ކ. މާލެ
|
17 މެއި 2024 | ހުކުރު 20:57
އެޕޯލޯ ޓަވަރުން ފެންސް ވަޔާ އެއްލާލާފައި
މޫސުން ގޯސްވުން
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
އެޕޯލޯ ޓަވަރުގައި ޖަހާފައިވާ ފެންސްތަކެއް ވަޔާ ދާތީ އެމަގު ބަންދުކޮށްގެން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން

ވައިގަދަވެ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގައި އިމާރާތްކުރަމުންދާ އެޕޯލޯ ޓަވަރުގައި ޖަހާފައިވާ ފެންސްތަކެއް ވަޔާ ދާތީ އެމަގު ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެވީޑިއޯ އާއެކު ފުލުހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މޫސުން ގޯސްވާއިރު ހިނގާފާނެ ހާދިސާއަކަށް ރައްކާތެރި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އަދި ހާދިސާތައް ހިނގުން ހުއްޓުވުމަށް ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އެޕޯލޯ ޓަވަރުގައި ޖަހާފައިވާ ފެންސްތައް ވަރަށް ބޮޑަށް ވަޔާއެކު ވެއްޓިފައިވާ މަންޒަރެވެ.

މިދުވަސްވަރު މޫސުން ގޯސްވާނެތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ވައިގަދަވާނެކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވެ ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މެޓް އޮފީހުން ބުނީ އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށެވެ. މީގެއިތުރުން ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް