އިމަޖެންސީގައި އައިޖީއެމްއެޗަށް ހޯމަ ދުވަހު ހެނދުނު ގެންދިޔަ މީހަކު، މަރުވެފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހޯމަ ދުވަހު ހެނދުނު 10:10 ކަންހާއިރުގައި އައިޖީއެމްއެޗަށް އެމަޖެންސީކޮށް ޑޮކަޓަރަށް ދައްކަން ގެންދިއަ މއ. ސައިނޯސަރު، އުމުުރުން 43 އަހަރުގެ މުޙައްމަދު ރަޝީދު ނަމަކަށް ކިޔާ މީހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ގޭގެ ކޮޓަރީގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން ކަމަށާއި އަދި އޭނާ ހޮސްޕިޓަލަށް ގެންދިއައިރުގައި ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވެސް ވަނީ މިކަން ރާއްޖެ އެމްވީ އަށް ކަށަވަރުކޮށްދެއްވާފައި އެވެ. އޮފިޝަލް ވިދާޅުވީ މިއަދު ހެދުނު އެމަޖެންސީކޮށް ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލަށް ގެނައި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އަދި ނިޔާވި އެމީހާ އަދިވެސް އޮތީ އެ ހޮސްޕިޓަލުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ތަހުގީގުކޮށް އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.