ކ. މާލެ
|
26 މެއި 2024 | އާދީއްތަ 17:57
ދިރާސީ އައު އަހަރުގެ ފުރަތަމަ ދުވަސް
ދިރާސީ އައު އަހަރުގެ ފުރަތަމަ ދުވަސް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އާސަރުކާރުގެ ފުރަތަމަ ދިރާސީ އަހަރު ފެށުމުގައިވެސް ކަންބޮޑުވުން
ބައެއް ސްކޫލް ތަކަށް ޓެކްސްޓް ފޮތްތައް އަދިވެސް ނުފޮނުވޭ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ފެށުނު ފުރަތަމަ ދިރާސީ އައު އަހަރު މިވަނީ ފެށިފައެވެ. ހެނދުނު ހެނދުނާ ދަރިން ޔުނީފޯމް ލައްވައިގެން ބެލެނިވެރިން ސްކޫލްތަކަށް ކުދިން ގެންދިޔަ ނަމަވެސް ބައެއް ބެލެނިވެރިންގެ ކަންބޮޑުވުންތައް ގިނައެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން 96،000 އަށްވުރެ ގިނަ ދަރިވަރުންނާ އެކު ފެށިއިރު ކިޔެވުން ފެށުން ބޯމަތިވަމުން އައި ދުވަސްވަރަކީ ރާއްޖޭގައި އާއްމު ގޮތެއްގައި އެންމެ ގޯސް ދުވަސްވަރެވެ. ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ރަށްރަށުން އައި ގިނަ ބެލެނިވެރިންނާއި އެމީހުންގެ ދަރިންގެ ތެރެއިން ބައެއް ކުދިންނަށް ތިބީ ވިއްސާރައިގެ ސަބަބުން ރަށަށް ދެވޭނެ ގޮތް ނެތިފައެވެ. މޫސުމް ގޯސްވެ ކަނޑުދަތުރުފަތުރު ނުކުރުމަށް ކުރަމުންދިޔަ އިލްތިމާސްތަކާއެކު އެވެރިން ތިބީ މާލޭގައެވެ. ރަށްރަށަށް ދިޔަ ބައެއް މީހުންވެސް ތިބީ އެހާލުގައެވެ. އަތޮޅުތަކަށް ދަތުރުކުރާ ފްލައިޓް ޝެޑިއުލްތަކަށްވެސް ހިސާބެއްގެ ގެންނަން މަޖްބޫރުވިއެވެ. ދަތުރުކުރަން ރައްކާތެރި ނުވާތީއެވެ. އެހެންކަމުން ދިރާސީ އާ އަހަރު ފެށުނު ފުރަތަމަ ދުވަހު ސްކޫލްތަކަށް ނުދެވި ތިބި ކުދިންވެސް އެބަތިއްބެވެ. އެއީ ބެލެނިވެރިންނާ ދަރިވަރުންގެ ކަންބޮޑުވުމެކެވެ.

ވިއްސާރަ ދުވަސްވަރަކަށްވާތީ ސަރުކާރުންވެސް ފިޔަވަޅެއް އެޅިއެވެ. ސްކޫލުތަކުގެ ސެޝަންތައް ކުރުކޮށްލުމެވެ. ޖުމްލަ ގޮތެއްގައި ދެގަޑިއިރަށް ކިޔެވުން ކުރުގަންނަވާލުމެވެ.

މިއީކީވެސް ބައެއް ބެލެނިވެރިންނަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ގެންގުޅޭ އަދި ތަފާތު ސްކޫލުތަކުގައި އެކި ކުދިން ގެންގުޅޭ ބެލެނިވެރިންނަށް މިކަންވީ ފަސޭހައަކަށްވުރެ ކޮންމެވެސް ތަކުލީފަކަށެވެ. ކުދިން ގެންގޮސް ގެނައުމުގައި ޖެހުނު ތުރާލަކަށެވެ.

ކިޔެވުން ފެށިއިރުވެސް، ވިއްސާރައިގެ ސަބަބުން އެކަމަށް ތައްޔާރު ނުވެވޭކަން އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކީ ސަރުކާރެވެ. ތައުލީމާބެހޭ ވުޒާރާއެވެ. އޭގެ ހެއްކަކީ ގިނަ އަދަދެއްގެ ރަށްތަކަށް ކިޔެވުން ފެށުނުއިރުވެސް ޓެކްސްޓް ފޮތްތައް ފޯރުކޮށްދެވިފައި ނުވުމެވެ. ވިއްސާރައިގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށަށް ދަތުރު ކުރެވޭނެގޮތް ނުވެގެންނެވެ.

މިއީވެސް ބެލެނިވެރިންނާއި ދަރިވަރުންނަށް ކުރިމަތިވި ބޮޑު ބޮލުގެ ރިހުމެކެވެ. ހަމަ އެހެންމެ ރަށްރަށަށް ދާންޖެހޭ ބައެއް ޓީޗަރުންވެސް އެރަށް ރަށަށް ނުދެވި ކިޔެވުން ފެށުނީ މުދައްރިސުން ހަމަ ނުވެއެވެ. ރާއްޖޭގެ މިވަގުތުގެ މައި އިދިކޮޅު ޕާޓީ އެމްޑީޕީންވެސް ވަނީ އެކަންބޮޑުވުން ފާޅުކޮށްފައެވެ. ދިރާސީ އައު އަހަރު ފެށުމާ ގުޅިގެން ދަރިވަރުންނަށާއި ބެލެނިވެރިން އަދި ޓީޗަރުންނަށް އައު އަހަރުގެ ތަހުނިޔާ ކިޔައި އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިރާސީ އައު އަހަރާ ކުރިމަތިލިއިރު، މޫސުމާ ގުޅުވައި ފުރަތަމަ ތިން ދުވަހުގެ ކިޔެވުން ކުރުގަޅުވާލައިފައި ވަނީ އައު އަހަރަށް އެޑިއުކޭޝަނުން ވާންޖެހޭ ތައްޔާރީތައް ނުވެ އޮތުމުގެ ސަބަބުން ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ ސްކޫލް ހުޅުވުނުއިރު ވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާއާއި ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ބެލެނިވެރިން ކުރަމުންދާ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވުން ފާޅުކުރާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާ ކަމުގެ ޝަކުވާ ވެސް ލިބެމުންދާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

ދިރާސީ އަހަރު ފެށޭ ތާރީހު މީލާދީ އަހަރާ ދިމާކުރުމަށް ދިރާސީ ކަލަންޑަރަށް މި ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން މިހާރު ވެސް ދަރިވަރުންގެ ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ ތަރުތީބަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޕާޓީން ވަނީ މި ފެށުނު ދިރާސީ އަހަރު އެޑިއުކޭޝަން މިނިސްޓަރީން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތައުލީމީ ދާއިރާއަށް ފައިދާހުރި، ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުންތަކަށް ހެދުމަށް އިލްތިމާސްކޮށްފަ އެވެ.

އެމްޑީޕީންވެސް އެފާހަގަ ކުރި އެކަންބޮޑުވުމަކީވެސް ގިނަ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ. ދަރިވަރުންނަށް ފިލާވަޅުތައް ދަސްކޮށްދީ ކިޔެވުމުގައި ގިނަ ވަގުތު ބައިތިއްބަން ޖެހުމުން ނުކުންނަ ނަތީޖާއާމެދު ހިތްހަމައެއް ނުޖެހެއެވެ. ކިޔަވައިދޭ ދުވަސްތައް މަދުވެ ގާތްގާތުގައި ޓެސްޓްތައް ހަދަން ޖެހޭތީ ކުދިންގެ ޝަކުވާވެސް ކުޑައެއް ނޫނެވެ. ސިލަބަސްތައް ކަވަރ ކުރުމަށް ކުރުގަންނަވާލަން ޖެހުމަކީ ޓީޗަރުންނަށްވެސް ފަސޭހަ ކަމެއް ނޫނެވެ. ފިލާވަޅުތައް ފަހުމް ވުމާއި ފަރިތަ ކުރުމަށްވެސް އެއީ ބޮޑު ހުރަހެކެވެ.

ކޮންމެއަކަސް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރު ދަރިވަރުންނާ ބެލެނިވެރިންގެ ކަންބޮޑުވުން އިންތިހާއެވެ. އެޝަކުވާތަކަށް ކުރިމަތިލާން ޖެހޭ ޓީޗަރުންގެ އުދާސްތައްވެސް ކުޑައެއް ނޫނެވެ. ދެން އޮތީ ނަތީޖާއަށް އިންތިޒާރު ކުރުމެވެ. ކުރުގަންނަވާލި ކުރުގަންނަވާލުމުގެ އަސަރު ފެންނާނީ ކިހާވަރަކަށްތޯ އަދި ކޮންގޮތަކަށްތޯ ބެލުމުގެ އިންތިޒާރީގައި ތިބުމެވެ.

- ކޮމެންޓް