ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަކުރުމަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް 7 މެންބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުވައިގެން 19 ވަނަ މަޖިލީހުން އެ އިސްލާހު ފާސްކޮށްދިނުމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވާފައި މެންބަރު ރޮޒެއިނާ ވިދާޅުވީ މި ބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ މަޖިލީހަށް އިންތިޚާބުވާ މެންބަރުން ތެރޭގައި އަންހެނުން ހިއްސާ ކަށަވަރުކުރުމަށާއި، ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުމަށާއި، ރައްޔިތުންގެ މެދުގައި އަންހެނުން ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތަކެއް ހުޅުވާލަދީ ސިޔާސީ މައިދާނުގައި އަންހެނުން ނިސްބަތް އިތުރު ކުރުން ކަމަށެވެ.
މެންބަރު ރޮޒެއިނާ ވިދާޅުވީ ފުރުސަތު ހަމަހަމައަށް ދިނުމުން ހަމަހަމަކަން ގާއިމްކުރެވޭތޯ އެއީ މިއަދު އުފައްދަންޖެހޭ ސުވާލެއް ކަމަށެވެ. މަޖިލީހަށް އިޝާރަތް ކުރައްވައި މެންބަރު ރޮޒައިނާ ވިދާޅުވީ 90 ފިރިހެނުން އިންތިޚާބުވާއިރު، 3 އަންހެނުން އިންތިޚާބުވުމަކީ ހަމަހަމަވުން ނޫން ކަމަށެވެ. ގާނޫނުން ކަނޑައަޅާފައި އޮންނަ ގޮތަކަށް ރައްޔިތުން ވޯޓުލާ ކަމަށާއި، ސިޔާސަތު ބައްޓަން ކުރާއިރުގައި ހަމަހަމަކަން ގެނައުމަށް އެ ސިޔާސަތުތައް ބައްޓަން ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލްތަކަށް ވެސް ކޯޓާ ކަނޑައެޅިކަން ފާހަގަކުރައްވައި މެންބަރު ރޮޒެއިނާ ވިދާޅުވީ މިއަދު ކައުންސިލްތަކުގައި ހަމަހަމަކަމާއެކު އަންހެނުންނާއި ފިރިހެނުން ތިބޭ ކަމަށާއި، ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގައި ވެސް އަންހެނުންނަށް ޚާއްސަ ކޯޓާއެއް ކަނޑައަޅައި، މަސައްކަތްކޮށްފިނަމަ ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް މެންބަރު ރޮޒެއިނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރީބައިގައި އިލެކްޝަންސް ކޮމިޝަނަށް ވެސް އަންހެނުން ކުރިމަތިލާނެ ދާއިރާތައް ކަނޑައެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އަޅުގަނޑު މިކަން މިސާލަކުން ފާހަގަކޮށްލާނަން. ހަސަންއާއި އަހުމަދަކީ އެއްބަނޑު ދެމީހުން. ނަމަވެސް ހަސަންއަކީ އިސްކޮޅުން ކުރު ކުއްޖެއް. އަހުމަދަކީ އިސްކޮޅުން ދިގުކުއްޖެއް. މިދެކުދިން އެއްކޮށް ރެސްޓޯރަންޓެއްގައި ކާން ތިއްބައި ޖެހިގެން އޮތް ފުޓްބޯޅަ ދަނޑުގައި ފުޓްބޯޅަ ކުޅޭ އަޑު މާ ފޯރިއާއެކު އިވުނީމަ ދެކުދިން ވެސް އެމެޗްގެ ތަންކޮޅެއް ބަލާލަން މިދިޔައީ. ދިޔައިރުގައި ދަނޑުގެ ފާރު ވަރަށް އުސްކޮށްހުރީމަ ދެކުދިންގެ ކުރެ އެއްވެސް ކުއްޖަކަށް ދަނޑުގެ އެތެރޭގައިވާ ކަމެއް ފެންނާކަށް ނެތް. އެހެންކަމުން ރެސްޓޯރަންޓުން ދެގޮނޑި ހިފައިގެން އައިސް ދެގޮނޑި މައްޗަށް އަރައިގެން ފާރުމަތިން ބެލޭތޯ މި މަސައްކަތް ކުރީ. ކުރީއިރުގައި އަހުމަދަށް ގޮނޑި ބެހެއްޓީމަ ފާރުމަތިން އެބަ ފެނޭ ދަނޑު އެތެރެ. އެހެންނަމަވެސް ހަސަންއަކަށް ގޮނޑި ބެހެއްޓީމަ ވެސް ދަނޑުގެ އެތެރެފާރު މައްޗަކުން ނުފެނޭ. ދެން އިރުއިރުކޮޅާ ހަސަން އަހުމަދުގެ ގައިގައި ކޮއްޓާލަ ކޮއްޓާލަ އަޑު ގަދަވާއިރަށް މިހާރު ކިހިނެތްހޭ އެވީ އަހަމުން އެގެންދަނީ. އެކަންބޮޑުވެގެން އަހުމަދު މިބުނަނީ ހަސަން ކައިރީގައި ތިމަންނަގެ ގޮނޑި ވެސް ނަގާފައި އަރާފައި ބަލާލަ ބަލާާށޭ ވާގޮތެއް. އަހުމަދު މިހަތަށް އެރީ ހަސަން ވެސް އެދަނޑުގައި ހިނގާކަމެއް ބަލާލުމުގެ ފުރުސަތު ދޭން ވާނެ ކަމަށް. މިވާހަކައިން ދައްކާދެނީ ހަގީގަތުގައި އިކުއަޓީއާއި އީކުއާލިޓީއަކީ ތަފާތު ކަމެއްކަން. ހަމަހަމައަށް ފުރުސަތު ދިނަސް ހަމަހަމަކަން ހުރިހާ ފަހަރަކު ނުލިބޭކަން. ހަސަން އާއި އަހުމަދު އެއްކަހަލަ ގޮނޑިއަކަށް އެރިއަސް އެފާރުމަތިން އަހުމަދަށް ބެލުނަސް ހަސަން އަކަށް ނުބެލޭކަން. ހަސަންއަށް އިތުރު އެހީތެރިކަމެއް އެކަމަށްޓަކައި ބޭނުންވެއްޖެކަން.އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
މީގެ ކުރިން ރާއްޖޭގެ ގާނޫނު އޮތްގޮތުން ވެރިކަމަށް ވެސް ކުރިމަތިލެވެނީ 45 އަހަރުން މަތިވުމުންކަން ފާހަގަކުރައްވައި މެންބަރު ރޮޒެއިނާ ވިދާޅުވީ އެ ގާނޫނަށް ވެސް އިސްލާހު ހުށަހަޅައިގެން ބަދަލުކުރީ ކަމަށެވެ. އެހެންކަމުން މިއަދު 35 އަހަރަށްވުރެ މަތިވުމުން ވެރިކަމަށް ކުރިމަތިލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވީމަ އަޅުގަނޑުމެން ގާނޫނުތަކުން ގެންނަ ބަދަލުން ރައްޔިތުން ވޯޓުލާ ގޮތުގެ އެބަދަލުތައް ހަމަހަމަކަން ގެންނަން އަޅުގަނޑުމެންނަށް އެމަސައްކަތް ކުރެވޭނެ. އަދި އެކަމަކީ ގާނޫނު އަސާސީން އެގޮތަށް ހަމަހަމަކަން ގެނައުމަށްޓަކައި އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ ގާނޫނު އަސާސީން ވެސް ތަންދޭ ކަމެއް. ރައްޔިތުން މަޖިލީހުން އަންހެނުން ކުރިމަތިލާން ގާނޫނީ ގޮތުން ހުރަހެއް ނެތް. ނަމަވެސް ފިރިހެނުންނަށް ނުހުންނަ އެތައް ގޮންޖެހުންތަކެއް އަންހެނުންނަށް ހުންނަކަން އެއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތެއް. މިދައްކަނީ ވަކި ފިރިހެނެއްގެ ވާހަކަ ވަކި އަންހެނެއްގެ ވާހަކައެއް ނޫން. އަޅުގަނޑުމެން މިދައްކަނީ އެވްރެޖް ގޮތެއްގައި ފިރިހެނުންނަށް ހުންނަ ފުރުސަތުތަކަށް ވުރެ އަންހެނުންނަށް މިމަސައްކަތް ކުރަން ނުކުންނައިރު ދިމާވާ ގޮންޖެހުންތަކާއި ލިބޭ ފުރުސަތުތައް ކުޑަ ވާހަކަ. ފުރަތަމަ ކަމަކަށްބަލާއިރު ފައިސާ. ފިރިހެނުންގެ އަމިއްލަ ފައިސާގެ މިނިވަންކަން އޮންނަ ވަރަށް އަންހެނުންގެ ނޯންނަކަން. ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވަނީ ކިތައް އަންހެނުންތޯ. މިހާރު ސޯޝަލް މީޑިއާގައި އަންހެނުންނަށް މި ފުރައްސާރަ ކުރާވަރު އެހާމެ ބޮޑު ގޮންޖެހުމެއް. އެހެންކަމުން ރޭސް ފަށާއިރު ވެސް އަންހެނުން މިތިބެނީ މާފަހަތުގައި. އެހެންވީމަ އަންހެނުން އިތުރު ކުރާ ވާހަކަ މިދައްކަނީ ކޮންމެހެން މިތަނުގައި އަންހެނުންތަކެއް އަންހެނުންނަށްވީތީ ބައިތިއްބާކަށް ނޫން. އަންހެނުން ތިބުމަކީ ހަމަހަމަކަމާއެކު މަޖިލީހުގައި ތިބުމަކީ އެއީ މުޅި ގައުމަށް މުޅި މުޖުތަމައުއަށް ވެސް އޭގެ ފައިދާކުރާނެ ކަމަށްވާތީ.އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ދުނިޔޭގެ ދިރާސާތަކަށް އިޝާރާތް ކުރައްވައި މެންބަރު ރޮޒެއިނާ ވިދާޅުވީ ދެޖިންސް ހަމަހަމަކޮށް މަސައްކަތް ކުރުމުން ބިނާކުރަނިވި ހިޔާލާއި އުފެއްދުންތެރިކަމާއި މައްސަލަތައް ނިންމުމުގައި ރަނގަޅު ގޮތްތައް އިހްތިޔާރުކުރެވޭ ކަމަށެވެ. އދ ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޔާއަތްކޮށް މެންބަރު ރޮޒެއިނާ ވިދާޅުވީ އަންހެނުންގެ ބައިވެރިވުން އޮންނަ ރައްޔިތުން މަޖިލިސްތަކުގައި ސިއްހީ ދައިރާއާއި އަންހެނުންގެ ސިއްހަތާއި ގުޅުންހުރި ކަންކަމާއި، އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދުމުގައި އިތުރު ކުރިއެރުން ލިބޭ ކަމަށެވެ. އަދި ތައުލީމީ ދާއިރާއާއި، ކުޑަކުދިންގެ މައްސަލަތަކަށް އިތުރު ސަމާލުކަން ދޭކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިތަފާތު ފެންނަނީ މަޖިލީހެއްގައި މަދުވެގެން 30 ޕަސެންޓް މީހުން ތިބެގެންކަން ޔޫއެންގެ ރިޕޯޓުން ފެނޭ. އެއަށްވުރެ މަދުން ކަނޑައަޅާފިއްޔާ ލިބޭ އެޑްވާންޓޭޖް ލިބޭތަން ފެނުގައި އެބަ އުޅޭ މައްސަލަ. އެހެންވީމަ އަޅުގަނޑު ވެސް މިއިސްލާހު ހުށަހެޅިއިރުގައި 33 ޕަސެންޓް ކަމަށް ޖަހާފައި އެއޮތީ. އެކޯޓާ ކަނޑައަޅާއިރު ތަފާތު ގެނެވޭ ކޯޓާއެއް ކަނޑައަޅަންޖެހޭ. ރާއްޖޭގެ ހާލަތަށް ބަލާއިރު 2009 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގައި 77 މެންބަރުންގެ ތެރެއިން 5 އަންހެން މެންބަރު ތިބީ އެއީ 6.5 ޕަސެންޓް، 2014 ވަނަ އަހަރު 85 މެންބަރުންގެ ތެރެއިން 5 އަންހެނުން ތިބީ. އެއީ 5.9 ޕަސެންޓް. 2019 ގައި 87 މެންބަރުންގެ ތެރެއިން 4 އަންހެނުން ތިބީ. އެއީ 4.6 ޕަސެންޓް. އެއީ 2024 ގެ މަޖިލިހުގައި 93 މެންބަރުންގެ ތެރެއިން 3 އަންހެނުން ހޮވިފައި ތިބީ. އެއީ 3.2 ޕަސެންޓް. މި 19 ވަނަ މަޖިލިސް އޮތްއިރު ވެސް ދުނިޔޭގެ 192 ޕާލިމެންޓްގެ ތެރެއިން އަންހެނުންގެ ނިސްބަތަށް ބަލާއިރު ފަހަތުން 9 ވަނަ. އެހެންވީމަ މިހާރު 3.2 ޕަސެންޓަށް އައިމަ އަޅުގަނޑުމެން ދަށަށް މިވެއްޓުނީ. ހާލަތު މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ދަށަށް.އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާލައްވައި މެންބަރު ރޮޒެއިނާ ވިދާޅުވީ ވޯޓަށް ފައިސާގެ ނުފޫޒު މިހާރު ވަންނަ ގޮތަށް ވަންނަ ކަމަށްވާނަމަ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގައި އެންމެ އަންހެނަކު ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ 132 ގައުމެއްގައި ކޯޓާ އަންހެނުންނަށް މަޖިލިސްތަކުގައި ކަނޑައެޅިފައިވާއިރު، ރާއްޖޭގައި ވެސް ކޯޓާ ކަނޑައަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުގެ އިސްލާހުގައި މިއެދެނީ ކުރިއަށް އޮތް ތިން ދައުރަށް ބަހާލައިގެން ކޮންމެ ދާއިރާއަކު ވެސް އެއްފަހަރު އަންހެނަކު ރިޕަރެސެންޓް ކުރުމުގެ ފުރުސަތު ދެއްވާށޭ. މިއީ މާ ބޮޑު އެއްޗެއް ނޫން. މިދިޔަ 15 އަަހަރަށް ބަލާއިރު އަންހެނުންނަށް ތަމްސީލް ކުރެވިފައިވަނީ 10 ދާއިރާ. އިލެކްޝަނުން ކުރީބައިގައި މަސައްކަތްކޮށްފިނަމަ އަޅުގަނޑުމެންނަށް އަންހެން ރަނގަޅު އަންހެން ކެންޑިޑޭޓުންތަކެއް ތައްޔާރުކޮށް ވަރަށް ތަފާތު ބޮޑު މަޖިލީހެއް ފެނިގެންދާނެ.އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
މެންބަރު ރޮޒެއިނާ ވަނީ 7 މެންބަރުންގެ ކޮމެޓީއަކަށް މި އިސްލާހު ފޮނުވައި، މި ދައުރުގެ ތެރޭގައި މަސައްކަތް ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ. އަދި ކޮމެޓީ މަރުހަލާގައި ގެންނަންޖެހޭ ރަނގަޅު ބަދަލުތައް ގެނައުމަށް ވެސް މެންބަރު ރޮޒެއިނާ އެދިވަޑައިގެންފައިވެއެވެ. މަޖިލީހުން އަންހެނުންނަށް 33 އިންސައްތަ ކޯޓާއެއް ކަނޑައެޅުމަކީ ފިރިހެނުންގެ ހައްގު ގެއްލޭނެ ކަމެއް ނޫން ކަމަށް މެންބަރު ރޮޒެއިނާ ވިދާޅުވިއެވެ.