ކ. މާލެ
|
19 މެއި 2024 | އާދީއްތަ 15:52
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ރާއްޖެއެމްވީ
ފާރެއް ވެއްޓި ކުއްޖަކަށް އަނިޔާވުން
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް
ފަޔަށް އެކިވަރުގެ އަނިޔާތައް ލިބިފައިވޭ
10 އަހަރުގެ ފިރިހެންް ކުއްޖަކަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހު
ވެއްޓުނު އެ ފާރަކީ ގާތްގަނޑަކަށް 6 ފޫޓުގެ ދުވަސްވީ ފާރެއް

ތ. ކަނޑޫދޫގައި ފާރެއް ދަށުވެ، އަނިޔާވި ކުއްޖާ ސްޓޭބަލް ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ އޮފިޝަލެއް ވިދާޅުވީ އެކުއްޖާ އޮތީ މިހާރު އޮބްޒަވޭޝަންގައި ކަމަށާއި، ހާލު ސްޓޭލަބް ކަމަށެވެ. ލިބިފައިވާ އަނިޔާތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ ހަށިގަނޑުގެ ދެ ތަނެއް ފްރެކްޗަރވެފައިވާ ކަމަށެވެ. އަދި ފަޔަށް އެކިވަރުގެ އަނިޔާތައް ވެސް ލިބިފައިވާ ކަމަށެވެ.

ތ. ކަނޑޫދޫގައި ފާރެއް ދަށުވެ، 10 އަހަރުގެ ފިރިހެންް ކުއްޖަކަށް އަނިޔާވީ 17 މެއި 2024 ވީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ އެރަށުގެ ސިއްހީ މަރުކަޒުގައެވެ. އަދި އިތުރު ފަރުވާއަށް މާލެއަށް ގެނެސްފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

މި ފާރު ވެއްޓުނު ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާއިރު، ގާތްގަނޑަކަށް 6 ފޫޓުއެއް އެފާރަކީ ދުވަސްވީ ފާރެއް ކަމަށާއި، އެއީ މީހުން ދިރިއުޅޭ ގެއެއްގެ ވަށާފާރު ކަމަށް އެރަށުގެ ކައުންސިލުން މައުލޫމާތުދެއެވެ.

ދުވަސްވީ އެ ފާރުގައި ހުރި ސިމެންތި ޖަހައި އައުކޮށްފައެވެ. ނަމަވެސް އެ ވެއްޓުނީ މޫސުން ގޯސްވެ ވަރަށް ބޮޑަށް ވައިގަދަވި ވަގުތެއްގައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ނުރައްކާތެރި ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ. ގަސްތައް ވެއްޓުމާއި، ފުރާޅު އެއްލާލުމުގެ ހާދިސާތައް ހިނގަމުންދާއިރު، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް