ކ. މާލެ
|
11 މެއި 2024 | ހޮނިހިރު 14:16
ޢާއްމު މަޖިލީހުގެ ނިންމުމާއެކު އިޒްރޭލުން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގިލާޑް އޮރްދާން ވަނީ ކޯފާ އިސްކުރައްވާފަ
ފަލަސްތީންގެ މިނިވަންކަން
ފަލަސްތީނަށް މިނިވަންކަން ނުދޭން އެމެރިކާ އާއި އިޒްރޭލުން ކުރާ މަސައްކަތުގައި އެ ދެގައުމު ދުނިޔޭގެ ކުރިމަތީގައި ބާކީވެ އެކަހެރިވަނީ
އދ ގެ އާއްމު މަޖިލިހުގައި ނެގި ވޯޓުގައި ފަލަސްތީން، އދ ގެ ފުރިހަމަ މެމްބަރަކަށް ޝަރުތު ފުރިހަމަވާ ކަމަށް 143 ގައުމުން ވޯޓު ދިން، ނުފެންނަ ކަމަށް ވޯޓު ދިނީ 9 ގައުމަކުން

ފަލަސްތީނަށް މިނިވަންކަން ނުދޭން އެމެރިކާ އާއި އިޒްރޭލުން ކުރާ މަސައްކަތުގައި އެ ދެގައުމު ދުނިޔޭގެ ކުރިމަތީގައި ބާކީވެ އެކަހެރިވަމުންދާކަން އދ ގެ ޖެނެރަލް އެސެމްބްލީގައި ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދިނުމުގެ މައްސަލައިގައި ހުކުރު ދުވަހު ނެގި ވޯޓުން ހާމަވެއްޖެއެވެ.

2012 ވަނަ އަހަރުން ފެށިގެން ފަލަސްތީނަށް އދ ގައި ލިބިފައި އޮންނަނީ އޮބްޒާވަރެއްގެ ދަރަޖައެވެ.

ހުކުރު ދުވަހު އދ ގެ އާއްމު މަޖިލިހުގައި ނެގި ވޯޓުގައި ފަލަސްތީން އދ ގެ ފުރިހަމަ މެމްބަރަކަށް ޝަރުތު ފުރިހަމަވާ ކަމަށް 143 ގައުމުން ވޯޓު ދިން އިރު ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 9 ގައުމަކުންނެވެ. ވަކި ކޮޅަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓު ދިނީ 25 ގައުމަކުންނެވެ.

ނުފެންނަ ކަމަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އިޒްރޭލާއި އެމެރިކާ ހިމެނެއެވެ.

ވޯޓުގެ ނަތީޖާއާއެކު މުޅި ހޯލު އަތްތިލަބަޑީގެ އަޑުން ގުގުމައިގެން ދިޔައެވެ.

ގަރާރު ފާސްވުމުން ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ފުރިހަމަ މެމްބަރަކަށް ވުމަށް ސެކިއުރިޓީ ކައުންސިލްގައި ދެން ނަގާ ވޯޓް ކާމިޔާބު ވުމަށް މި ގަރާރުގެ ސަބަބުން ބާރު ލިބިގެންދާ ކަމުގައެވެ.

އދ ގެ އާއްމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މި ގާރާރު ފާސްވި ނަމަވެސް، ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ލިބިގެންދާނީ އދ ގެ ސެކުރިޓީ ކައުންސިލުގެ އިއްތިފާގުން މެމްބަރުކަން ދޭން ފާސްވުމުންނެވެ. މި ވަގުތައް ބަލާއިރު އެމެރިކާއިން ވީޓޯ ކުރުމުގެ ބާރު ބޭނުންކޮށްގެން އެ މައްސަލަ ފޭލް ކޮށްލާނެ ކަމަށް ބެލެއެވެ.

އަރަބި ގްރޫޕްގެ ފަރާތުން މި ގަރާރު ޢާއްމު މަޖިލިހަށް ހުށަހެޅުއްވީ، ޔޫއޭއީގެ އެމްބެސެޑަރ މުހައްމަދު އަބޫޝަހާބްއެވެ.

އާއްމު މަޖިލީހުގެ ނިންމުމާ ގުޅިގެން ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން މި ވަގުތައް ނުލިބުނަސް، ޑިޕްލޮމެޓިކް ޕްރިވިލެޖްތަކާއި، އެހެން ގައުމުތަކެކޭ އެއްގޮތައް ފަލަސްތީން ތަމްސީލް ކުރާ މަންދޫބުންނަށް އެހެން ގައުމުތަކާ އެއް ހަމައެއްގައި ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމާއި، އާއްމު މަޖިލީހުގައި ބޭނުން މައުޟޫއަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމާއި، އދގެ އާއްމު މަޖިލީހުން އިންތިޒާމް ކުރާ ބައިނަލް އަގްވާމީ ކޮންފަރެންސް ތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޢާއްމު މަޖިލިހުގެ މި ނިންމުމާއެކު އިޒްރޭލުން އދ ށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގިލާޑް އޮރްދާން ވަނީ ކޯފާ އިސްކުރައްވާފައެވެ. ވޯޓުގެ ފަހުން އާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ކޯފާ އިސްކުރައްވާ އޭނާ ވަނީ އދ ގެ ޗާޓަރ ވީދާލާފައެވެ. އަދި ހާޒިރުވެ ތިބި އެންމެންގެ ކުރިމަތީގައި ޝްރެޑަރަކަށް ލާ ޗާޓަރު ކުދިކުދި ކޮށްލާފައެވެ.

ފަލަސްތީނުން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޔާޒް މަންސޫރު ވޯޓާ ބެހޭ ގޮތުން ވިދާޅުވީ، އދ ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ލިބުމާއި، ފުރިހަމަ މިނިވަންކަން ފަލަސްތީނަށް ލިބުމުގެ މައްސަލައަކީ ބަހުސް ކުރަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމުގައެވެ. އޭނާ ވިދާޅުވީ އެއީ ފަލަސްތީނަށް ލިބިގެންވާ އަސާސީ ހައްގެއް ކަމުގައެވެ.

އޭނާ ވިދާޅުވީ ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމުގެ ވޯޓުގައި އިދިކޮޅަށް ވޯޓު ދިނުމުގެ މާނައަކީ "ދެ ދައުލަތުގެ ހައްލު" އަށް ދެކޮޅު ހެދުން ކަމުގައެވެ.

ވޯޓުގެ ނަތީޖާއާއެކު ފަލަސްތީންގެ މަންދޫބު ވަނީ އުފާފާޅު ކުރައްވާ ފަލަސްތީންގެ މިނިވަންކަމަށް ޖަލްސާ ކުރާ މާލަމުގައި ގޮވާލައްވާފައެވެ.

އާއްމު މަޖިލީހުގެ މި ވޯޓް ފަލަސްތީނަށް ކާމިޔާބުވި އިރު ވިލާތުގެ އިއްތިހާދުގެ ބައެއް ގައުމުތަކުން އަންނަނީ ފަލަސްތީންގެ މިނިވަންކަން ބަލައިގަތުމަށް ތައްޔާރުވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވިލާތުގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް ސްޕެއިންގެ އާރުޓީވީއީ އަށް ދެއްވި ބަސްދީގަތުމެއްގައި ބުރާސްފަތި ދުވަހު ވިދާޅުވީ، މެއި 21 ގައި ސްޕެއިން އިން ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމުގައެވެ. އޭގެ ކުރިން އޭނާވަނީ އަޔަރލޭންޑާއި، ސްލޮވީނިއާ އަދި މޯލްޓާ އިން ވެސް ފަލަސްތީންގެ މިނިވަންކަން ބަލައިގަންނާނެކަމުގައެވެ. ނަމަވެސް މިގައުމުތަކުން މިކަން އިއުލާން ކުރާނެ ތާރީޚެއް އޭނާ ވިދާޅެއް ނުވެއެވެ.

އދ. ގެ 193 މެމްބަރު ގައުމުގެ ތެރެއިން 139 ގައުމުން ދައުލަތެއްގެ ގޮތުގައި ފަލަސްތީން މިހާރުވެސް ބަލައިގަނެއެވެ. ނަމަވެސް މިކަން މިހާރަށް އޮންނަނީ ރަމްޒީ ގޮތެއްގައިކަން ފާހަގަ ކުރެވެއެވެ.

ހުސްވި މަހު ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ގޮވާލާ އދ ގެ ސެކިއުރިޓީ ކައުންސިލަށް އަލްޖީރިއާއިން ހުށަހެޅި ގަރާރު އެމެރިކާއިން ވަނީ ވީޓޯ ކޮށްފައެވެ. އެމެރިކާއިން ވީޓޯ ކުރަމުން ބުނެފައިވަނީ އަދި "މާ އަވަސް" ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް