ކ. މާލެ
|
21 މެއި 2024 | އަންގާރަ 01:24
ނޮޓިންހަމް ފޮރެސްޓަށް އިރުޝާދު ދެމުން އަންނަ ސަންޓޯ
ނޮޓިންހަމް ފޮރެސްޓަށް އިރުޝާދު ދެމުން އަންނަ ސަންޓޯ
ރޮއިޓާސް
ނޮޓިންހަމް ފޮރެސްޓު
ފޮރެސްޓުން ވިސްނަނީ ކޯޗުކަމުގައި ސަންޓޯ ބަހައްޓަން
ރެލިގޭޝަން ޒޯންގެ ބިރު ބޮޑުވެފައި އޮތް ފޮރެސްޓު، ރެލިގޭޝަން ޒޯނުން ސަލާމަތްކޮށްދީފައިވާތީ، ފޮރެސްޓުގެ ވިސްނުން މިހާރު ހުރީ ސަންޓޯ މަގާމުގައި ބަހައްޓަން

ނޮޓިންހަމް ފޮރެސްޓުން ވިސްނަނީ އެ ކުލަބުގެ ކޯޗުކަމުގައި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯސް ބެހެއްޓުމަށް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ފޮރެސްޓުގެ ކޯޗުކަމާ ސަންޓޯ ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ސްޓީވް ކޫޕާ ވަކި ކުރުމަށްފަހު އެވެ. އުމުރުން 50 އަހަރުގެ ސަންޓޯ، ފޮރެސްޓުގެ ކޯޗުކަމާ ހަވާލުވީ ދެ އަހަރާ ބައިގެ މުއްދަތަކަށެވެ.

ސަންޓޯއާ ހަވާލު ކުރި އެންމެ ބޮޑު އެއް މަސައްކަތަކީ ނަތީޖާ ގޯސްވެފައި އޮތް ފޮރެސްޓުގެ ނަތީޖާ ރަނގަޅު ކުރުމެވެ. އޭނާ ހަވާލުވީ ފަހުން ފޮރެސްޓުން ވަނީ ޖުމުލަ 26 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ ހަތް މެޗުންނެވެ. 12 މެޗުން ބަލިވެފައިވާއިރު، ހަތް މެޗު ވަނީ އެއްވަރުވެފަ އެވެ.

ސަންޓޯގެ އިރުޝާދުގެ ދަށުން ވެސް ފޮރެސްޓަށް އެންމެ ރަނގަޅު ނަތީޖާއެއް ނުނެރެވޭތީ، އޭނާ ވަކި ކުރަން ކުލަބުން ވިސްނާ ކަމަށް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެހެން ނަމަވެސް، ރެލިގޭޝަން ޒޯންގެ ބިރު ބޮޑުވެފައި އޮތް ފޮރެސްޓު، ރެލިގޭޝަން ޒޯނުން ސަލާމަތްކޮށްދީފައިވާތީ، ފޮރެސްޓުގެ ވިސްނުން މިހާރު ހުރީ ސަންޓޯ މަގާމުގައި ބަހައްޓަން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ސަންޓޯގެ ކުރިމަގާ މެދު ފޮރެސްޓުގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށާއި، އެއަށްފަހު ސަންޓޯއާ ވެސް މަޝްވަރާ ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި މުސްތަޤުބަލަށް ކުރިއަށް އެޅޭނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރާނެ ކަމަށާއި، ގޮތެއް ނިންމާނީ އެއަށްފަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

2012 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ސަންޓޯ ވަނީ ވެލެންސިއާ، ޕޯޓޯ، ވުލްވްސް، ޓޮޓެންހަމް، އަދި އަލް އިއްތިހާދަށް ވެސް އިރުޝާދު ދީފަ އެވެ. ފޮރެސްޓާ ހަވާލުވުމުގެ ކުރިން ސަންޓޯ ހުރީ އަލް އިއްތިހާދުގެ ކޯޗުކަމުގަ އެވެ. އެ ކުލަބުން އޭނާ ވަކި ކުރީ، ނަތީޖާތައް ގޯސްވުމުގެ ސަބަބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް