އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ބަލިވެއްޖެ އެވެ.
ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ހޯމަަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ނޮޓިންހަމް އިން ވަނީ 2-1 އިން އެ ޓީމުގެ މައްޗަށް ކުރި ހޯދައިފަ އެވެ.
މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖަހައި ކުރި ހޯދީ ނޮޓިންހަމް އިންނެވެ. އޭގެ ފަހުން ޓޮޓެންހަމް އިން ވަނީ މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ނޮޓިންހަމް އަށް ލީޑު ނަގައިދިނީ އެލިއޮޓް އެންޑަސަން އެވެ. އެއީ ނިކޮލަސް ޑޮމިންގުއޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
އޭގެ ފަހުން މެޗުގެ 16 ވަނަ މިނެޓުގައި ނޮޓިންހަމް އަށް ލީޑު ފުޅާ ކޮށްދިނީ ކްރިސް ވުޑް އެވެ. އެއީ އެންތަނީ އަލަންގާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
މެޗުގެ ދެ ވަނަ ހާފުގައި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ޖެހީ ރިޗާލިސަން އެވެ.
މިއީ މި ސީޒަންގެ ލީގުގައި ޓޮޓެންހަމްގެ 18 ވަނަ ބައްޔެވެެ. މިހާތަނަށް ކުޅެފައިވާ 33 މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 11 މެޗުންނެވެ. ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. 37 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތީ 16 ވަނައިގަ އެވެ.
ޓޮޓެންހަމް އަތުން މޮޅުވި ނޮޓިންހަމް އޮތީ 33 މެޗުން 60 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.