ކ. މާލެ
|
16 މެއި 2024 | ބުރާސްފަތި 20:36
ބަހްރެއިންގެ ވެރިރަށް މަނާމާ ގައި ބުރާސްފަތި ދުވަހު ފެށުނު އަރަބް ލީގުގެ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބަހްރެއިންގެ ވެރިރަށް މަނާމާ ގައި ބުރާސްފަތި ދުވަހު ފެށުނު އަރަބް ލީގުގެ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސައުދީ ގެޒެޓް
އަރަބް ލީގު ސަމިޓް
ބައިނަލް އަގްވާމީ ގޮތުން ބަލައިގަންނަ މިނިވަން ފަލަސްތީން ދައުލަތަކަށް ސައުދީން ތާއީދު ކުރަން: ވަލީއަހުދު
ވަލީ އަހުދު ވިދާޅުވީ ސައުދީ އަރަބިއްޔާ އިން އަރަބިންގެ މައްސަލަތަކަށާއި ފަލަސްތީންގެ މައްސަލައަށް ޚާއްސަ ސަމާލު ކަމެއް ދޭކަމުގައި

ބައިނަލް އަގްވާމީ ގޮތުން ބަލައިގަންނަ މިނިވަން ފަލަސްތީން ދައުލަތަކަށް ސައުދީން ތާއީދު ކުރައްވާ ކަމަށާއި ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމބަރުކަން ލިބުމަށް ވެސް ތާއީދު ކުރައްވާ ކަމަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަދި އެގައުމުގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ފަލަސްތީން ދައުލަތައް ތާއީދު ކުރައްވާ ވާހަކަފުޅު ދެއްކެވީ ބުރާސްފަތި ދުވަހު ބަހްރެއިންގެ ވެރިރަށް މަނާމާ ގައި ފެށުނު އަރަބް ލީގުގެ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ވަލީ އަހުދުގެ ވާހަކަފުޅުގައި ގާޒާގައި އިޒްރޭލް ސިފައިން ހިންގަމުންދާ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލަށް ބާރު އެޅުމަށާއި، ފަލަސްތީންގައި ސުލްހަ ގާއިމް ކުރުމަށް މަސައްކަތް ކުރުމަށް ބައިނަލް އަގްވާމީ މުޖްތަމައަށް ގޮވާލެއްވިއެވެ.

އަރަބް ލީގުގެ 33 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ ސައުދީ އަރަބިއްޔާ އިން އަރަބިންގެ މައްސަލަތަކަށާއި ފަލަސްތީންގެ މައްސަލައަށް ޚާއްސަ ސަމާލު ކަމެއް ދޭކަމުގައެވެ. މިގޮތުން ހުސްވި އަހަރުގެ ނޮވެމްބަރު މަހު ފަލަސްތީންގެ މައްސަލައިގައި އަރަބި އަދި އިސްލާމިކް ސަމިޓްގެ ޚާއްސަ ބައްދަލުވުމެއް ސައުދީން އިންތިޒާމް ކުރިކަން ފާހަގަ ކުރެއްވިއެވެ.

ވަލީއަހްދު ވަނީ ރަތްކަނޑުގެ ސަލާމަތާ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ވާހަކަފުޅުގައި ބައްލަވާލައްވާފައެވެ.

ބަހްރެއިންގެ ރަސްގެފާނު ހަމަދް ބިން އީސާ އަލް ޚަލީފާގެ ވާހަކަފުޅުގައި މެދުއިރުމަތީގެ ސުލްހަ ގާއިމް ކުރުމަށް ބައިނަލް އަގްވާމީ ކޮންފަރެންސެއް އިންތިޒާމް ކުރުމަށް ގޮވާލެއްވިއެވެ. ރަސްގެފާނުގެ ވާހަކަފުޅުގައި ވެސް ފަލަސްތީނަށް ފުރިހަމަ މިނިވަންކަން ދިނުމަށް ބަހްރެއިން އިން ތާއީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ބަހްރެއިން ގައި ކުރިއަށް ދާ އަރަބް ލީގް ސަމިޓްގެ އެންމެ މުހިންމު މައުޟޫއަކަށް އޮތީ ގާޒާގެ މައްސަލަ އާއި ފަލަސްތީނަށް ފުރިހަމަ މިނިވަންކަން ދިނުމުގެ މައްސަލައެވެ.

ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ އެހެން ލީޑަރުންގެ ތެރޭގައި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދް އައް ތާނީ އާއި ޔޫއޭއީގެ ނައިބް ރައީސް އަދި ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް އާއި ކުވޭތުގެ ބޮޑުވަޒީރު ޝެއިޚް އަހްމަދު އަބްދުﷲ އަލް އަހްމަދު އައް ސަބާހް ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް