ކ. މާލެ
|
21 މެއި 2024 | އަންގާރަ 22:57
ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރު އާދަމް ޝަރީފް ފުރާވަޑައިގަތުމަށް އެއަރޕޯޓުގައި
ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރު އާދަމް ޝަރީފް ފުރާވަޑައިގަތުމަށް އެއަރޕޯޓުގައި
ރައީސް އޮފީސް
ރައީސީގެ ޖަނާޒާ
ރައީސީގެ ޖަނާޒާއަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު އާދަމް ޝަރީފް
ޖަނާޒާގެ ރަސްމިއްޔާތު ފެށުނީ އަންގާރަ ދުވަހު ހެނދުނު ތަބްރީޒް ސިޓީގައި
ހިތާމަ ފާޅުކުރުމުގެ ގޮތުން، 21 މެއި 2024 ވީ އަންގާރަދުވަހުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައި

އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ރައީސް ޑޮކްޓަރ އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްލަހިޔާނަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވުމަށާއި، އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށާއި އަދި އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ދެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު، އީރާނަށް ފުރާވަޑައިގެންފިއެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރު އަވަހާރަވި ހިތާމަވެރި ޚަބަރާ ގުޅިގެން އީރާނުގެ އިންތިޤާލީ ރައީސް މުޙައްމަދު މުޚްބަރުއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފައެވެ. އަދި އީރާނަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅު، އެ ޤައުމުގެ ސަރުކާރާ ރައްޔިތުންނާއެކު ދިވެހި ސަރުކާރާ ރައްޔިތުން ތިބިކަން ވަނީ ހާމަކުރައްވައިފައެވެ.

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ރަސްމީގޮތުން ހިތާމަ ފާޅުކުރުމުގެ ގޮތުން، 21 މެއި 2024 ވީ އަންގާރަދުވަހުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.

ޖަނާޒާގެ ރަސްމިއްޔާތު ފެށުނީ އަންގާރަ ދުވަހު ހެނދުނު ތަބްރީޒް ސިޓީގައެވެ.

ރައީސީގެ ސަންދޯއްޕުޅު މައިދާނަށް ގެނެވުނީ ރަސްމީ އިއްޒަތުގައި ރިޔާސީ މަތިންދާބޯޓުގައެވެ.

އީރާންގެ ރަސްމީ ޓީވީން ބުނި ގޮތުގައި ތަބްރީޒް އިން ރައީސީގެ ސަންދޯއްޕުޅު ދެން ގެންދާނީ ޤޮމް ސިޓީ އަށެވެ. އޭގެ ފަހުން ވެރިރަށް ތެހެރާން ސަންދޯއްޕުޅު ގެންގޮސް ރައީސީ ފަސްދާނުލާނީ ބުދަ ދުވަހު ތެހެރާންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް