ކ. މާލެ
|
19 މެއި 2024 | އާދީއްތަ 14:04
ބްރައިޓަންގެ ކޯޗު ޑި ޒާބީ
ބްރައިޓަންގެ ކޯޗު ޑި ޒާބީ
ރޮއިޓާސް
ބްރައިޓަން
ސީޒަން ނިމުމުން، ޑި ޒާބީ ބްރައިޓަން ދޫކޮށްލަނީ
އިތުރަށް އޭނާ ބުނީ، މުސްތަޤުބަލާ މެދު ގޮތެއް ނިންމުމުގެ ކުރިން ކުޑަ ބްރޭކެއް ވެސް ބޭނުންވާ ކަމަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަނަށް އިރުޝާދު ދެމުން އައި ރޮބާޓޯ ޑި ޒާބީ، މި ސީޒަން ނިމުމުން އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

އިޓަލީ އަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ ޑި ޒާބީ މިހެން ނިންމީ، ބްރައިޓަންގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ. ޑި ޒާބީގެ އިރުޝާދުގެ ދަށުން ބްރައިޓަން ކުޅޭނެ އެންމެ ފަހު މެޗަކީ، ލީގުގައި އާދިއްތަ ދުވަހުގެ ރޭ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑި ޒާބީ ބުނީ، ބްރައިޓަން ދޫކޮށްލަން ޖެހޭތީ އޭނާ ވަރަށް ދެރަވާ ކަމަށެވެ. އެހެން ނަމަވެސް، އޭނާގެ ކުޅުންތެރިންނާމެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށާއި، އޭނާ އާއެކު މަސައްކަތް ކުރި ކޯޗިން އޮފިޝަލުންނާ މެދު ވެސް އުފާވާ ކަމަށެވެ. އަދި ކުލަބުގެ އެންމެހާ އިސްވެރިންގެ ފުރިހަމަ ސަޕޯޓު އޭނާ އަށް ލިބުނުކަން ޑި ޒާބީ ވަނީ ފާހަގަކޮށްފަ އެވެ. ވަކި ޚާއްސަކޮށް ބްރައިޓަންގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މީގެ އިތުރުން ޑި ޒާބީ ބުނީ، ޕްރިމިއާ ލީގުގައި ބްރައިޓަނާ އެކު ކުރަން ޖެހުނީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، އެ މަސައްކަތުގައި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެކަންކަމާއެކު ކުރިއަށް ގޮސް، ކުރެވުނު މަސައްކަތާމެދު ހިތްހަމަ ޖެހޭ ކަމުގައި ޑި ޒާބީ ބުންޏެވެ. އިތުރަށް އޭނާ ބުނީ، މުސްތަޤުބަލާ މެދު ގޮތެއް ނިންމުމުގެ ކުރިން ކުޑަ ބްރޭކެއް ވެސް ބޭނުންވާ ކަމަށެވެ.

ބްރައިޓަންގެ ކޯޗުކަމާ ޑި ޒާބީ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބު ވަނީ 88 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 38 މެޗުންނެވެ. 28 މެޗުން ބަލިވެފައިވާއިރު، 22 މެޗު ވަނީ އެއްވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް