އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ އެވެ.
ފޮރެސްޓުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 1-0 އިން ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ފޮރެސްޓުން އެ ޓީމުގެ ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.
މެޗުގައި ސިޓީ އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. މެޗު ފަށައިގެން ކުރީ ކޮޅު، ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑު އާލިން ހާލަންޑު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
އޭގެ ފަހުން ފޮރެސްޓުގެ އޭރިޔާ ބޭރުން ލިބުނު ފުރުސަތެއްގައި ސިޓީގެ ނިކޯ ގޮންޒާލޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ. ފޮރެސްޓުގެ އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި ސިޓީގެ ފިލް ފޮޑެން ފޮނުވާލި ބޯޅަ ބްލޮކުވީ، ފޮރެސްޓުގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ފޮރެސްޓުން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށް، ސިޓީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ފޮރެސްޓުން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ސިޓީގެ ގޯލު ކީޕަރު އެޑާސަން އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް ފޮރެސްޓުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ސިޓީގެ އޭރިޔާ ބޭރުން ލިބުނު ފުރުސަތެއްގައި ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ، ގޯލަށް ބޯޅަ ވައްްދާލައިގެން ފޮރެސްޓަށް ލީޑު ނަގައިދިނީ ކަލުމް ހަޑްސަން އޮޑޯއި އެވެ.
މިއީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ސިޓީގެ ނުވަ ވަނަ ބައްޔެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 28 މެޗުގެ ތެރެއިން 14 މެޗުން ސިޓީ މޮޅުވެފައިވާއިރު، ފަސް މެޗު ވަނީ އެއްވަރުވެފަ އެވެ.
ލީގު ތާވަލްގެ ހަތަރު ވަނައިގައި ސިޓީ އޮތީ 47 ޕޮއިންޓާ އެކު އެވެ. ސިޓީ އަތުން މޮޅުވި ފޮރެސްޓަށް ތިން ވަނައިގައި ލިބެނީ، 28 މެޗުން 51 ޕޮއިންޓެވެ.