ކ. މާލެ
|
7 މެއި 2024 | އަންގާރަ 19:17
އިންތިހާބީ މެންބަރުގެ ވީޑިއޯގެ ބޭނުން ހިފައި ރައީސް ޖެއްސެވީ މެޑަލް
އިންތިހާބީ މެންބަރުގެ ވީޑިއޯގެ ބޭނުން ހިފައި ރައީސް ޖެއްސެވީ މެޑަލް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
 
އިންތިހާބީ މެންބަރު ގޯސްކުރައްވާ ރައީސް އުޅުއްވީ އޭގެ ފައިދާ ނަންގަވަން
 
ވީޑިއޯ ކުރުމުގެ ކުރިން އިންތިހާބީ މެންބަރު ޝެއިހަށް ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަކުރި

މީސްމީޑިއާގައި މީގެ ދެތިން ދުވަހެއް ކުރިން އެންމެ ބާރަށް ހިނގި އެއް ވާހަކަ އަކީ އަދި އެންމެ ގިނައިން ދައުރުވާ އެއް ވީޑިއޯއަކީ ކުރީގެ ހޯމް މިނިސްޓަރު ޝެއިޙް އިމްރާންގެ ކާރުކޮޅުގައި ފިކަޕަކުން ޖެހުމުން ޕިކްޕު ޑްރައިވަރަށް ޝެއިޙް އިމްރާން މަޢާފްކޮށް ދެއްވުމަށާއި އަދި ޝެއިޙް އިމްރާންގެ ކާރުކޮޅަށް ލިބިފައިވާ ގެއްލުމުގެ ބަދަލު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް އިންތިޙާބުވި ހުސައިން އިމްރާން ލަތީފް ބުނާ ވީޑިއޯ އެކެވެ.

އެ ވީޑިއޯގައި އިމްރާން ލަތީފް, ޝެއިޙް އިމްރާން އަށް ނިސްބަތްކޮށް އެކްސިޑެންޓް ޕޮލިހަށް ރިޕޯޓް ކުރުމުގެ ބަދަލުގައި އެފަރާތަށް މާފުކޮށް ދޫކޮށްލުމަށާއި ޝެއިޙްގެ ކާރަށް ލިބުނު ގެއްލުމުގެ ބަދަލު އިމްރާން ލަތީފް ދޭނެކަމަށް ބުނެއެވެ. އަދި ޝެއިޙް އިމްރާން އެ އެކްސިޑެންޓް ޕޮލިހަށް ރިޕޯޓްކުރުމަކީ ޝެއިޙް އިމްރާން ކުރާ ކުށެއްކަމަށް ދެއްކުމަށް މަސައްކަތްކޮށްފައިވެއެވެ.

ކޮންމެއަކަސް މާފް ކުރުމަކީ ރީތި އާދައެކެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެނުނީ ހަމަ ފުރިހަމަ މަންޒަރުތޯއެވެ. އެ ވީޑިއޯގައި ކަންކަން ހިނގީ ހަމަ އެހެންތޯއެވެ. ނޫނެވެ. މިތަނުގައި ދެއްކުންތެރިކަން އިންތިހާއެވެ. މި ވީޑިއޯގެ ކުރިން ލައްކަ ކަމެއް ހިނގައިދިޔައެވެ.

ކަން ހިނގި ގޮތަށް ބަލާއިރު، ޝެއިޚް އިމްރާން ދަތުރުކުރައްވަމުން ގެންދެވި ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމުން, ފުލުހުން އެ ސީނަށް ހާޒިރު ވަންދެން ޝައިޚް އިމްރާން އަދި ޕިކަޕް ދުއްވި ޑްރައިވަރު މަޑުކޮށްގެން ތިއްބާ, އިންތިޚާބީ މެންބަރު އިމްރާން ލަތީފް އެތަނަށް ގޮސް, ޝެއިޚް އިމްރާނަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށް, ސްޓަންޓެއް ޖައްސަން މަސައްކަތް ކުރީއެވެ.

އެ މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި، އެކްސިޑެންޓުވުމުން ޝެއިހް އިމްރާން ކާރުން ފޭބުމާއެކު އިންތިހާބީ މެންބަރު އިމްރާން ވަނީ އެތަނަށް ގޮސް ހަޑި ހުތުރުބަހުން އެއްޗެހި ގޮވާ ފުރައްސާރަކޮށްފައެވެ. އަދި ޕިކަޕް ޑްރައިވަރު ކައިރީގައި ހާސްނުވާށޭ ބުނެ ޝެއިހް އިމްރާނަކީ ގައުމު 'ދަވާލައިގެން' ތިބި މީހުންނޭ ބުނެ މިނިލިއަނުން ރުފިޔާ އޮންނާނެކަމަށް ބުނި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

"ކަލެއާ އަލިޕީ (އަލީ ޒާހިރު) އާއި އަލީ ޒައިދު އާއި މީ މިގައުމު ފަސާދަކޮށްފައި ތިބި މީހުން. ވަރަށް ހިތްހަމަޖެހޭ ރުޅި އަރުވާލެވުނީމަ" މިހެން އިންތިހާބީ މެންބަރު އިމްރާން ބުނި ކަމަށް މަންޒަރު ބަލަން އެތަނުގައި ހުރި މީހަކު ކިޔައިދިނެވެ. އަދި ވީޑިއޯ ހަދާ ސޯޝަލް މީޑިއާއަށް ދޫކޮށްލީ، އިންތިހާބީ މެންބަރުގެ ވާހަކަތަކަށް ޝެއިހް އިމްރާން ރައްދެއް ނުދިނުމުންނެވެ.

އިމްރާން ލަތީފްގެ އެ ވީޑިއޯއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެ އަމިއްލައަށް ގާނޫނު ތަންފީޒު ކުރަން ފެށުމުން ރައްދުވީ މަލާމާތެވެ.

މި ވީޑިއޯ އާއްމުވުމުން، ރައީސް ޑރ. މުއިއްޒު ކުރައްވާފައިވާ ޓުވީޓްގައި ވިދާޅުވެފައިވަނީ'މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން! ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވޭ. އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ވެފައިވޭ. ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ! އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ'މިހެންނެވެ.

މި ޓުވީޓުގައި ވިދާޅުވެފައިވާ "މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ" އެ ބުނަނީ ކާކު ކުރި ކުށެއްގެ ނާޖާއިޒު ފައިދާ، ކާކު ނަގަން މަސައްކަތްކުރި ވާހަކަ ތޯއެވެ. އިމްރާން ލަތީފުގެ ވީޑިއޯގައި މަސައްކަތްކޮށްފައިވަނީ ޝެއިޙް އިމްރާން ކުށެއްކުރެއްވިކަމަށް ދައްކުވައި ދޭށެވެ. އެހެންކަމަށްވާނަމަ އޭގެ ފައިދާ ނަގަން މަސައްކަތްކުރީ އިމްރާން ލަތީފެވެ. އަދި ފަޟީހަތް ކުރުމަށް މަސައްކަތް ކޮށްފައިވަނީ ޝެއިޙް އިމްރާނެވެ.

އެހެންކަމަށްވާނަމަ ރައީސް ޑރ. މުއިއްޒުގެ ޓްވީޓުގައި އެ ވިދާޅުވަނީ ޝެއިޙް އިމްރާން ކުށެއް ކުރެއްވީ ކަމަށާއި އެ ކުށުގެ ނާޖާއިޒު ފައިދާ ނަންގަވާ، ޝެއިޙް އިމްރާން ފަޟީހަތްކުރުމަށް އިމްރާން ލަތީފް ކޮށްފައިވާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އިމްރާން ލަތީފުގެ ވީޑިއޯއިންނާއި ރައީސް ޑރ. މުއިއްޒުގެ ޓްވީޓަށް ބަލައިލުމުން އެ 2 ބޭފުޅުން ވެސް ކުރައްވާފައިވަނީ އެއް ކަމެއްކަމަށް ބެލެވިދާނެއެވެ. ސަބަބަކީ އިމްރާން ލަތީފް ވެސް ރައީސް ޑރ. މުއިއްޒު ވެސް ވިދާޅުވަނީ ޝެއިޙް އިމްރާން ކުށެއްކުރެއްވި ކަމަށެވެ.

އަދި އަނެއްކޮޅަށް ބަލާއިރު، އިންތިހާބީ މެންބަރު ކުރި ކަންތައް ގޯސްކަމަށް ދައްކަވާ ރައީސް ކުރެއްވި ޓްވީޓަކީ އެމަނިކުފާނުގެ ރަނގަޅުކަން އަދި ހެޔޮލަފާކަން ދެއްކެވުމަށް ކުރެއްވި ދެއްކުންތެރި މަސައްކަތެއް ނޫން އިތުރު ކޮންކަމެއްތޯއެވެ. އިންތިހާބީ މެންބަރު އިމްރާންގެ މި ވީޑިއޯއާއި ރައީސްގެ މި ޓްވީޓާ ނިކަން ގާތްގާތުން އައިސް ގުޅިފައިވުމަކީ ހަމަ އިއްތިފާގެއް ހެއްޔެވެ. ނޫނީ ރޭވިގެން ރައީސް މެޑަލް ޖައްސަވަން ކުޅުއްވި ޑްރާމާއެއް ހެއްޔެވެ. ތިބޭފުޅުން ގޮތް ނިންމަވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
33%
0%
67%
ކޮމެންޓް