މި އަހަރުގެ މާރޗް މަހާއި އަޅާ ބަލާއިރު އެޕްރީލް މަހު ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓް ކުރި މިންވަރު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އަދި ޑެންގީ ހުން ފަދަ މަދީރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަމަށް އެޗްޕީއޭއިން ވަނީ އަލިއަޅުވާލާފައެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރުގެ މާރޗް މަހު ޑެންގީ ހުމުގެ 119 ކޭސް އަދި އެޕްރީލް މަހު 224 ކޭސް ވަނީ ފެނިފައެވެ. މިދިޔަ އަހަރު އެ އަދަދުތައް ހުރިގޮތަށް ބަލާއިރު މާރޗް މަހު ޑެންގީ ހުމުގެ 229 ކޭސް އަދި އެޕްރީލް މަހު 330 ކޭސް ވަނީ ފެނިފައެވެ. އެހެންކަމުން މި އަހަރުގެ މާރޗް މަހަށް ވުރެ އެޕްރީލް މަހު ޑެންގީ ހުމުގެ ކޭސްތައް އިތުރުވި ނަމަވެސް މިދިޔަ އަަހަރުގެ މި މުއްދަތާއި އަޅާ ކިޔާނަމަ ޑެންގީ ހުމުގެ ކޭސްތައް މަދުކަން ފާހަގަކޮށްލެވެއެވެ.
ޑެންގީ ހުން ފެތުރުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ޢިލްތިމާސްކޮށްފައެވެ.
އެގޮތުން ޑެންގީ އިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކުގެ ތެރޭގައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަނ،ް ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުމާއި ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ސަބަބަކީ މިއީ މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމަށް ވުމެވެ. އަދި ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުުރުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މީގެއިތުރުން ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތަކުގެ ތެރޭގައި ބަލި ފަސޭހަވުން އަވަސްވުމާއެކު ބަލި ފެތުރެމުން ވެސް ރައްކާތެރިވުމުގެ ގޮތުން ގިނައިން އަރާމުކުރުމާއި ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުމާއި ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެން، ލޮނުޕެކެޓް، ސޫޕް ފަދަ ތަކެތި ބޭނުން ކުރުން ހިމެނެއެވެ. އަދި ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭގެ އިތުރުން، ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ޑޮކްޓަރުން އިލްތިމާސްކުރެއެވެ.