި އުމުރަށް ވަކިވެ އެތައް އާއިލާއެއް ވަކިވެގެންދާއިރު، މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގެއްލި، ދުނިޔޭން ގިނަ ބަޔަކު މޮޔަވަމުންދާ ކަމަށް ބުނެފައިވެއެވެ. މި ކަންކަން ހިނގަނީ، ބޮޑުފާފައެއް ކަމުގައިވާ ސިހުރުގެ ސަބަބުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ސިހުރަކީ ހަގީގަތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އޭގެ އެއްބާވަތަކީ، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުމެއް ކަމަށާއި، ސިހުރުގެ އަނެއް ބާވަތަކީ، ކެހިވެރިކަމުގެ ދައްކާލުމެއް ނޫން ކަމަށެވެ. އެއީ މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތެއް ކަމަށާއި، މި ބާވަތުގެ ސިހުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރާ ކަމަށެވެ. މީގެތެރޭގައި، މީހުން މޮޔަކޮށްލާ ސިހުރާއި، ބަލިކޮށްލާ ސިހުރާއި، މަރާލާ ސިހުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިހުރު ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

''ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޖެހިވަޑައިގަތީ، މިބާވަތުގެ ސިޙުރެކެވެ. لَبِيْدُ بْنُ الْأَعْصَم ނަމަކަށް ކިޔާ ޔަހޫދީއަކު، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ސިޙުރު ހެދީ، އެކަލޭގެފާނުގެ އިސްތަށިފުޅުން މިންވަރެއް ހޯދައިގެންނެވެ. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް سُوْرَةُ الْفَلَقِ އާއި سُوْرَةُ النَّاسِ ބާވައިލެއްވީ މި ޙާދިޘާއާ ގުޅިގެންނެވެ. މުސްލިމް އަޚުންނޭވެ! ސިޙުރަކީ، ޙަޤީޤަތެއްކަން، ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ޘާބިތުވެއެވެ. ﷲ تَعَالَى ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ."އަދި سُلَيْمَانُ ގެފާނުގެ ވެރިކަމުގެ ޒަމާނުގައި، شَيْطَانُ ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تَبَعَ ވޫއެވެ. سُلَيْمَانُ ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شَيْطَانُ ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سِحْرُ އުނގަންނައިދިނުމުންނެވެ. އަދި بَابِلُ ގައިވާ هَارُوْت އާއި، مَارُوت އާއި ދެ مَلَائِكَةُ ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާ ވެސް (އެއުރެން تَبَعَ ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ، (إِيـْمَان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) اِمْتِحَان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كَافِرُ ނުވާށޭ ވިދާޅުވެ (نَصِيْحَة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ مَلَائِكَةُ ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި، އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް، ވަކިކުރާނޭ ގޮތް، އެ ދެ مَلَائِكَةُ ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. الله ގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخِرَةُ ގައި އެއްވެސް نَصِيْب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައި ވެއެވެ. އެއުރެންގެ نَفْسُ ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ."[2] މި އާޔަތުގައި "ފަހެ (އެ ދަސްކޮށްގެން) كَافِرُ ނުވާށޭ" އޮތް ބަސްފުޅުން ސިޙުރު އުނގެނުމަކީ، ކާފިރުވާނެ ޢަމަލެއްކަން އެނގެއެވެ. އެހެންކަމުން މި ކުފުރުގެ ޢަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް ﷲ ގެ މަގަށް އެނބުރި ރުޖޫޢަވުމަށް ނަސޭހަތްތެރިވަމެވެ.''
ހުކުުރު ޚުތުބާ

ޚުތުބާގައި ބުނީ ސިހުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް ކަމަށާއި، އެއީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ އަމަލެއް ކަމަށެވެ.

ސިހުރުހާހޫރައާ ދުރުހެލިވުމަށާއި، އަދި މުސީބާތްތަކުން މިންޖުވުމަށާއި، ބޭނުންވާ ކަންކަމުގައި، އިހްލާސްތެރިކަމާއެކު މާތް ﷲ ގެ ހަޟްރަތުގައި ދުއާ ކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ސިހުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި އަންގަވާފައިވާއިރު، ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުމަށާއި، ޝައިތާނާގެ ކިބައިން ރައްކާތެރިވުމަށް މާތް الله ގެ ހަޟްރަތުގައި دُعَاء ކުރުމަށް އެދިފައިވެއެވެ. އަދި ޖިންނި ޝައިތާނުންގެ ކިބައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަރިހުން ވާރިދުވެފައިވާ ދުއާތައް ކިޔެވުމާއި، އެކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތަށް އަމަލުކުރުމަށް ވެސް އެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ގާބޫލުނުކުރުމުގެ ފިކުރު - ހުތުބާ
އެމީހެއްގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު މައިތިރިކޮށްފި މީހަކަށް އޮތީ އުފާވެރިކަން - ހުތުބާ
އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރިންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހޭ: ޚުތުބާ
އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
ފަލަސްތީން ވަނީ އިސްލާމީ އުންމަތުގެ ކަރާމާތައި ގުޅިފައި، ފަލަސްތީނަށްޓަކާ އަދާކުރަން ޖެހޭ އަހުލާގީ ވާޖިބުތަކެއް އެބަހުރި - ޚުތުބާ
ފުނަދޫގައި ސިހުރު ހެދި ކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި
ފުނަދޫގައި ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި
ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ އިލްމު ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކުރުމަށް ޚުތުބާގައި ގޮވާލައިފި